Roadha Mihaaru
ލަންކާ ބަލިކޮށް ސީޝެލްސް ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި

ލަންކާ ބަލިކޮށް ސީޝެލްސް ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި

14 ނޮވެމްބަރ 2021

މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ސްރީ ލަންކާގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި މުބާރާތުގެ ފައިނަލަށް ދިއުމަށް ސީޝެލްސް އިން އުންމީދު އާކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ސްރީ ލަންކާގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި މުބާރާތުގެ ފައިނަލަށް ދިއުމަށް ސީޝެލްސް އިން އުންމީދު އާކޮށްފި އެވެ.

މެޗުން ސީޝެލްސް މޮޅުވުމުން، އެންމެ ފުލުގައި އޮތް ރާއްޖެ އާއި ލަންކާ އަށް އޮތް ފުރުސަތު ގާތްގަނޑަކަށް ވަނީ ބަންދުވެފަ އެެވެ. މުބާރާތުގެ ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

މިހާރު އޮތް ގޮތުން ފައިނަލުގެ ދެ ޖާގައަށް ފުރުސަތު ބޮޑީ ސީޝެލްސް އާއި ބަންގްލަދޭޝް އެވެ. ރާއްޖެ ފައިނަލަށް ދާނަމަ ބޮޑު ތަފާތަކުން ޝީޝެލްސް ބަލިކޮށް، ލަންކާއާ ދެކޮޅަށް ކުޅޭ މެޗު ބަންގްލަދޭޝްއިން ކާމިޔާބު ކުރަން ޖެހޭނެ އެވެ.

ލަންކާ އާއި ސީޝެލްސް މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ފުޓްބޯލް ސްރީލަންކާ

ލަންކާ އާއި ސީޝެލްސް މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ފުޓްބޯލް ސްރީލަންކާ

މިރޭގެ މެޗުގައި ސީޝެލްސްއިން ލަނޑު ޖެހީ އެ ޓީމަށް ލިބުނު ކޯނަރެއްގައި ރަވީނިއާ ނެގި ކޯނަރު ވޯރެން މިލީ ބޮލުން ފޮނުވާލައިގެންނެވެ. އޭރިއާގެ މެދުތެރެއަށް ނަގައިދިން ކޯނަރު އިސްކޮޅުން ދިގު މިލީ ވަނީ ފަސޭހަ ކަމާއެކު ބޮލުން ގޯލަށް ފޮނުވާލައިފަ އެވެ. ލަންކާގެ ކީޕަރު ސޫޖަން ޕެރޭރާ އަށް ވެސް އެ ވަގުތު ހުރެވުނީ ބަލަހައްޓައިގެންނެވެ.

ޕޮއިންޓްގެ ގޮތުން ބަންގްލަދޭޝް އާއި ސީޝެލްސް ވެސް ހަމަހަމަ އެވެ. ދެ ޓީމަށް ވެސް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. މި ވަގުތު އެއްވަނައިގައި އޮތީ ބަންގްލަދޭޝް އެވެ. އެ ޓީމަށް އެއްވަނަ ލިބެނީ ސީޝެލްސް އަށް ވުރެ އިތުރަށް ލަނޑު ޖަހާފައިވާތީ އެވެ. ބަންގްލަދޭޝް ވަނީ ތިން ލަނޑު ޖަހައިފަ އެވެ.

މުބާރާތުގައި ދެން ކުޅޭ މެޗުގައި އަންނަ އަންގާރަ ދުވަހުގެ ހަވީރު ރާއްޖެ ނުކުންނާނީ ސީޝެލްސްއާ ދެކޮޅަށެވެ. އެރޭ ބަންގްލަދޭޝް ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ.