ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ކުރާ ދައުވާގެ ދައުވާ ފޯމަށް ބަދަލު ގެނެސްފައިވާތީ ހެކިބަސް ނެގުން ފަސްކޮށްފި އެވެ.
15 އޯގަސްޓް 2023
ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ކުރާ ދައުވާގެ ދައުވާ ފޯމަށް ބަދަލު ގެނެސްފައިވާތީ ހެކިބަސް ނެގުން ފަސްކޮށްފި އެވެ.
އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ އޮކްޓޫބަރު، 2021 ގައި މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު އެކަމުގައި ބައިވެރިވިކަމުގެ ދައުވާ ދައުލަތުން ކުރަނީ ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ތިން މީހެއްގެ ހެކިބަސް ނަގަން ހަމަޖައްސާފައި ވަނިކޮށް އަޑުއެހުން ފަސްކުރަން ޖެހުނީ ދައުވާ ފޯމަށް ބަދަލު ގެނެސްފައިވާކަން ފާހަގަވުމުންނެވެ. ދިފާއީ ވަކީލުން ބުނީ ދައުވާ ފޯމަށް ބަދަލު ގެނައިކަން ކުރިން އަންގާފައިނުވާ ކަމަށާއި އެހެންވެ ހެކި ހުށަހެޅި ސަބަބު ބަދަލުވިކަން ނޭނގޭ ކަމަށެވެ. އަދި އެކަން ވެފައި އޮތްގޮތެއް ސާފުނުވަނީސް، ހެކިބަސް ނެގުން ކުރިއަށް ނުގެންދަން ދިފާއީ ވަކީލުން އެދުނެވެ.
ދައުލަތުން ބުނީ ދައުވާއަށް ބަދަލު ގެނައިކަން ކުރިން އަންގާފައިވާ ކަމަށެވެ. އެކަން ކަށަވަރުކުރަން އަޑުއެހުން މެދުކަނޑާލުމަށް ފަހު އަލުން ފެށުމަށް ފަހު، އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވީ އެކަން އިތުރަށް ބެލުމަށްޓަކައި ހެކިބަސް ނެގުން ފަސްކުރުމަށެވެ.
އެ މައްސަލާގައި ލަމްހާގެ މައްޗަށް އިތުރު ދެ ދައުވާއެއް ކުރެ އެވެ. އެއީ ހޮސްޕިޓަލްތަކުގައި އެކަނި ބޭނުން ކުރެވޭ އިންޖެކްޝަންތަކެއް ލަމްހާ ގެންގުޅުނު ކަމަށް ބުނެ ކުރާ ހުއްދަ ނޫން ގޮތުގައި އެހެން މީހެއްގެ މުދަލަށް ބާރު ހިންގުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ. އެ މައްސަލާގެ ތުހުމަތު ކުރެވުނީއްސުރެން ފެށިގެން މިހާތަނަށް ވެސް ލަމްހާ އާއި މާވިން ތިބީ ބަންދުކޮށްފަ އެވެ.
ޝަރުތުތަކާ އެކު ލަމްހާ އަނެއްކާވެސް ދޫކޮށްލައިފި
މާވިންގެ ބަންދަށް ލުޔެއް ނުދެވޭނެ ކަމަށް ނިންމައިފި
މަރުގެ މައްސަލާގައި ހިމެނޭ ލަމްހާ ދޫކޮށްލައިފި
ލަމްހާގެ ބަންދަށް ލުޔެއް ދިނުމާ މެދު ގޮތެއް ނިންމަނީ
މޭރީގެ މަރު:ރަހުމަތްތެރިޔާގެ ހެކިބަސް ލަމްހާއާ ދެކޮޅަށް
މާވިން އިތުރު 30 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފި
ފުލުހަށް ނާންގާ ކޯޓަށްދާތީ ލަމްހާ ބަންދުކުރަން އެދެފި
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް
ޝެފަކު މަރާލި މައްސަލާގައި އިންޓަޕޯލްގެ އެހީއަށް އެދެފި
މޭރީގެ މަރު: ލަމްހާގެ ދައްތަ ހެކިބަސް ދީފި