Roadha Mihaaru
ހުތުރު ކާޑަކާ އެކު ލަންކާ މުބާރާތުން ރާއްޖެ ކަޓައިފި

ހުތުރު ކާޑަކާ އެކު ލަންކާ މުބާރާތުން ރާއްޖެ ކަޓައިފި

16 ނޮވެމްބަރ 2021

މަހިންދަ ރާޖަޕަކްސަ ފުޓުބޯޅަ މުބާރާތުގެ ލީގު ބުރުގައި ރާއްޖެ މިއަދު ހަވީރު ކުޅުނު ފަހު މެޗުގެ ފަހު ވަގުތު އަސްހަދު އަލީ (އަޑޭ) ގަސްދުގައި ސީޝެލްސް ކުޅުންތެރިއަކަށް ހަމަލާ ދިނުމުން ދެއްކި ރަތްކާޑާ އެކު 0-0 އިން އެއްވަރު ވެގެން މުބާރާތުން ރާއްޖެ ކަޓައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު ކޮލަމްބޯ އިން މުހައްމަދު ޒަޔާން ޒާހިރު

މަހިންދަ ރާޖަޕަކްސަ ފުޓުބޯޅަ މުބާރާތުގެ ލީގު ބުރުގައި ރާއްޖެ މިއަދު ހަވީރު ކުޅުނު ފަހު މެޗުގެ ފަހު ވަގުތު އަސްހަދު އަލީ (އަޑޭ) ގަސްދުގައި ސީޝެލްސް ކުޅުންތެރިއަކަށް ހަމަލާ ދިނުމުން ދެއްކި ރަތްކާޑާ އެކު 0-0 އިން އެއްވަރު ވެގެން މުބާރާތުން ރާއްޖެ ކަޓައިފި އެވެ.

މޮޅުވާން ކޮންމެހެން މަޖުބޫރު މި މެޗަށް ރާއްޖޭން ނުކުތީ ފުރަތަމަ 11 ގައި ހަތަރު ބަދަލެއް ހިމަނައިގެންނެވެ. ކުރީ ދެ މެޗުގައި ވެސް ކުޅުނު އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) އަދި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ގެ ބަދަލުގައި މިއަދުގެ މެޗުގައި ކުޅެން އެރުވީ އަސަދުﷲ އަބްދުﷲ (އަސަކޮ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.

ރާއްޖޭގެ ފަހަތުން ކަނާތް ފަރާތު އަރިމައްޗަށް ކުޅޭ ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ގެ ބަދަލުގައި މިއަދު އެމަގާމް ފުރީ އަހުމަަދު ނޫމާން އެވެ.

ހަންނަގެ ބަދަލުގައި ނާއިޒް ހަސަން (ދާދު) މެޗު ސްޓާޓް ކުރާގޮތަށް ފުރަތަމަ 11 އާއްމުކޮށްފައި ވަނިކޮށް، ވޯމްއަޕުގައި ލިބުނު އަނިޔާއަކާ ގުޅިގެން ދާދު ބަދަލު ކުރަން ޖެހުނީ އެވެ. މިއީ މިދިޔަ ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމަށް ފުރަތަމަ މެޗެއް ކުޅެދިން ހަންނަ ފުރަތަމަ 11 ގައި ހިމެނުނު ފުރަތަމަ މެޗެވެ.

ސްރީ ލަންކާ އަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ފެށި މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭން ގޯލު ޖަހާނެ ފުރުސަތު ތަނަވަސް ކުރި ނަމަވެސް ހަމަލާތައް ފޮނުވާލުމުގައި އުނދަގޫތައް ކުރިމަތިވި އެވެ. އަދި ވިއްސާރަވެ، ދަނޑުގެ ވިނަގަނޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން، ދެ ޓީމަށް ވެސް ތިރިން ކުޅޭ ބޯޅަތަކުގައި ވަނީ އެންމެ ރަނގަޅަށް ކުޅެވޭ ގޮތް ނުވެފަ އެވެ.

