Roadha Mihaaru
ކޮލަމްބޯގެ ޑްރީމަން ކެފޭގައި ދިވެހިންނަށް މެޗު ބެލޭނެ

ކޮލަމްބޯގައި ދިވެހިންނަށް މެޗު ބެލޭނެ އިންތިޒާމް ޑްރީމަން ކެފޭގައި

08 ނޮވެމްބަރ 2021

ކޮަލްމްބޯ (ނޮވެމްބަރު 8) - މިއަދު ފަށާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ މުބާރާތުގައި ރާއްޖޭގެ މެޗުތައް ބަލަން ދަނޑަށް ނުވަދެވޭ ދިވެހިންނަށް އެއްތަނެއްގައި ތިބެގެން މެޗު ބެލުމުގެ އިންތިޒާމް ކޮލަމްބޯގައި ހުންނަ ޑްރީމަން ކެފޭގައި ހަމަޖައްސައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކޮަލްމްބޯ (ނޮވެމްބަރު 8) - މިއަދު ފަށާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ މުބާރާތުގައި ރާއްޖޭގެ މެޗުތައް ބަލަން ދަނޑަށް ނުވަދެވޭ ދިވެހިންނަށް އެއްތަނެއްގައި ތިބެގެން މެޗު ބެލުމުގެ އިންތިޒާމް ކޮލަމްބޯގައި ހުންނަ ޑްރީމަން ކެފޭގައި ހަމަޖައްސައިފި އެވެ.

ކޮލަމްބޯގެ ކޮލުބޮވިލާގެ ކަޔަސްޕާ ރޯޑްގައި ހުންނަ ޑްރީމަން ކެފޭގައި ބޮޑު ސްކްރީން ބަހައްޓައިގެ މެޗު ބެލުމުގެ އިންތިޒާމް ހަމަޖައްސަން ނިންމީ ލަންކާގައި ދިވެހިންނަށް ޓިކެޓް ވިއްކާ އަގު ބޮޑުކަމުން ގިނަ ބަޔަކަށް ޓިކެޓް ލިބުމުގައި ދަތިތައް ހުރުމުންނެވެ.

ޑްރީމަން ކެފޭގެ ވެރިޔާ ޝިނާޒް ބުނި ގޮތުގައި ޓިކެޓްގެ އަގުތައް ހުރި ގޮތުން ވަރަށް ގިނަ ދިވެހިންނަށް ދަނޑަށް ނުވަދެވުމުގެ ކަންބޮޑުވުން ވަނީ އުފެދިފަ އެވެ. އެހެންވެ އެއްތަނެއްގައި ތިބެގެން މެޗު ބެލޭނެ އިންތިޒާމް ޑްރީމަން ކެފޭގައި ހަމަޖެއްސީ ލަންކާގައި ދިރިއުޅޭ ގިނަ ދިވެހިންގެ ވެސް އެދުމުގެ މަތިން ކަމަށް އޭނާ ބުންޏެވެ.

ޑްރީމަން ކެފޭ

ޑްރީމަން ކެފޭ

"ލަންކާގައި ދިރިއުޅޭ ދިވެހިންނާއި އެކި ކަންކަމުގައި ލަންކާ އަށް އަންނަ ދިވެހިން ވެސް ވަރަށް ގިނައިން ޒިޔާރަތް ކުރާނެ ޑްރީމަން ކެފޭ އަށް. މިކޮޅުގައި ދިރިއުޅޭ މީހަކަށް ވެއްޖެއްޔާ މިތަން އެނގޭނެ،" ލަންކާގައި ހުރި ޝިނާޒް ބުންޏެވެ.

"ގިނަ ދިވެހިން ދަނޑަށް ދާން ރޭވީ އާއިލާއާ އެކުގައި. އެކަމަކު ޓިކެޓް އަގު ހުރި ގޮތުން މުޅި އާއިލާއަށް ޓިކެޓް ގަނެގެން ދަނޑަށް ދިއުން އޮތީ އުނދަގޫ ކަމަކަށް ވެފައި. އެހެންވެ އަޅުގަނޑުމެން މި ހަމަޖެއްސީ ދިވެހި އާއިލާތައް އެކުގައި މިތަނަށް އައިސް މެޗު ބެލޭނެ އިންތިޒާމް."

އޭނާ ބުނީ ޑްރީމަން ކެފޭގައި ގޮނޑިޖެހުމުން 200 މީހުންނަށް ޖާގަ ހެދޭނެ ކަމަށެވެ. ލަންކާގައި ދިރިއުޅޭ ދިވެހިންގެ ކޮމިޔުނިޓީން ވަނީ ސަޕޯޓަރުންގެ ޖޯޒީ އޯޑަރު ކުރި މީހުންނަށް ޖޯޒީ ވެސް ޑެލިވާ ކޮށްދީފަ އެވެ.

ޑްރީމަން ކެފޭ

ޑްރީމަން ކެފޭ

"ގޭގައި ތިބެގެން ބަލައިލުމަށްވުރެ ގިނަ ދިވެހިންނަށް އާދެވޭ ތަނެއްގައި މެޗު ބަލާލަން ފޯރި ވެސް ގަދަ ވާނެ، ޖޯޒީ ވެސް ލައިގެން އަންނަން ދިވެހިން ކައިރީ އަޅުގަނޑުމެން މި ބުނަނީ،" ޝިނާޒް ބުންޏެވެ.

ލަންކާ އާއި ރާއްޖެ ކުޅޭ މެޗު ފަށާނީ ލަންކާ ގަޑިން މިރޭ 9 ޖަހާއިރު އެވެ. އެއީ ރާއްޖޭ ގަޑިން މިރޭ 8:30 ގަ އެވެ. މެޗަށް ލަންކާ ސަޕޯޓަރުންނަށް ޓިކެޓް ވިއްކަނީ 200 ރުޕީސް އަށެވެ. ދިވެހި ސަޕޯޓަރުންނަށް 3،000 ރުޕީސް އަށެވެ. ޓިކެޓް ވިއްކުގައި ދެ ގައުމުގެ ސަޕޯޓަރުންގެ މެދުގައި ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ގެންގުޅޭ ތަފާތުކުރުންތަކާ ހެދި ގިނަ ދިވެހިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.