Roadha Mihaaru
ބަންގްލަދޭޝް ބަލިކޮށް، ލަންކާ ފައިނަލުން ޖާގަ ހޯދައިފި

ފަހު ވަގުތު ބަންގްލަދޭޝް ބަލިކޮށް، ލަންކާ ފައިނަލުން ޖާގަ ހޯދައިފި

16 ނޮވެމްބަރ 2021

ސްރީ ލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުރިޔަށްދާ މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް ޓްރޮފީ، ފޯނޭޝަންސް ކަޕުގެ ލީގު ބުރުގެ ފަހު މެޗުގައި 2-1 އިން ބަންގްލަދޭޝް ބަލިކޮށް، މުބާރާތް ބާއްވާ ގައުމު ސްރީ ލަންކާއިން ފައިނަލުގެ ފަހު ޖާގަ މިރޭ ޔަގީންކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު ކޮލަމްބޯ އިން މުހައްމަދު ޒަޔާން ޒާހިރު

ސްރީ ލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުރިޔަށްދާ މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް ޓްރޮފީ، ފޯނޭޝަންސް ކަޕުގެ ލީގު ބުރުގެ ފަހު މެޗުގައި 2-1 އިން ބަންގްލަދޭޝް ބަލިކޮށް، މުބާރާތް ބާއްވާ ގައުމު ސްރީ ލަންކާއިން ފައިނަލުގެ ފަހު ޖާގަ މިރޭ ޔަގީންކޮށްފި އެވެ.

ލަންކާއިން މެޗުގެ 24 ވަނަ މިނިޓުގައި ލީޑު ނެގީ ރާއްޖެ ކޮޅަށް ފަހަތުން އަރައި ހަތަރު ލަނޑު ޖެހި ވަސީމް ރަޒީކް އެވެ. އެއަށް ފަހު 32 ވަނަ މިނިޓުގައި ގަސްތުގައި ބޯޅައިގައި އަތްލައިގެން ލަންކާގެ ޑިފެންޑަރު ޑަކްސަން ޕުސްލަސް އަށް ރަތް ކާޑު ދެއްކުމުން މެޗުގެ ބާކީ ބައިގެ ކުޅުން ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކު އެވެ.

ފަހު ހާފުގައި ބަންގްލަދޭޝް އަށް އެއްވަރު ކޮށްދިނީ 70 ވަނަ މިނިޓުގައި ޖެވެލް ރާނާ އެވެ. ލަންކާއިން ދެވަނަ ފަހަރަަށް ލީޑު ނަގައި، ފައިނަލުގެ ޖާގަ ޔަގީން ކުރީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން، ފުރަތަމަ ލަނޑު ވެސް ޖަހައިދިން ވަސީމް ރަޒީކެވެ.

ލަންކާގެ ވަސީމް ރަޒީކް. ވަސީމް ވަނީ ތިން މެޗުގެ ތެރެއިން ދެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފައި..-- ލަންކާ ފުޓުބޯޅަ އެސޯސިއޭޝަން

ލަންކާގެ ވަސީމް ރަޒީކް. ވަސީމް ވަނީ ތިން މެޗުގެ ތެރެއިން ދެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފައި..-- ލަންކާ ފުޓުބޯޅަ އެސޯސިއޭޝަން

މި ލަނޑަށް ފަހު ބަންގްލަދޭޝް އިން ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލި ނަމަވެސް ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ ވަނީ ހުޝިޔާރު ކަމާއެކު ދިފާއުކޮށްފަ އެވެ.

މިއީ ރަޒީކް މި މުބާރާތުގައި ޖެހި ހަވަނަ ލަނޑެވެ. އަދި ލަންކާއިން މުބާރާތުގައި ޖެހި ހުރިހާ ލަނޑެއް ވެސް ޖެހީ ރަޒީކެވެ. ހަ ލަނޑާއެކު އޭނާ އޮތީ މުބާރާތުގެ ލަނޑު ލިސްޓުގެ ވެސް އެންމެ ކުރީގަ އެވެ.

މި ނަތީޖާއާ އެކު ލަންކާ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ކުޅުނު ތިން މެޗުން ހޯދި ހަތަރު ޕޮއިންޓާ އެކު ލީގު ބުރުގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ބަންގްލަދޭޝް އަށް ވެސް ހަތަރު ޕޮއިންޓް ލިބޭއިރު، ލަންކާ ކުރި ހޯދީ ބަންގާޅާ ދެކޮޅަށް ހެޑް-ޓު-ހެޑް ނަތީޖާއިންނެވެ. ލީގު ބުރުގެ އެއްވަނަ ހޯދީ، މިއަދު ހަވީރު ރާއްޖެއާ އެއްވަރުކުރި ސީޝެލްސް އެވެ. ސީޝެލްސް ވަނީ ލީގު ބުރުގައި ފަސް ޕޮއިންޓް ހޯދައިފަ އެވެ.

ލަންކާ އާއި ސީޝެލްސް ކުޅޭ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ.