Roadha Mihaaru
ޕްލޭން ތަންފީޒުކުރަން މޮރިއެރޯ އަށް ގޮންޖެހުން ބޮޑުވާނެ

ޕްލޭން ތަންފީޒުކުރަން މޮރިއެރޯ އަށް ގޮންޖެހުން ބޮޑުވާނެ

09 ނޮވެމްބަރ 2021

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިޓަލީގެ ފްރެންޗިސްކޯ މޮރިއޭރޯ އަށް ރާއްޖޭގެ ފުޓުބޯޅައިގެ ލެވަލް ގޯހެއް ނޫނެވެ. އޭނާ ބުނިގޮތުގައި ދިވެހި ޓީމުގައި އެކަށައަޅަން ޖެހޭ ކަމަކީ ފިޒިކަލް އާއި ޓެކްޓިކަލް ޕްލޭނެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިޓަލީގެ ފްރެންޗިސްކޯ މޮރިއޭރޯ އަށް ރާއްޖޭގެ ފުޓުބޯޅައިގެ ލެވަލް ގޯހެއް ނޫނެވެ. އޭނާ ބުނިގޮތުގައި ދިވެހި ޓީމުގައި އެކަށައަޅަން ޖެހޭ ކަމަކީ ފިޒިކަލް އާއި ޓެކްޓިކަލް ޕްލޭނެވެ.

"ޓެކްޓިކަލް އާއި ފިޒިކަލްގައި ކުޅުންތެރިން ދަނީ ކުރިއެރުން ހޯދަމުން،" މިއަދު ލަންކާ އާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗުގެ ކުރިން އާދިއްތަ ދުވަހު ބޭއްވި ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން މޮރިއޭރޯ ބުންޏެވެ.

ސާފް ޗެމްޕިއަންޝިިޕާއި އޭގެ ކުރިން ގައުމީ ޓީމު ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އެންމެ ފަހުން ކުޅުނު ތިން މެޗު މޮރިއޭރޯ ބެލި އެވެ. ރާއްޖޭގެ ކޯޗުކަމާ މިދިޔަ މަހު ފަހުކޮޅު ހަވާލުވި ނަމަވެސް ތިން މަސް ކުރިން ރާއްޖެއިން އޮތީ އޭނާއާ އެކު އެއްބަސްވެފައި ކަމަށް މޮރިއޭރޯ ބުންޏެވެ. އެހެންވެ ރާއްޖެ ކުޅުނު މެޗުތައް އޭނާ ދިޔައީ ފޮލޯ ކުރަމުންނެވެ.

ގައުމީ ޓީމާ ހަވާލުވެ މޮރިއޭރޯ ކުރިއަށް ގެންދިޔަ ޕްރެކްޓިސް ސެޝަންތައް ބަލަން ރާއްޖޭގެ ބައެއް ކޯޗުން ވެސް ގަލޮޅު ދަނޑަށް ދިޔަ އެވެ.

ގައުމީ ޓީމުގެ ކޯޗު ފްރެންޗިސްކޯ މޮރިއޭރޯ --- ފޮޓޯ: އެފްއޭއެމް

ގައުމީ ޓީމުގެ ކޯޗު ފްރެންޗިސްކޯ މޮރިއޭރޯ --- ފޮޓޯ: އެފްއޭއެމް

"ޓްރޭނިންތައް ހުރި ގޮތުން އެނގޭ އޭނާ އެފެށީ ސާފް ޗެމްޕިއަންޝިޕްގައި ހުރި ބަލިފައިތަކާ ހަމައިންކަން،" އިންޓަ މިލާން އާއި އިޓަލީގެ ގައުމީ ޓީމަށް ކުރިން ކުޅުނު މޮރިއޭރޯގެ ބެލުމުގެ ދަށުން ކުރިއަށްގެންދިޔަ ގައުމީ ޓީމުގެ ޓްރޭނިން ދެ ސެޝަނެއް ބަލަން ދިޔަ ތަޖުރިބާކާރު ކޯޗު އިސްމާއިލް އާސިފް (ކުޑަހީނާ) ބުންޏެވެ.

