Roadha Mihaaru
ލަމްހާގެ ބަންދަށް ލުޔެއް ދިނުމާ މެދު ގޮތެއް ނިންމަނީ

ލަމްހާގެ ބަންދަށް ލުޔެއް ދިނުމާ މެދު ގޮތެއް ނިންމަނީ

04 ޖޫން 2023

ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާލިބޭ ހަލީމަތު ލަމްހާގެ ބަންދަށް ލުޔެއް ދިނުމާ މެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާލިބޭ ހަލީމަތު ލަމްހާގެ ބަންދަށް ލުޔެއް ދިނުމާ މެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަން ހަމަޖައްސައިފި އެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ މޭރީ އޮކްޓޫބަރު، 2021 ގައި މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަދި ހުއްދަ ނޫން އިންޖެކްޝަންތަކެއް ގެންގުޅުނު ކަމަށް ބުނެ އިތުރު ދައުވާތަކެއް އޭނާގެ މައްޗަށް ކުރެ އެވެ.

އެ މައްސަލާގައި ލަމްހާގެ ބަންދަށް ލުޔެއް ދޭން އޭނާގެ ފަރާތުން ކުރިން އެދިފައިވާތީ ބަންދަށް ލުއި ދިނުމާ މެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު އޮތީ ވިދާޅުވެފަ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ފާއިޒް ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި އެކަމާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

އެ މައްސަލާގައި މިއަދު ވަނީ ތިން މީހެއްގެ ހެކިބަސް ނަގައިފަ އެވެ. އެންމެ ފުރަތަމަ ހެކިބަސް ދިނީ އައިޖީއެމްއެޗްގެ އިމަޖެންސީ ވޯޑްގައި އިސްކޮށް މަސައްކަތްކުރާ ނަރުހެކެވެ. އޭނާ ބުނިގޮތުގައި މޭރީ މަރުވިކަމުގެ ހަބަރު ލިބިގެން ހޮސްޕިޓަލަށް ގޮސް ބެލިއިރު މޭރީގެ މޫނު އޮތީ ނޫކުލަ އަރާފަ އެވެ.

ލަމްހާ

ލަމްހާ

އެކަމާ ބެހޭގޮތުން މާވިންއާ އެތަނުގައި ސުވާލު ކުރުމުން، ގޭ ތެރޭގައި ހިނގި ޒުވާބަކަށްފަހު މޭރީ އަމިއްލައަށް ކޮޓަރީގައި ދަން ޖެހުނީ ކަމަށް މާވިން ބުނި ކަމަށް އޭނާ ބުންޏެވެ. އަދި ލަމްހާއާ ވެސް ހޮސްޕިޓަލް ތެރެއިން އެދުވަހު ދިމާވި ކަމަށާއި އަދި މާވިންއަށް އަދަބެއް ލިބިދާނެތޯ ލަމްހާ ސުވާލުކުރި ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ލަމްހާ އާއި މާވިންއާ ދެމެދު ގުޅުމެއް އޮތްކަން އެހެން ނަރުހުންގެ ފަރާތުން އެނގުމުން ފަހުން ދުވަހެއްގައި ލަމްހާއާ އޭނާ ވަކިން ބައްދަލުކުރި އެވެ. އެކަމަކު ރަހުމަތްތެރިކަމުގެ ގުޅުން ފިޔަވައި އިތުރު ގުޅުމެއް މާވިންއާ އެކު ނޯންނާނެ ކަމަށް ލަމްހާ ބުނި ކަމަށް ވެސް އެ ހެކިވެރިޔާ ބުންޏެވެ.

އޭނާ ބުނިގޮތުގައި މޭރީ މަރުވި ދުވަހު ހިނގި ކަންކަމާ ގުޅޭގޮތުން ލަމްހާއާ ސުވާލު ކުރުމުން އެދުވަހު މޭރީ އާއި މާވިންގެ ދަރިފުޅާ ހަވާލުވާން އެގެ ކައިރިއަށް ދިޔަ ކަމަށް ލަމްހާ ބުނެފައިވެ އެވެ.

ލަމްހާ ދިރިއުޅުނު ކޮޓަރި ފާސްކުރަން ދިޔަ ފުލުހެއްގެ ހެކިބަސް ވެސް ކޯޓުން މިއަދު ނެގި އެވެ. އެ ފުލުސް މީހާ ބުނިގޮތުގައި ކޯޓު އަމުރެއްގެ ދަށުން އެތަން ފާސް ކުރިއިރު ބައެއް އިންޖެކްޝަންތައް ފެނިގެން އެކަމާ ގުޅިގެން ލަމްހާއާ ސުވާލު ކުރުމުން އެއީ އައިޖީއެމްއެޗުން އޭނާ ގެނެސްފައިވާ ތަކެތި ކަމަށް ބުނެފައިވެ އެވެ.

އޭނާ ބުނިގޮތުގައި ޕޮޓޭސިއަމް ކްލޮރައިޑާއި އަދި އެ ނޫން ބައެއް އިންޖެކްޝަންތައް އެތަނުން ފެނުނެވެ. އަދި އެތަކެތި ގެނައީ އައިޖީއެމްއެޗްގެ މީހެއްގެ ހުއްދަ ހޯދުމެއް ނެތި ކަމަށް ލަމްހާ އޭރު ބުނެފައިވާ ކަމަށް ވެސް އެ ފުލުސް މީހާ ބުންޏެވެ.

އެ ފުލުސް މީހާ ބުނިގޮތުގައި އެ އިންޖެކްޝަންތައް އޭރު ހުރީ ނުކަނޑަ އެވެ. އަދި އެ ތަކެއްޗާއި ލަމްހާގެ ފޯނާއި ލެޕްޓޮޕް ވެސް އެދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ.

މޭރީ މަރުވުމުން ހޮސްޕިޓަލަށާއި އޭނާ ދިރިއުޅުނު ގެއަށާއި އަދި ލަމްހާ އުޅުނު ކޮޓަރި ފާސްކުރަން ދިޔަ އިތުރު ފުލުހެއްގެ ހެކިބަސް ވެސް މިއަދު ނެގި އެވެ. އޭނާ ވެސް ބުނިގޮތުގައި އިންޖެކްޝަންތަކެއް އެތަނުން ފެނިފައިވެ އެވެ. އެކަމަކު އެއްވެސް ތަނަކުން އާދަޔާ ހިލާފް ކަމެއް ނުފެންނަ ކަމަށް އޭނާ ބުނެފައިވެ އެވެ.

އެ މައްސަލާގައި އަދިވެސް ގިނަ އަދަދެއްގެ ހެކިބަސް ނެގުން ކުރިއަށް ގެންދާނެ އެވެ. އެ މައްސަލާގެ އިތުރު އަޑުއެހުމެއް މި ހަފުތާގައި ވެސް ބާއްވާނެ އެވެ.