Roadha Mihaaru
ވެކްސިން ނުޖަހާ އުމުރުން ދުވަސްވީ މީހުން ޖޫރިމަނާކޮށްފި

ގްރީސްގައި ކޮވިޑް ވެކްސިން ނުޖަހާ 60 އަހަރުން މަތީގެ މީހުން ޖޫރިމަނާކުރަން ފަށައިފި

19 ޖެނުއަރީ 2022

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ނުޖަހާ ގްރީސްގެ 60 އަހަރުން މަތީގެ މީހުން މިދިޔަ ހޯމަ ދުވަހުން ފެށިގެން 60 ޑޮލަރުން ޖޫރިމަނާކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ނުޖަހާ ގްރީސްގެ 60 އަހަރުން މަތީގެ މީހުން މިދިޔަ ހޯމަ ދުވަހުން ފެށިގެން 60 ޑޮލަރުން ޖޫރިމަނާކުރަން ފަށައިފި އެވެ.

އަލަށް އަމަލުކުރަން ފެށި މި އުސޫލާ އެކު އަންނަ މަހުން ފެށިގެން 60 އަހަރުން މަތީގެ މީހުން ވެކްސިން ނުޖަހާ ހޭދަކުރާ ކޮންމެ މަހަކަށް 114 ޑޮލަރުން ވެސް ޖޫރިމަނާކުރާނެ އެވެ. މި އުސޫލު އެކުލަވާލައި އަމަލުކުރަން ފެށުމުގެ ކުރިން ބޮޑުވަޒީރު ކިއަރިކޯސް މިޓްސޮޓާކިޒް ވަނީ ވެކްސިން ނުޖަހާ ދުވަސްވީ މީހުން ވީހާ ވެސް އަވަހަކަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށް ވެސް އިލްތިމާސްކުރައްވައިފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު، އެ ގައުމުގެ ވެރިރަށް އެތެންސްގެ ހެލްތު ސެންޓަރަކަށް ޒިޔާރަތްކުރައްވައި ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ވެކްސިން ނުޖަހާ 60 އަހަރުން މަތީގެ މީހުންނަށް ދެން އޮންނާނެ ގޮތަކީ މި މަހުން ފެށިގެން ޖޫރމަނާއާ ކުރިމަތިލާން ޖެހުން ކަމަށެވެެ.

"ވެކްސިން ޖަހަން ތަކުރާރުކޮށް އިލްތިމާސް މިކުރަނީ އަމިއްލަ ރައްކަލާއި އާއިލާ އާއި ލޯބިވާ އެހެން މީހުންނަށް ވެސް ތިމާގެ ސަބަބުން ރައްކާތެރިކަން ހޯދައި ދިނުމުގެ ގޮތުން. އެހެންވެ ތަކުރާރުކޮށް ގޮވާލަން 60 އަހަރުން މަތީގެ މީހުންގެ ތެރެއިން ވެކްސިން ނުޖަހާ ތިބި މީހުން ވެކްސިން ޖެހުމަށް،" ބޮޑުވަޒީރު ވިދާޅުވި އެވެ.

"ވެކްސިން ޖަހައިގެން ނޫނީ މިހާރު ކޮވިޑުން ރައްކާތެރިކަން ލިބޭކަށް ނެތް."

ގްރީސްގެ ބޮޑުވަޒީރު.

ގްރީސްގެ ބޮޑުވަޒީރު.

ވެކްސިން ނުޖަހާ 60 އަހަރުން މަތީގެ މީހުންގެ އަތުން ނަގާ ޖޫރިމަނާ އިން ދައުލަތަށް ލިބޭ ފައިސާ ހޭދަކުރަން ނިންމާފައި ވަނީ ސިއްހީ ދާއިރާ އަށް ކަމަށް ވެސް ގްރީސްގެ ސަރުކާރުން ބުންޏެވެ.

ސަރުކާރުން ބުނި ގޮތުގައި އުމުރުން 60 އަހަރުން މަތީގެ މީހުންގެ ތެރެއިން ސިއްހީ އެކިއެކި މައްސަލަތައް ހުރެގެން ވެކްސިން ނުޖެހޭ މީހުން ޖޫރިމަނާ އިން އިސްތިސްނާވާނެ އެވެ. ވެކްސިންއާ ގުޅޭ އާ އުސޫލަކަށް ގްރީސްގައި އަމަލުކުރަން ފެށި އިރު، އެ ގައުމުގެ 60 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް މީހުން މިހާރު ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެ އެވެ.

ރެކޯޑްތަކުން ދައްކާ ގޮތުގައި 10.7 މިލިއަންގެ އާބާދީއެއް އޮންނަ ގްރީސްގެ 7.17 މިލިއަން މީހުން މިހާރު ވަނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފަ އެވެ. އެއީ އާބާދީގެ 66.9 ޕަސެންޓެވެ.