"ޑިފެންޑިން ޓެކްޓިކްސްއިން އޭނާ ފުރަތަމަ ވެސް ފެށީ. ދެން ބޯލް ޕޮޒެޝަނަށް ސާކެޓް ޓްރޭނިން ހަދާ. އެޓޭކް ކުރާއިރު ވެސް އެބަހުރި އުސޫލުތަކެއްގައި ކުރިއަށް އަރައިގެންދާ ކަހަލަ ގޮތެއް. ކޮންމެވެސް ގޮތަކަށް (އައިޑެންޓިޓީ) އަކަށް ކުޅެން އުޅޭހެން އެބަހީވޭ. އަދި ފެނުނު ފެނުމަށް ބަލާއިރު ރަނގަޅުހެން ހީވަނީ."

ގައުމީ ޓީމާ، މޮރިއޭރޯ ހަވާލުވެގެން މަސައްކަތް ކުރަން ފުުރުސަތު ލިބުނީ ދެ ހަފުތާ އެވެ. އޭނާގެ ފުރަތަަމަ މުބާރާތަކަށް އޮތީ މަހިންދަ ރާޖަޕަކްސަ ޓްރޮފީ އެވެ. ރާއްޖެ ކަހަލަ ގައުމެއްގައި ގައުމީ ޓީމެއް ހާނަން އެންމެ އެކަށީގެންވާ މުއްދަތެއް އަދި އޭނާ އަކަށް ނުލިބެ އެވެ. މިއަދު ފަށާ މުބާރާތުގައި އޭނާ އެންމެ ބޭނުންވާ ކުޅުން ރާއްޖޭގެ ޓީމަށް ނުދެއްކިއްޖެ ނަމަ މޮރިއޭރޯ ކުރިމަތިލާން އޮތް ޗެލެންޖް ބޮޑެވެ. އޭނާއާ ކުރިމަތިލާން ޖެހޭނީ ފުޓްބޯޅައިގެ ތެރޭގައި މަސައްކަތް ކުރާ ދިވެހި ކޯޗުންނާ އެވެ. މިއީ މީގެކުރިން ވެސް ރާއްޖެ އަށް އައި ބޭރުގެ ކޯޗުންނަށް ކުރިމަތިލާން ޖެހިފައި އޮތް ޗެލެންޖެކެވެ. ދަނޑު ތެރޭގައި އޮންނަ ޕްރެޝަރަށް ވުރެ ދަނޑު ބޭރުން އޭނާ ކުރިމަތިލާން ޖެހޭ ޕްރެޝަރު ބޮޑުވާނެ އެވެ. ސްޕޯޓްސް ޕޮލިޓިކްސް ރާއްޖޭގެ މުޅި ކުޅިވަރުގައި ވެސް ބޮޑެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހުގައި މޮރިއޭރޯ ހަރަކާތުން ކުޅުންތެރިންނަށް ކިޔައި ދެނީ --- ފޮޓޯ: އެފްއޭއެމްް

ގައުމީ ޓީމުގެ ޕްރެކްޓިހުގައި މޮރިއޭރޯ ހަރަކާތުން ކުޅުންތެރިންނަށް ކިޔައި ދެނީ --- ފޮޓޯ: އެފްއޭއެމްް

އަނެއްކާ ވެސް ދައްކަން ޖެހޭނީ ކުރީގެ ވާހަކަ އެވެ. ކުރީގެ ކޯޗު މާޓިން ކޫޕްމަން އަށް ރާއްޖޭގެ މަގާމު ގެއްލުމުގައި ރިއާޔަތް ކުރި ސަބަބުތަކަކީ އޭނާގެ ކޯޗުކަމުގެ ދަށުން ގައުމީ ޓީމު ކުޅުނު ތިން މެޗުގައި ނެރުނު ދަށް ނަތީޖާތަކެއް ނޫނެވެ. ސްޕޯޓްސް ޕޮލިޓިކްސްގެ މައްޗަށް ކޫޕްމަން އަށް ގަދަ ނުވެވުނީ އެވެ.

