Roadha Mihaaru
ވެކްސިން ޕާސްޕޯޓް ފޯޖްކުރާ ނަމަ ޖަލަށްލަނީ

ކޮވިޑް ވެކްސިން ޕާސްޕޯޓް ފޯޖްކުރާ ނަމަ ޖަލަށްލެވޭ ގޮތަށް ޖަރުމަނުން ގާނޫނެއް ހަދަނީ

10 ނޮވެމްބަރ 2021

ކޮވިޑް-19 ގެ ވެކްސިން ޕާސްޕޯޓް ފޯޖްކުރާ މީހުން ބޮޑު އަދަދަކުން ޖޫރިމަނާކޮށް، އެފަދަ މީހުންނަށް ޖަލު އަދަބެއް ވެސް ދެވޭ ގޮތަށް ޖަރުމަނުގައި ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ގެ ވެކްސިން ޕާސްޕޯޓް ފޯޖްކުރާ މީހުން ބޮޑު އަދަދަކުން ޖޫރިމަނާކޮށް، އެފަދަ މީހުންނަށް ޖަލު އަދަބެއް ވެސް ދެވޭ ގޮތަށް ޖަރުމަނުގައި ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.

މީިޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޔޫރަޕްގެ އެންމެ ކުރިއަރާފައިވާ އެއް ގައުމުގެ ގޮތުގައި ފާހަގަ ކޮށްލެވޭ ޖަރުމަނުން މިހާރު އަމަލު ކުރަމުން އަންނަ އިންފެކްޝަން ޕްރޮޓެކްޝަން ގާނޫނަށް އަމަލުކުރުމުގެ މުއްދަތު މި މަހުގެ 25 އަށް ހަމައަށްވާތީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން މިހާރު ގެންދަނީ އާ ބިލެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންވެ، މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުގެ މުއްދަތު ހަމަވުމުގެ އާ ބިލު ނިންމައި މަޖިލީހަށް ހުށަހަޅައި، އެއަށް ވޯޓަށް ވެސް އަހާނެ އެވެ.

އާ ބިލްގައި ހުށަހަޅާފައިވާ ގޮތުން ވެކްސިން ޕާސްޕޯޓް ފޯޖްކުރާ މީހުން ބޮޑު އަދަދުތަކުން ޖޫރިމަނާކޮށް، މަދުވެގެން ދެ އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ބަދަލުތަކެއް ގެންނާނެ އެވެ. މި ބަދަލުތަކާ އެކު ކޮވިޑާ ގުޅުން ހުރި ކަންކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އަންނަ އަހަރުން ފެށިގެން ޖަރުމަނުން އަޅަމުން ގެންދާނެ އެވެ.

ޖަރުމަންގެ ހެލްތު މިނިސްޓަރު.

ޖަރުމަންގެ ހެލްތު މިނިސްޓަރު.

އެ ގައުމުގެ ހެލްތު މިނިސްޓަރު ޖެންސް ސްޕާން މިދިޔަ ހަފުތާގައި ވިދާޅުވި ގޮތުގައި ޖަރުމަން މިހާރު ވެސް އޮތީ ކޮވިޑްގެ ހަތަރު ވަނަ ރާޅެއްގެ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. އަދި ކުރިއަށް އޮތީ ފިނިމޫސުމުގެ ދުވަސްތައް ކަމަށްވާތީ ކޭސްތައް ވަރަށް ބޮޑުތަނުން އިތުރުވެދާނެ ކަމުގެ ބިރު ބޮޑުވެފައިވެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮވިޑް ވެކްސިން ނުޖަހާ އެތައް ބަޔަކު އަދިވެސް ތިބުމާ އެކު ބަލީގެ ނުރައްކާތެރިކަން އެފަދަ މީހުންނާ ހެދި ބޮޑެވެ.

ކޮވިޑް ވެކްސިން ޕާސްޕޯޓަކީ މިހާރު ބޭރު ގައުމަތަކަށް ދަތުރުކުރާ އިރު، ރައްކާތެރިކަން ކަށަވަރުކޮށްދޭން އެންމެ ބޮޑަށް ބޭނުންކުރެވޭ އެއް ވަސީލަތެވެ.

ޖަރުމަނުން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 4.82 މިލިއަނަށް ވުރެ މަތީގައި އުޅޭ އިރު، ބަލީގައި އެ ގައުމުން މަރުވި މީހުންގެ އަދަދު 96،890 އަށް ވުރެ ގިނަ އެވެ.