Roadha Mihaaru
ހައި ކޯޓުގެ ގޮފިތައް އުވާލަން އިސްލާހު ހުށަހަޅައިފި

ހައި ކޯޓުގެ ގޮފިތައް އުވާލަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

10 ނޮވެމްބަރ 2021

ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ހައި ކޯޓުގެ ގޮފިތައް އުވާލަން ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ހައި ކޯޓުގެ ގޮފިތައް އުވާލަން ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅައިފި އެވެ.

އުތުރާއި ދެކުނުގެ ދަށު ކޯޓުތަކުން ނިންމާ މައްސަލަތައް އިސްތިއުނާފް ކުރުމަށްޓަކައި ހައި ކޯޓުގެ ގޮފިތަކެއް އެ ދެ ސަރަހައްދުގައި ގާއިމްކޮށްފައިވެ އެވެ. އެ ގޮފިތަކުން މައްސަލަތައް މިހާރު ބަލަނީ ހައި ކޯޓުގެ ފަނޑިޔާރުންގެ ވަފުދުތައް ގޮފިތަކަށް ދަތުރުކޮށްގެންނެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައިވަނީ ހައި ކޯޓުގެ ގޮފިތައް އުވާލަން ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމީ އިސްތިއުނާފްގެ ހައްގު އެންމެ ފުރިހަމައަށް ލިބިދިނުމަށް ކަމަށެވެ. އަދި ކޯޓުތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ގެންނަންޖެހޭ އެހެން ބަދަލުތައް އެ އިސްލާހުގައި ހިމެނޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ހައި ކޯޓުގެ ގޮފިތައް އުފައްދަންޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައީ ޑިސެމްބަރު، 2014 ގަ އެވެ. އޭރު ގާނޫނު އިސްލާހުކުރީ މާލޭގެ ހައި ކޯޓުގައި ތިއްބެވި ނުވަ ފަނޑިޔާރުންގެ ތެރެއިން ކޮންމެ ގޮތްޕަކަށް ތިން ފަނޑިޔާރުން ދާއިމީކޮށް ކަނޑައަޅާ ގޮތަށެވެ. އެގޮތުން އައްޑޫ އާއި ހދ. ކުޅުދުއްފުށީގައި ގޮފިތައް ގާއިމްކޮށް، ބައެއް ގޮފިތަކަށް ފަނޑިޔާރުން ވެސް ކަނޑައެޅި އެވެ. އެހެންވެ، މާލޭގެ ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުވުމުގެ މައްސަލަ ކުރިމަތިިވި އެވެ. އެހެންވެ، ފަނޑިޔާރުންގެ އަދަދު ފަހުން 11 ވަނީ އިތުރުކޮށްފަ އެވެ.

އެކަމަކު ފަހުން ސުޕްރީމް ކޯޓުން ނިންމާފައިވަނީ ދާއިމީކޮށް ފަނޑިޔާރުން ގޮފިތަކުގައި ތިބުމުގެ ބަދަލުގައި ފަނޑިޔާރުންގެ ވަފުދުތައް ގޮފިތަކަށް ދަތުރު ކޮށްގެން މައްސަލަ ބެލުމަށެވެ.