Roadha Mihaaru
ތަހުގީގު ފުރިހަމަކޮށް ސަފާރީ ކޭސް އަލުން ޕީޖީއަށް

ސަފާރީގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ އަލުން ޕީޖީ އަށް

15 ޑިސެމްބަރ 2020

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އަލުން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އަލުން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މީޑިއާ އޮފިޝަލަކު ވިދާޅުވީ. އެ މައްސަލަ އަލުން ޕީޖީ އަށް ފޮނުވީ ޑިއުޓީ ޕްރޮސިކިއުޝަންގައި މަޝްވަރާކޮށް، ތަހުގީގުގައި އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަމަށް އެއްބަސްވެވުނު ކަންކަން ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ. މައްސަލަ ލިބިފައިވާ ކަން ޕީޖީ އޮފީހުން ވެސް ކަށަވަރުކޮށްދެ އެވެ.

އެކަމަކު، މި މައްސަލައިގެ ތަހުގީގުގައި ދައުވާކޮށްދޭން އެދުނީ ކިތައް މީހުންގެ މައްޗަށް ކަމެއް ދެ މުއައްސަސާ އިން ވެސް އަދި ނުބުނެ އެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރި ކެންޔާގެ އުމުރުން 27 އަހަރުގެ އަންހެންމީހާގެ ރައްޓެއްސެއްގެ ދައުވަތަކަށް ޕާޓީކުރަން ސަފާރީ އަކަށް ދިއުމުން ޖިންސީގޯނާކުރަން އުޅުނު މައްސަލައިގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެކަމަކު، ހައްޔަރުނުކޮށް ދެ މީހުން ދޫކޮށްލީ ސިޔާސީ ނުފޫޒާ އެކުގައި ކަމަށާއި މުޅި މި މައްސަލައިގައި ވެސް ފުލުހުން އަމަލުކުރި ގޮތާ މެދު ފާޑުކިއުން އަމާޒުވި އެވެ.

ކެންޔާގެ އަންހެންމީހާ "މިހާރު"އަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ އޭނާގެ "ޖިންސީ ގުނަވަންތަކުގައި އަތްލި" ކަމަށެވެ. ސަފާރީގެ ޑެކުގައި ހުރެފައި މޫދަށް ފުންމައިލީ، އުރަމައްޗާއި ފޫކޮޅުގައި އަތްލުމުން، އެފަދަ ކަމެއް އިތުރަށް ކުރިމަތިވިޔަ ނުދޭން ކަމަށް ބުނެފައިވެ އެވެ. ފަހުން އޭނާގެ ވަކީލުން ވިދާޅުވެފައި ވަނީ ތަހުގީގަށް މުވައްކިލު މިހާތަނަށް ދީފައިވާ ބަޔާންތަކުގައި، ކެންޔާގެ އަންހެންމީހާ މަރައިލާނެ ކަމަށް ބިރު ދައްކައި އެ ފަރާތުގެ ޖިންސީ ގުނަވަނުގައި ދަމައި ހިފައިގަނެ، ޖިންސީ އަނިޔާކުރި ފަރާތުގެ ޖިންސީ ގުނަވަނުގައި ހިފުމަށް އަންގައި ސަފާރީގައި ހުރި ކޮޓަރިއަކަށް ގަދަކަމުން ގެންދިއުމަށް މަސައްކަތް ކޮށްފައިވާ ކަން ހާމަވާން އޮތް ކަމަށެވެ.

ރާއްޖޭގައި އޭނާ އަށް ރައްކާތެރިކަމެއް ނެތް ކަމަށް ބުނެ، ތަހުގީގު ކުރިއަށް ދަނިކޮށް އަންހެންމީހާ ވަނީ އެނބުރި ކެންޔާ އަށް ގޮސްފަ އެވެ.

ފުލުހުން ބުނެފައި ވަނީ ސަފާރީ ކޭސްގައި ފުލުހުންގެ އަމަލުތަކާ މެދު ތުހުމަތުތައް ކުރިޔަސް އެ މައްސަލައިގެ ތަހުގީގުގައި ނުފޫޒެއް ނެތް ކަމަށެވެ. މި މައްސަލައިގައި ފުލުހުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް ޖަވާބުދާރީވާން ޖެހުނެވެ. އެންއައިސީން ވެސް މައްސަލަ ބެލި ނަމަވެސް ފަހުން ތަފްސީލެއް އާއްމެއް ނުކުރެ އެވެ.