Roadha Mihaaru
މާވިން އިތުރު 30 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފި

މާވިން އިތުރު 30 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފި

20 ޖެނުއަރީ 2022

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ ނަރުހުގެ މަރުގެ ދައުވާ ލިބޭ އޭނާގެ ފިރިމީހާ މާވިންގެ ބަންދަށް އިތުރު 30 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ ނަރުހުގެ މަރުގެ ދައުވާ ލިބޭ އޭނާގެ ފިރިމީހާ މާވިންގެ ބަންދަށް އިތުރު 30 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.

ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީއަށް ހަމަލާދީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އޭނާ މަރައިލި ކަމަށް ބުނެ، މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ދައުލަތުން ކުރަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާ އެވެ. މާވިންގެ އިތުރުން، މާވިން އޭރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ޅ. ހިންނަވަރު، މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މައްޗަށް ވެސް އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރެ އެވެ.

ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އެވެ.

އެ ދެ މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފެށިއިރު، މާވިންގެ ބަންދަށް ކުރިން ކޯޓުން ދީފައިވާ މުއްދަތު މިއަދު ހަމަވާތީ ދައުލަތުން އެދުނީ، ޝަރީއަތް ނިމެންދެން މާވިން ބަންދު ކުރުމުގެ އަމުރަކަށެވެ.

މާވިން ބުނީ، އޭނާ ދޫނިދޫ ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ބަހައްޓާފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި އެހެންވެ، ބޭނުންވަނީ ޖަލަށް ބަދަލުވާން ކަމަށެވެ. އެހެންވެ، އެ މައްސަލަ ބައްލަވާ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ، މާވިން އިތުރު 30 ދުވަހަށް ބަންދު ކުރަން އަމުރު ކުރައްވާ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި މާވިންގެ ވަކީލަކު ނެތުމުން ވަކީލަކު އައްޔަން ކުރަން 10 ދުވަހުގެ މުއްދަތެއް ގާޒީ ދެއްވި އެވެ. ވަކީލަކު އައްޔަން ކުރުމަށް ފަހު، މާވިންގެ ބަންދު މުރާޖައާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

މާވިންގެ ބަންދަށް އިތުރު 30 ދުވަހުގެ މުއްދަތެއް ދިން އިރު، އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ އަސާސީ އަދަބަކީ ގާނޫނުލްއުގޫބާތުގައި ވާ ގޮތުން 10 އަހަރަށް ޖަލަށްލުމެވެ. އެކަމަކު ކުށްކުރާ ގޮތަށް ރިއާޔަތްކޮށް، އެ އަށް ވުރެ އަދަބު ބޮޑުވުމުގެ އަދި ކުޑަވުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.