ރާއްޖޭން ދެވަނަ ހާފު ފެށީ ހަންނަ ގެ ބަދަލުގައި ފޭދޫ އިއްބެ ކުޅެން އަރުވައިގެންނެވެ. ހާފު ފެށިގެން މާ އިރުތަކެއް ނުވެ، ހަމްޕު އަށް ސީޝެލްސްގެ ޑޮން މެކްސިމް ކުރި ފައުލަކަށް ފަހު ލިބުނު ފިލޭ ޖެހުމަކުން މުހައްމަދު އުމެއިރު ސީދާ ކަނަށް ފޮނުވާލި ބޯޅަ ބޭރު ކޮށްލީ ސީޝެލްސްގެ ކީޕަރު އަލްވިން ރޮޑީ އެވެ.

މި ހާފުގައި ހުސައިން ނިހާން (ނިހާޓު) ގެ ބަދަލުގައި ސެންޓޭ ކުޅެން އެރުވިއިރު، 63 ވަނަ މިނިޓުގައި ފޭދޫ އިއްބެ އަށް އަނިޔާވެގެން އަޝްފާގު ވަނީ ކުޅެން އަރުވައިފަ އެވެ.

މެޗުގެ ފަހު 15 ވަރަކަށް މިނިޓު ސީޝެލްސް ކުޅުނީ އެކަކު މަދުކޮން 10 ކުޅުންތެރިންނާ އެކު އެވެ. ރީނދޫ ކާޑެއް ދައްކާފައި ވަނިކޮށް ސީޝެލްސްގެ ޖުނީނިއޯ މާކް ގެނާރޯ ރާއްޖޭގެ ވާތުބެކް ހައިޝަމް ހަސަން (ބިޑި) އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ސްރީ ލަންކާާގެ ރެފްރީ ވަނީ މާކް އަށް ރަތް ކާޑެއް ދައްކައިފަ އެވެ.

ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށްވެފައި ވަނިކޮށް އަޝްފާގު ހުއްޓުވަން ސީޝެލްސްގެ ބަދަލު ކުޅުންތެރިޔާ ހިއުބާޓް އެމަނުއެލް ކުރި ފައުލަކާ ގުޅިގެން ދެ ޓީމުގެ ކުޅުންތެރިން މެދުގައި ދަނޑުމަތީގައި ދެބަސްވުމެއް ހިނގި އެވެ.

މުބާރާތުގެ ފައިނަލުން ޖާގަ ހޯދަން، ލަނޑެއް ޖަހައިގެން މޮޅުވާން މަޖުބޫރު ހާލަތުގައި ރާއްޖެ އޮތް އިރު، ފުރިހަމަ ވަގުތު ހަމަވުމާ އެކު ކޯޗު ވަނީ ޑިފެންސަށް ކުޅޭ ކުރޯ އާއި އަސްހަދު އަލީ (އަޑޭ) ކުޅެން އަރުވައިފަ އެވެ. ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ވެސް ހުންނެވި އަޑޭ ކުޅެން އެރިތާ މިނިޓެއް ނުވަނީސް، އަޝްފާގަށް ރީތި ބޯޅައެއް ކުޅުމަށް ފަހު، އަޑޭ ކައިރީގައި ހުރި ސީޝެލްސްގެ ކެޕްޓަން ސްޓީވް ބެނޯއީ މޫނުމަތީގައި ގަސްދުގައި ގޮސް އުޅަނބޮށިން ޖެހުމުން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތްކާޑު ދައްކައިފަ އެވެ.

މި ނަތީޖާއާ އެކު ސީޝެލްސް ފަސް ޕޮއިންޓާ އެކު ފައިނަލުން ޖާގަ ހޯދިއިރު، ރާއްޖެއަށް ލިބުނީ ކުޅުނު ތިން މެޗުން ދެ ޕޮއިންޓެވެ. ފުރަތަމަ މެޗުގައި ރާއްޖެ ހަތަރު ލަނޑު ޖަހައިފައި ވަނިކޮށް ލަންކާ ވަނީ ފަހަތުން އަރައި އެއްވަރުކޮށްފަ އެވެ. ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ ވަނީ ބަލިވެފަ އެވެ. މިއީ ވޭތުވެދިޔަ 18 އަހަރު ތެރޭ ރާއްޖެ އަތުން ބަންގްލަދޭޝް ހޯދި ފުރަތަމަ މޮޅެވެ.

މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި މިރޭ ސްރީ ލަންކާއާ ދެކޮޅަށް ނުކުންނާނީ ބަންގްލަދޭޝް އެވެ. މެޗު އެއްވަރުކޮށްލައިގެން ވެސް ބަންގްލަދޭޝް ފައިނަލަށް ދާނެ އެވެ.