Roadha Mihaaru
ބޭސް ވިއްކޭނެ އެންމެ ބޮޑު އަގު ކަނޑައަޅަނީ

އަގުބޮޑުކޮށް ބޭސްްވިއްކުން ހުއްޓުވައި، ބޭހުގެ އަގު ކަނޑައަޅަނީ

31 އޮކްޓޯބަރ 2021

ޑޮކްޓަރީ ބޭހުން އެކަށީގެން ނުވާ ބޮޑެތި އަގުތައް ނެގުން ހުއްޓުވުމަށް ޓަކައި، ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅަން ސަަރުކާރުން ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޑޮކްޓަރީ ބޭހުން އެކަށީގެން ނުވާ ބޮޑެތި އަގުތައް ނެގުން ހުއްޓުވުމަށް ޓަކައި، ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅަން ސަަރުކާރުން ނިންމައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ދައުލަތުގެ ހެލްތު އިންޝުއަރެންސް ސްކީމް "އާސަންދަ" އަކީ އެއްވެސް ހައްދެއް ނެތި ހުޅުވާލައިފައި އޮންނަ ނިޒާމަކަށް ވާތީ، އިސްރާފަށް މަގުފަހިވާ ބަައެއް އާދަަތަަކަށް މަގުފަހިކުރުވާ ކަމަށެވެ. އެކަން ހުއްޓުވުމަށް ޓަަކައި އަންނަ އަހަރު ފިޔަވަޅުތަކެއް އަަޅަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ފިޔަވަޅުތައް އަޅަނީ، އޭނާ ވިދާޅުވިގޮތުގައި، ދައުލަތުގެ ބަޖެޓުންނާއި ރައްޔިތުންގެ ޖީބުން ބޭސްފަރުވާ އަށް ކުރާ ހަރަދު ކުޑަކުރުމަށް ޓަކަ އެވެ.

"މިގޮތުން ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު މި އަންނަ އަހަރު ކަނޑައަޅައި، ބޭހުގެ ވިޔަފާރިން އެކަށީގެންނުވާ މަތީ މިންވަރުތަކުން ފައިދާ ނެގުމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރެވޭނެ،" އަމީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުުގެ އިދާރާ

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުުގެ އިދާރާ

ރާއްޖޭގައި ވިއްކާ ޑޮކްޓަރީ ބޭހުގެ އަގުހެޔޮކުރުމަށްޓަކައި އަޅާނެ އަނެއް ފިޔަވަޅަކީ މިނިސްޓަަރު ވިދާޅުވިގޮތުގައި ބޭސް އެތެރެކުރުމުގެ އުސޫލުތައް ހަރުދަނާ ކުރުމެވެ. އެކަމަކު އޭގެ ތަފްސީލެއް ނުދެއްވަ އެވެ.

ދައުލަތުގެ ބަޖެޓްގެ ތެރެއިން އިޖުތިމާއީ ރައްކާތެރިކަމަށް ކޮންމެ އަހަރަކު ހަރަދުކުރާ ފައިސާގެ އެންމެ ބޮޑުބައި ހަރަދުކުރަނީ އާސަންދަ އަށެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓްގައި ވެސް އާސަންދަ އަށް 731 މިލިޔަން ރުފިޔާ ހިމަނާފައި އެބައޮތެވެ. އެއީ އިޖުތިމާއީ ރައްކާތެރިކަމަށް ކަނޑައެޅި ފައިސާގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި އިޖުތިމާއީ ރައްކާތެރިކަމަށް ކަނޑައަޅާފައި އޮތީ ޖުމްލަ 3.1 ބިލިޔަން ރުފިޔާ އެވެ.

އިޖުތިމާއީ ރައްކާތެރިކަމަށް ކަނޑައެޅި ފައިސާ، އާސަންދައިގެ އިތުރުން، ހަރުދުކުރާނެ ކަންތަކުގެ ތެރޭގައި އެކިއެކި ފަރާތްތަކަށް ދޭ އެހީތަކާއި ކާޑުގެ ބާވަތްތަަކުގެ އަގުހެޔޮކުރުމަށާއި ކަރަންޓްގެ އަގުހެޔޮކުރުމަށް ދޭ ސަބްސިޑީ ހިމެނެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމްލަ އަކީ 36.9 ބިލިޔަން ރުފިޔާ އެވެ.