Roadha Mihaaru
ބަންގްލަދޭޝް މޮޅުވާން ސީޝެލްސް ފުރުސަތެއް ނުދިން

ބަންގްލަދޭޝް މޮޅުވާން ސީޝެލްސް ފުރުސަތެއް ނުދިން

10 ނޮވެމްބަރ 2021

ލަންކާގައި މިހާރު ކުރިއަށްދާ، މަހިންދަ ރާޖަޕަކްސަ ޓްރޮފީ މުބާރާތުގައި މިއަދު ބަންގްލަދޭޝް މޮޅުވާން ދަނިކޮށް ސީޝެލްސްއިން ވެސް ފަހު ވަގުތު ނަތީޖާ 1-1 އިން ހަމަހަމަ ކޮށްފި އެވެ.

ލަންކާގައި މިހާރު ކުރިއަށްދާ، މަހިންދަ ރާޖަޕަކްސަ ޓްރޮފީ މުބާރާތުގައި މިއަދު ބަންގްލަދޭޝް މޮޅުވާން ދަނިކޮށް ސީޝެލްސްއިން ވެސް ފަހު ވަގުތު ނަތީޖާ 1-1 އިން ހަމަހަމަ ކޮށްފި އެވެ.

މެޗުގެ ކުރީކޮޅު ބަންގްލަދޭޝްއިން ލީޑު ނެގި އެވެ. އެ ޓީމުގެ ލަނޑު މެޗުގެ 17 ވަނަ މިނިޓްގައި ކާމިޔާބު ކުރީ މުހައްމަދު އިބްރާހިމް އެވެ. ޑާކާ އަބަހާނީގެ ކޯޗު މާރިއޯ ލެމޯސްގެ ކޯޗުކަމުގެ ދަށުން މުބާރާތަށް ނުކުތް ބަންގްލަދޭޝްގެ ޓީމަށް، މި މުބާރާތުގައި ވެސް ކުރިމަތިވީ މިދިޔަ މަހު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ވެސް ކުރިމަތިވި މައްސަލަ އެވެ.

ބަންގްލަދޭޝްގެ ޗެމްޕިއަން ބަށުންދަރާ ކިންގްސްގެ ކޯޗު އޮސްކާ ބުރުޒޯން ބަރޭރަސް އާއެކު ސާފް ޗެމްޕިއަންޝިޕަށް ނުކުތް ބަންގްލަދޭޝް އަށް ކުރިމަތިވި މައްސަލައަކީ ޓީމުގެ ފޯވާޑުންނަށް ލަނޑު ނުޖެހުމެވެ. ސީޝެލްސްއާ ދެކޮޅަށް މިއަދު ކުޅުނު މެޗުގައި ވެސް އެ މައްސަލަ ތަކުރާރުވި އެވެ.

ހަމަލާތައް އުފެއްދުނަސް ލީޑް ފުޅާ ނުކުރެވުމުން ފަހު ވަގުތު ނަތީޖާ އަތުން ދޫވީ އެވެ. ސީޝެލްސްއިން ނަތީޖާ ހަމަހަމަ ކުރީ 88 ވަނަ މިނެޓްގަ އެވެ. އެޓީމަށް ލަނޑު ޖަހައިދިނީ ބްރެންޑަން ލަބަރޯސީ އެވެ.

މުބާރާތުގެ ފުރުތަމަ މެޗުގައި އިއްޔެ، ރާއްޖެއާ ދެކޮޅަށް ކުޅުނު ލަންކާގެ ޓީމު ވެސް މެޗުގެ ނަތީޖާ ހަމަހަމަ ކުރީ އެންމެ ފަހު ވަގުތުގެ ތެރޭގަ އެވެ. ރާއްޖޭގެ ޓީމަށް ކުރިމަތިވީ މާބޮޑު މައްސަލަ އެކެވެ. ނަތީޖާ 4-0 ގައި ވަނިކޮށް މެޗުގެ އެންމެ ފަހު 30 މިނެޓްގެ ތެރޭގައި ލީޑް ގެއްލުނީ އެވެ.

މުބާރާތުގައި ދެން އޮންނާނީ ސީޝލްސް އާއި ލަންކާ ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ ހުކުރު ދުވަހުގެ ރެ އެވެ. މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގަ އެވެ.