ލަންކާ އަށް ފުރުމުގެ ކުރިންނާއި މުބާރާތުގެ ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވެސް މޮރިއޭރީ ބުނެފައި ވަނީ އޭނާއަކީ ޖާދޫގަރެއް ނޫން ކަމަށެވެ. އެންމެ ދެ ހަފުތާއިން އޭނާ ބޭނުންވާ ޕްލޭން ތަންފީޒް ނުކުރެވޭނެ ކަމަށެވެ.

އެކަމަކު ފުރަތަމަ މުބާރާތުގައި ވެސް ކުޅުން ގޯސް ވެއްޖެ ނަމަ، މޮރިއޭރޯގެ ޕްރެކްޓިސް ސެޝަނެއް ވެސް، އޭނާ ކުޅުވަން މަސައްކަތް ކުރާ ގޮތް ވެސް ކަމުދާ އެއްވެސް ދިވެއްސަކު ހުންނާނެ ހެނެއް ހިއެއް ނުވެ އެވެ.

ގައުމީ ޓީމުގެ ކޯޗު މޮރިއޭރޯ. --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ގައުމީ ޓީމުގެ ކޯޗު މޮރިއޭރޯ. --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފިޒިކަލް އާއި ޓެކްޓިކަލް އޭންގަލުން ޓީމަށް ކުރިއެރުން ގެނައުމަކީ މޮރިއޭރޯ އަށް އެކަނި ކުރެވެން އޮތް ކަމެއް ނޫނެވެ. ރާއްޖޭގެ ޑޮމެސްޓިކް ސީޒަނަށް ތައްޔާރުވާ ކްލަބުތަކުގެ ޒިންމާ ވެސް އެކަމުގައި އެބައޮތެވެ. ކުޑަ ހީނާ ބުނިގޮތުގައި ރާއްޖޭގެ ފުޓްބޯޅައިގެ މުުޅި ސާފް މަންޒަރު މޮޮރިއޭރޯ އަށް ސިފަ ކުރެވޭނީ ކްލަބު ފުޓްބޯޅަ ފަށައި ކްލަބުތައް މެޗުތަކެއް ކުޅޭ ފަހުންނެވެ.

ރާއްޖޭގެ ކްލަބު ފުޓްބޯޅަ އޮތީ މާ ހާލުގަ އެވެ. އަންނަ މަހު ފަށާ ސީޒަނަށް ގިނަ ކްލަބުތައް އަދިވެސް ޕްރީ ސީޒަން ޕްރެކްޓިސް ނުފަށަ އެވެ. ސީޒަންގެ ވަކި ހިސާބަކުން ކުލަބުތަކަށް މުސާރައިގެ މައްސަލަ ކުރިމަތިވެ ކުޅުންތެރިންނަށް އެންމެ މަތީ ލެވަލްގައި ކުޅެން އުނދަގޫ ވެ އެވެ.

މި ހުރިހާ މަންޒަރެއް ފެނި ތަޖުރިބާ ކުރަން މޮރިިއޭރީ އަށް ފުރުސަތު ލިބޭއިރު ރާއްޖޭގެ ފުޓްބޯޅައިގެ ލެވަލްއާ މެދު ދެން އޭނާ ބުނާނީ ކީކޭކަމެއް ނޭނގެ އެވެ. އޭގެ ފަހުން އޭނާ އިތުރަށް މަސައްކަތް ކުރަން ޖެހޭނީ ހަމައެކަނި ފިޒިކަލް އާއި ޓެކްޓިކަލްއިން އެކަނި ނޫން ކަމެއް ނޭނގެ އެވެ. ކްލަބުތަކުން މުސާރަ ނުދިނުމުން މަގުމަތިވެފައި ތިބި ކުޅުންތެރިން ގޮވައިގެން ގައުމީ ޓީމެއް އެކުލަވާލާއިރު އޭނާ ކުރަން ޖެހޭ މަސައްކަތް އިތުރަށް ބޮޑު ވާނެ އެވެ. އެއަށް ވުރެ ވަރުގަދަ ގޮންޖެހުމަކަށް ވާނީ ނުފޫޒުގަދަ ދިވެހި ކޯޗުންގެ ޕްރެޝަރެވެ.