Roadha Mihaaru
ފިލިޕިންސް ނަރުސް މަރުވީ ބޮލަށް ދީފައިވާ އަނިޔާތަކުން

ފިލިޕިންސް ނަރުސް މަރުވީ ބޮލަށް ދީފައިވާ އަނިޔާތަކުން

08 ނޮވެމްބަރ 2021

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕިންސްގެ އަންހެން ނަރުސް މަރުވީ ބޮލަށް ލިބިފައިވާ ބޮޑެތި ޒަހަމްތަކެއްގެ ސަބަބުން ކަމަށް އޭނާގެ ޕޯސްޓް މޯޓަމް ރިޕޯޓުން ހާމަވެއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕިންސްގެ އަންހެން ނަރުސް މަރުވީ ބޮލަށް ލިބިފައިވާ ބޮޑެތި ޒަހަމްތަކެއްގެ ސަބަބުން ކަމަށް އޭނާގެ ޕޯސްޓް މޯޓަމް ރިޕޯޓުން ހާމަވެއްޖެ އެވެ.

ފުލުހުން މިރޭ ބުނި ގޮތުގައި ދަންޖެހިގެން މަރުވި ކަމަށް ބުނި މޭރީ ގްރޭސްގެ މަރުގެ ސަބަބަކީ އެއީ ކަމަކަށް ނުބެލެވެ އެވެ. މަރުގެ ސަބަބެއް ކަމަށް ޕޯސްޓް މޯޓަމް ރިޕޯޓާ ހަވާލާދީ ފުލުހުން ބުނީ "ބްލަންޓް ފޯސް ޓްރޯމާ" ކަމަށެވެ. އެއީ އެއްޗަކުން ނުވަތަ ތަނެއްގައި ޖެހިގެން ލިބޭ އަނިޔާ އެވެ.

ދަންޖެހިގެން މަރުވީ ކަމަށް ބުނެ މޭރީ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ އޭނާގެ ފިރިމީހާ މާވިން އެވެ. އޭނާ އަކީ އައިޖީއެމްއެޗްގައި މަސައްކަތްކުރާ ފިލިޕިންސް ނަރުހެކެވެ.

މޭރީގެ މަރުގެ މައްސަލަ ގަސްތު މަރެއްގެ ގޮތުގައި ތުހުމަތުކޮށް ފުލުހުން ތަހުގީގު ފެށީ ވެސް ދަންޖެހުނު ކަމަށް ބުންޏަސް އެކަމުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުންނެވެ. ޕޯސްޓް މޯޓަމުން ވެސް ދެއްކީ ދަންޖެހިފައި ނުވަތަ ދަންޖައްސާފައިވާ ކަމަށް ބެލެވޭ އަނިޔާއެއް މޭރީގެ ހަށިގަނޑަށް ވެފައި ނެތް ކަމަށެވެ.

މޭރީގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވައިގެން ހެދި ޕޯސްޓް މޯޓަމުން އެނގުނީ މޭރީގެ ބޮލުގައި އެއްޗަކުން ޖަހައިގެން ނުވަތަ ޖެހިގެން ބޮޑެތި ޒަހަމްތަކެއް ވެފައިވާ ކަމަށެވެ.

މޭރީ ދަންޖެހުނު ކަމަށް ބުނާ ތަނަށް ފުލުހުން ދިޔައިރު އެތަން އޮތީ ސާފު ކޮށްފައި ކަމަށް ވެސް ކުރިން ވަނީ އެނގިފަ އެވެ.

މީގެ ކުރިން އެނގިފައިވާ ގޮތުގައި، މޭރީ ދަންޖެހުނު ކަމަށް ބުނާ ތަނަކީ މީހަކަށް ދަންޖެހެވިދާނެ ފަދަ ތަނެއް ވެސް ނޫނެވެ.

މޭރީގެ މަރުގެ ތުހުމަތުގައި ފިރިމީހާ މާވިން މިހާރު ހުރީ ހައްޔަރުކޮށްފަ އެވެ. މޭރީ ދަންޖެހިގެން މަރުވީ ކަމަށް ބުނެ އޭނާގެ ހަށިގަނޑު ހިފައިގެން ހޮސްޕިޓަލަށް ދިޔައީ ވެސް މާވިން އެވެ. މިކަން ހިނގީ މާވިން، އައިޖީއެމްއެޗްގެ ދިވެހި ނަރުހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ ދެމަފިރިންގެ މެދުގައި ބޮޑެތި މައްސަލަތަކެއް ޖެހިފައި އޮއްވަ އެވެ.

މާވިން ހައްޔަރުކޮށްފައި ހުރި އިރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދިވެހި ނަރުހުގެ ފޯނު ވެސް ފުލުހުންގެ ތަހުގީގަށް އަތުލާފައިވާކަން ވަނީ އެނގިފަ އެވެ.