Roadha Mihaaru
ޔާމީންގެ ބަންދުގެ ޝަކުވާ ކޮމަންވެލްތު މެމްބަރުންނަށް

ޔާމީންގެ ބަންދުގެ ޝަކުވާ ކޮމަންވެލްތުގެ މެމްބަރުންނަށް

08 ނޮވެމްބަރ 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވާ ޖަލު ހުކުމުގެ ޝަކުވާ، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ސައީދު، ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަން ޔޫކޭ ގޮފީގެ މެމްބަރުންގެ ވަފުދަށް މިއަދު ހުށަހަޅުއްްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވާ ޖަލު ހުކުމުގެ ޝަކުވާ، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ސައީދު، ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަން ޔޫކޭ ގޮފީގެ މެމްބަރުންގެ ވަފުދަށް މިއަދު ހުށަހަޅުއްްވައިފި އެވެ.

އޭނާ "މިހާރު" އަށް ވިދާޅުވީ ޔާމީން ބަންދު ކޮށްފައި ހުންނަތާ 700 ދުވަސް ވެފައި ވާތީ، އެކަމުގެ ކަންބޮޑުވުން، މިހާރު ރާއްޖެ އައިސް އުޅޭ އެ ވަފުދާ ހިއްސާ ކުރެއްވުމުން، އެކަންބޮޑުވުންތައް އެ ވަފުދުން އަޑު އަހައި ނޯޓް ކުރި ކަމަށެވެ.

ސައީދު ދެކެވަޑައިގަންނަވާ ގޮތުގައި ޔާމީން ބަންދު ކޮށްފައި ވަނީ ގާނޫނާ ހިލާފަށެވެ.

"ސަރުކާރުން ދަނީ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވަމުން. އިބްރާހިމް މުހައްމަދު ސޯލިިހުގެ ސަރުކާރުން މި އަނިޔާ ހުއްޓުމަކަށް ގެންނަން ޖެހޭ. ބާރުތައް ވަކިވެ އޮތުމަށް އިހުތިރާމް ކުރަން ޖެހޭ،" ކޮމަންވެލްތު މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ސައީދު ވިދާޅުވި އެވެ.

އެ ވާހަކަ އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވި އެވެ.

ސައީދު ތުހުމަތު ކުރެއްވި ގޮތުގައި އިންސާނީ ހައްގުތަކުގެ ވާހަކަ އާއި ޑިމޮކްރަސީ ފަދަ ބަސްތައް ބޭނުންކޮށްގެން އެމްޑީޕީން ވާހަކަ ދައްކަނީ ބޭރު ދުނިޔެ އަށް އޮޅުވައިލުމަށެވެ. އެކަމަކު އަމަލުތައް ހުރީ އެހެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭރު ދުނިޔެ އަށް އޮޅުވައިލުމަށް އެމްޑީޕީން ބޭނުންކުރާ އުކުޅަކީ އެ މީހުން އަޑުއަހަން ބޭނުންވާ ކަހަލަ ވާހަކަ ދެއްކުން. ޑިމޮކްރަސީ، ރިލިޖަސް އެކްސްޓްރީމިޒަމް، ކްލައިމެޓް ޗޭންޖް، ހިއުމަން ރައިޓްސް ފަދަ ބަސްތައް ބޭނުންކޮށްގެން،" ސައީދު ވިދާޅުވި އެވެ.

"ޔޫކޭ މޯލްޑިވްސް ފްރެންޑްޝިޕް" ގްރޫޕްގައި ސައީދު އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ފިޔަވައި ދެން ތިއްބެވީ އެމްޑީޕީގެ މެމްބަރުންނެވެ.

އިނގިރޭސިންގެ ދަށަށްް ދިއުމަށް ފަހު މިނިވަންވި ގައުމުތައް ބައިވެރިވާ ކޮމަންވެލްތުގެ މެމްބަރުކަމުން، ޔާާމީންގެ ވެރިކަމުގައި ރާއްޖެ ވަކިވި އެވެ. އޭރު އެ ޖަމާއަތުން ރާއްޖެ ވަކިވީ ރާއްޖޭގެ ދާޚިލީ ކަންތައްތަކާ ބެހޭ ކަމުގެ ތުހުމަތު ކުރުމަށް ފަހު އެވެ. އެ ޖަމާއަތުގައި ރާާއްޖެ އަލުން ބައިވެރިވީ ވެރިކަން ބަދަލުވި ފަހުން މި ސަރުކާރުންނެވެ.

ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އައީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުންނެވެ.