Roadha Mihaaru
ބަޖެޓު 25 ބިލިއަނަށް ކުޑައެއް ނުކުރެވޭނެ: ބޮންޑޭ

ބަޖެެޓު ކުޑަކޮށްފި ނަމަ ތައުލީމާއި ސިއްހީ ކަންކަމަށް ފައިސާއެއް ނުހުންނާނެ: ބޮންޑޭ

09 ނޮވެމްބަރ 2021

އަންނަ އަހަރަށް ލަފާކުރާ 36.9 ބިލިއަން ރުފިޔާގެ ބަޖެޓު 25 ބިލިއަނަށް ކުޑަ ނުކުރެވޭނެ ކަމަށާއި އެކަން އެހެން ކޮށްފި ނަމަ ތައުލީމާއި ސިއްހީ ދާއިރާ އަށް ފައިސާ ނުހުންނާނެ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

އަންނަ އަހަރަށް ލަފާކުރާ 36.9 ބިލިއަން ރުފިޔާގެ ބަޖެޓު 25 ބިލިއަނަށް ކުޑަ ނުކުރެވޭނެ ކަމަށާއި އެކަން އެހެން ކޮށްފި ނަމަ ތައުލީމާއި ސިއްހީ ދާއިރާ އަށް ފައިސާ ނުހުންނާނެ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، 25 ބިލިއަން ރުފިޔާ އަށް ބަޖެޓް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) އިއްޔެ ގޮވައިލެއްވުމާ ގުޅިގެންނެވެ.

މިއަދުގެ ބަޖެޓް ބަހުސްގައި ބޮންޑޭ ވިދާޅުވީ، ބަޖެޓު ކުޑަކުރުމަށް ގޮވައިލާއިރު އެކަން ކުރަންޖެހޭނީ ޒިންމާދާރުކޮށް ކަމަށެވެ. ބަޖެޓުން ކުޑަކުރެވޭނީ ސީދާ ކޮން ކަމެއްތޯ ބަލަން ޖެހޭކަން ފާހަގަކުރައްވައި ބޮންޑޭ ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަނޑައަޅާއިވާ 3.1 ބިލިއަން ރުފިޔާ އާއި ތައުލީމީ ދާއިރާ އަށް ހިމަނާފައިވާ 4.1 ބިލިއަން ރުފިޔާ ކުޑަ ނުކުރެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، ދައުލަތް ހިންގުމަށް މުވައްޒަފުންގެ މުސާރަތަކާއި އެހެނިހެން ހޭދަތަކަށް ކަނޑައަޅާފައިވާ 22 ބިލިއަން ރުފިޔާ ކުޑަ ނުކުރެވޭނެ އެވެ. އަދި 25 ބިލިއަނަށް ބަޖެޓު ކުޑަކޮށްފި ނަމަ ސިއްހީ އަދި ތައުލީމީ ދާއިރާ އަށް ބޭނުންވާ ފައިސާ ނުހުންނާނެ ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

"... ދުނިޔޭގެ ހާލަތާއި ރާއްޖޭގެ އިގްތިސާދު އިންތިހާ އަށް ކުރިއަރަމުން އަންނަނީ. އިތުރު ގެސްޓް ހައުސްތައް ވެސް އެޅެމުން އަންނަނީ. އެހެންވީމާ މި ފަހަރުގެ 37 ބިލިއަންގެ ބަޖެޓު ބޮޑެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ކަރަންޓުގެ އަގުހެޔޮ ކުރުމަށް ދޭ 540 މިލިއަން ރުފިޔާގެ ސަބްސިޑީ އާއި ކަރަންޓު އުފައްދާ ކުންފުނިތަކަށް އެސްޓީއޯ އިން ވިއްކާ ތެޔޮ އަގުހެޔޮ ކުރުމަށް ކަނޑައަޅާފައިވާ ސަބްސިޑީ އަށް ބަދަލު ގެނެވިދާނެ ކަމަށް ބޮންޑޭ ވިދާޅުވި އެވެ. އަދި ބަޖެޓު ކޮމިޓީން ބަޖެޓު ދިރާސާކުރާއިރު، ޓިވެޓް އިންސްޓިޓިއުޝަން ގާއިމުކުރުމުގެ މަޝްރޫ އަށް ފުވައްމުލަކަށް ކަނޑައަޅާފައިވާ 19.5 މިލިއަން ރުފިޔާ 23 މިލިއަނަށް ބޮޑުކުރަން ހުށަހެޅުއްވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު 25 ބިލިއަނަށް ކުޑަކުރަންޖެހޭ ކަމަށް މައިނޯރިޓީ ލީޑަރު ސަލީމް ވިދާޅުވީ ދަރަނި ކުޑަކޮށް، ޑޮލަރުގެ އަގު ހިފެހެއްޓުމަށްޓަކަ އެވެ. ޑޮލަރުގެ އަގު ބޮޑުވުމާއި ދައުލަތުގެ ދަރަންޏާ ގުޅުމެއް ނެތް ކަމަށް ބައެއް މީހުން ހީކުރިޔަސް، އެއީ ވަރަށް ބޮޑަށް ގުޅިފައި އޮންނަ ދެ ކަންތައް ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި މާލޭގައި ރެޑް ވޭވްގެ ފިހާރަތައް ހިންގަވާ ސަލީމް ވިދާޅުވި އެވެ.