Roadha Mihaaru
ކޯޓުގައި ވެސް ބަންޑާރަ ނައިބު މަޖިލީހާ ދެކޮޅަށް

މަޖިލިސް ތަމްސީލްކުރެއްވި ބަންޑާރަ ނައިބު ކޯޓުގައި މަޖިލީހާ ދެކޮޅަށް

06 ނޮވެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ނައިބު ރައީސް ނެތަސް، ކުރިއަށް ގެންދެވޭނެ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ނައިބު ރައީސް ނެތަސް، ކުރިއަށް ގެންދެވޭނެ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށަހެޅި މައްސަލަ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ކުރިއަށް ނުގެންދެވެ އެވެ. އެހެންވެ އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ނައިބު ރައީސް ނެތް ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާ މެމްބަރަކު އިންނަވައިގެން ޖަލްސާ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ކަނޑައެޅުމަށެވެ.

އެ މައްސަލާގައި ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން މަޖިލީހުގެ ނިންމުމާ ދެކޮޅަށް ވާހަކަ ދެއްކި ނަމަވެސް ބަންޑާރަ ނައިބުގެ ފަރާތުން ހާޒިރުވެ ވަޑައިގަތީ މަޖިލިސް ތަމްސީލްކުރާށެވެ. ބަންޑާރަ ނައިބުގެ އޮފީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ކޯޓުގައި ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތުގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުން ނިންމި ނިންމުން ރަނގަޅު ނޫން ކަމަށެވެ.

ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ ގަރާރާ މެދު ގޮތެއް ނުނިންމައި، މަޖިލީހުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ މަސައްކަތް އެޖެންޑާ ކުރުމުން، ބަންޑާރަ ނައިބު ކުރިން ވެސް ވަނީ އެކަމާ ދެކޮޅަށް ގާނޫނީ ލަފާ ދެއްވައިފަ އެވެ. އަދި، އެ ލަފާގެ މަތިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެ ދުވަހު މަޖިލީހަށް ވަޑައިވެސް ނުގަންނަވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުދާތީ، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުދާތީ، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން

ދައުލަތުން މިއަދު ވެސް ބުނި ގޮތުގައި މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލައެއްގައި މަޖިލީހުގެ ރައީސަށް ރިޔާސަތު ނުބެލެހެއްޓުނަސް، އެފަދަ ޖަލްސާއެއްގައި މަޖިލީހުގެ ނައިބު ރައީސް ރިޔާސަތު ބެލެހެއްޓުން ކޮންމެހެން ލާޒިމެއް ނޫނެވެ. އަދި ރައީސުލް ޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިއަށް ގެންދާއިރު ވެސް ވަކި ބޭފުޅަކު ރިޔާސަތުގައި އިންނަވަން ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދު ލާޒިމް ނުކުރާކަން ދައުލަތުން ފާހަގަކުރި އެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ ނުނިމެނީސް މަޖިލީހުގެ އެހެން މަސައްކަތެއް ނުކުރެވޭކަން ފާހަގަކޮށް، ދައުލަތުން ބުނީ އިތުބާރު ނެތްކަމުގެ މައްސަލަ އަވަހަށް ނިންމުމަށް ފަހު މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ. އަދި ގަވާއިދު މާނަކުރާއިރު އެކަމަށް ބަލަންޖެހޭ ކަމަށް ދައުލަތުން ބުންޏެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ ނުނިމި އޮތުމުން އިންތިހާބީ ރައީސް މުހައްމަދު މުއިއްޒު ހުވާކުރައްވަން ހުރަހެއް ކުރިމަތިވޭތޯ ބެންޗުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ މުއިއްޒު ހުވާކުރައްވަން ހުރަހެއް ކުރިމަތިނުވާނެ ކަމަށެވެ. ނަމަވެސް އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގައި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ދައުލަތުން ބުންޏެވެ.

އެކަންކަން ފާހަގަކޮށް، ދައުލަތުން އެދުނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ނައިބު ރައީސް ނެތަސް، ރިޔާސަތު ބަލަހައްޓާ ފަސް މެމްބަރުންގެ ތެރެއިން މެމްބަރަކު އިންނަވައިގެން އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައި ދިނުމަށެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުންގެ ބައްލަވާ އެ މައްސަލާގެ އަޑުއެހުން މިހާރު ވަނީ މެދުކަނޑާލައިފަ އެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު މަހާޒެވެ.