Roadha Mihaaru
އަސްހަދަށް ފިޔަވަޅު އަޅާނީ އޭއެފްސީ ނުވަތަ ފީފާ އިން

އަސްހަދަށް ފިޔަވަޅެއް ނާޅާނަން، އެކަން ކުރާނީ ފީފާއިން: މަހްލޫފް

17 ނޮވެމްބަރ 2021

ސީޝެލްސްއާ ދެކޮޅަށް އިއްޔެ ރާއްޖެ ކުޅުނު މެޗުގައި ގައުމީ ޓީމުގެ މިޑްފީލްޑަރު އަދި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ހިންގި ހުތުރު އަމަލް ގޯސް ކަމަށާއި އެކަމާ ފިޔަވަޅު އަޅާނީ އޭއެފްސީ ނުވަތަ ފީފާ އިން ކަމަށް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސީޝެލްސްއާ ދެކޮޅަށް އިއްޔެ ރާއްޖެ ކުޅުނު މެޗުގައި ގައުމީ ޓީމުގެ މިޑްފީލްޑަރު އަދި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ހިންގި ހުތުރު އަމަލް ގޯސް ކަމަށާއި އެކަމާ ފިޔަވަޅު އަޅާނީ އޭއެފްސީ ނުވަތަ ފީފާ އިން ކަމަށް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި މެޗުގެ 92 ވަނަ މިނިޓްގައި ކުޅެން އެރިތާ ދެ މިނިޓް ނުވަނީސް އަސްހަދު ވަނީ ސީޝެލްސްގެ ސްޓީވް ބެނޯއީ ކަރުމަތީގައި ފުންމައިގެން އަރައި އުޅަނބޮށިން ޖަހައިފަ އެވެ. އެކަމާ ގުޅިގެން ރެފްރީ ވަނީ ރަތްކާޑު ދައްކައި އަސްހަދު ދަނޑުން ފޮނުވާލައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި ބިލެއްދޫ ދާއިރާގެ މެންބަރު އަދި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަހްމަދު ހަލީމް (ދޮންބިލެތް) ވަނީ އަސްހަދު އިއްޔެ ކުރި ކަންތަކާ މެދު ފިޔަވަޅެއް އަޅުއްވާނަންތޯ މަހްލޫފްއާ ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލަށް މަހްލޫފް ވިދާޅުވީ ފުޓްބޯޅަ ދަނޑެއްގައި ކުޅުންތެރިޔަކު ކުރާ ކަމަކުން ފިޔަވަޅު އެޅުމުގެ ޖާގައެއް ސްޕޯޓްސް މިނިސްޓްރީއަށް ލިބިގެން ނުވާ ކަމަށެވެ. ފުޓްބޯޅަ ދަނޑެއްގައި ހިނގާ ކަންކަމުން ދެން ވާނެ ގޮތް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ބޭފުޅަކަށް ވެސް އަހްމަދު ހަލީމް ވާނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

ފުޓްބޯޅަ މެޗެއްގައި ހިނގާ ކަމަކުން (މިނިސްޓަރުގެ ހައިސިއްޔަތުން) އަޅުގަނޑު ފިޔަވަޅެއް އަޅަންޏާ އެވާނީ ވަރަށް ބޮޑު ޖޯކަކަށް. އެކަން ކުރަން ތިބޭނެ އޭއެފްސީ އާއި ފީފާ," މަހްލޫފް ވިދާޅުވި އެވެ.

އަސްހަދު އަލީ

އަސްހަދު އަލީ

"އަޅުގަނޑުމެންގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުރި ބޭފުޅަކު ގައުމީ ޓީމަށް އެ ކުޅުއްވީ ޔޫތު މިނިސްޓްރީ ތަމްސީލުކުރާކަށް ނޫން. އެހި ނގާދިޔަ ކަންތަކާ އަޅުގަނޑު ވެސް ހިތާމަކުރަން، ކަންބޮޑުވަން. އެގޮތަށް ހިނގަން ޖެހޭނެ ކަމެއް ނޫން އެއީކީ."

އަސްހަދު ފުޓްބޯޅަ ކުޅުން ހުއްޓާލަން ނުވަތަ އޭނާ ގައުމީ ޓީމަށް ނުނަގަން އެފްއޭއެމްގައި ވެސް ނޭދޭނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

"އޭނާ ޓީމަށް ނަގަން ނިންމާނީ ކޯޗު ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ އޭއެފްސީ ކަޕް ކޮލިފިކޭޝަންގައި އީގަލްސް އާއި ބެންގަލޫރު އެފްސީ ކުޅުނު މެޗުގައި އަސްހަދު މޮޅަށް ކުޅުނުކަން ފާހަގަ ކުރެވުނު ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުން ނެޝަނަލް ޓީމުގެ ފިޓްނަސް ޓެސްޓް ހަދާއިރު އެތިބަ ޒުވާން ކުޅުންތެރިންނަށް ވުރެ ވެސް ކުރީގައި (އަސްހަދު) ހުންނަވާ،" މަހްލޫފް ވިދާޅުވި އެވެ.

"ކޮންމެ މީހަކު ވެސް ރަނގަޅަށް ބޯޅަ ކުޅެންޏާ އެ މީހަކަށް ފުރުސަތު އޮންނަންވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އެހެން ނަމަވެސް އިއްޔެ ހިނގި ކަމަކާ ގުޅިގެން އަޅުގަނޑެއް ފިޔަވަޅެއް ނާޅާނަން. އެ ފިޔަވަޅު އަޅަން ތިބޭނޭ އޭއެފްސީ އާއި ފީފާ."

އިއްޔެ އަސްހަދު ކުުރިކަންތަކާ ގުޅިގެން ގިނަ ބަޔަކު ދަނީ އޭނާ އަށް ފާޑު ކިޔަމުންނެވެ. އަދި އޭނާ ޓީމަށް ނެގުމުން އެފްއޭއެމް އާއި ގައުމީ ޓީމު ކޯޗަށް ވެސް އޮތް ފާޑުކިޔުން ބޮޑެވެ. ގައުމީ ޓީމު ކޯޗް ފްރެންޗެސްކޯ މޮރިއޭރޯ ބުނެފައި ވަނީ އަސްހަދު ކަންތައް ކުރި ފައުލާ ގުޅޭ ގޮތުން، ގޮތެއް ނިންމާނީ އެކަން ހިނގަން މެދުވެރިވި ސަބަބު އަސްހަދު ގާތުން ސާފް ކުރުމަށް ފަހު ކަމަށެވެ.