Roadha Mihaaru
ޖުނައިދަށް ތުހުމަތުކުރި ޖިންސީގޯނާގެ މައްސަލަތައް ބަލަނީ

ޖުނައިދުގެ މައްޗަަށް ތުހުމަތުކުރި ޖިންސީ ގޯނާގެ މައްސަލަތަކެއް ބަލަނީ

07 ނޮވެމްބަރ 2021

އެމްޕީއެލްގެ ކުރީގެ ސީއީއޯ އަދި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު ވެސް އަދާކުރެއްވި މުހައްމަދު ޖުނައިދުގެ މައްޗަށް ތުހުމަތުކޮށް ހުށަހެޅި ޖިންސީ ގޯނާގެ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޕީއެލްގެ ކުރީގެ ސީއީއޯ އަދި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު ވެސް އަދާކުރެއްވި މުހައްމަދު ޖުނައިދުގެ މައްޗަށް ތުހުމަތުކޮށް ހުށަހެޅި ޖިންސީ ގޯނާގެ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

އޭނާގެ މައްޗަށް މި ތުހުމަތުކުރީ އޭނާގެ ވިޔަފާރި ކުންފުނި، އޮންދިގޯގެ އަންހެން މުވައްޒަފެކެވެ. ސަރުކާރުގެ މަގާމުތަކުން ވަކިވެވަޑައިގެން ޖުނައިދު މިހާރު ހުންނެވީ އޮންދިގޯގެ ޗެއާމަން ކަމުގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އޮންދިގޯގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އެކަން މިހާރު އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ޖުނައިދަށް ތުހުމަތުކޮށް އަންހެން މުވައްޒަފު ސޯޝަލް މީޑިއާގައި ލިއެފައިވާ ގޮތުގައި، ވަޒީފާގެ މާހައުލުގައި އޭނާ އަށް ޖުނައިދުގެ ފަރާތުން ތަކުރާރުކޮށް ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހުނެވެ. އެކަންތައް ބޮޑުވެ، ގަދަކަމުން ގައިގައި އަތްލައި ޖިންސީ ގޯނާ ވެސް ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

އޮފީހުގެ ރަސްމީ ގަޑީގައި، ކެމެރާ ނެތް ތަނަކަށް ގެންގޮސްގެން ވެސް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު މުވައްޒަފުކޮށްފައިވެ އެވެ.

މުވައްޒަފު ލިއެފައިވާ ގޮތުގައި އޭނާ ވަނީ މި މަހުގެ އެކަކުން ފެށިގެން އެތަނުގެ ވަޒީފާ އިން ވަކިވެފަ އެވެ. މި މައްސަލަ ސޯޝަލް މީޑިއާގައި ލިއުނީ ޖުނައިދު ބަދުނާމުކުރަން ނޫން ކަމަށާއި އިންސާފު ބޭނުންވާތީ ކަމަށް ވެސް ބުނެފައިވެ އެވެ.

މި ހުރިހާ ތުހުމަތެއް ޖުނައިދު ދޮގު ކުރައްވަ އެވެ.

އެފަދަ އެއްވެސް ކަމެއް އޭނާގެ ފަރާތުން ހިނގާފައި ނުވާނެ ކަމަށާއި ތުހުމަތުތަކެއް އޭނާ "އަމިއްލަ އަށް" ހެދީ ވަޒީފާ އަށް ނުނިކުމެ އޮޅުވާލި މައްސަލައެއް ބަލަން އުޅުމުން ކަމަށް ވެސް ޖުނައިދު ވިދާޅުވި އެވެ.

"އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް، ދެ ދުވަސް ވަންދެން އޭޑީކޭގައި އެޑްމިޓްކޮށްގެން އޮފީހަށް ނާދެވުނީ ކަމަށް ބުނެގެން އެކަމުގެ ހަގީގަތް ބަލަން އުޅުވުމުން އެޅުވި ތުހުމަތުތަކެއް. ރިޒައިން ކުރީ ވެސް އެ މައްސަލައިގައި،" ޖުނައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތުހުމަތުތަކެއް ކުރުމުން ފުލުހުން ތަހުގީގު ކުރާ މައްސަލައަކަށް ވާތީ މާ ގިނަ ވާހަކަ ދައްކާކަށް ބޭނުމެއް ނުވެ އެވެ. އެކަމަކު އެ މުވައްޒަފާ ދެމެދު ފޯނުން ދެކެވުނު ވާހަކަތައް އެބަހުރި ކަމަށާއި ތުހުމަތުތަކުގައި އަސްލެއް ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.