Roadha Mihaaru
ސަލީމް ބުނަނީ އަމީތާބް ރިޓަޔާކުރަން ވެއްޖެ ކަމަށް

ސަލްމާންގެ ބައްޕަ ސަލީމް ބުނަނީ އަމީތާބް ރިޓަޔާކުރަން ވެއްޖެ ކަމަށް

14 އޮކްޓޯބަރ 2021

ބޮލީވުޑްގެ އެކްޓަރު އަމީތާބް ބައްޗަނަށް ފިލްމީ ދާއިރާ އިން މިހާރު ނުލިބޭ އެއްޗެއް ނެތް ކަމަށާއި އެހެންވެ މިހާރު އޭނާ ދެން ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރަން ވެއްޖެ ކަމަށް އެކްޓަރު ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާމް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު އަމީތާބް ބައްޗަނަށް ފިލްމީ ދާއިރާ އިން މިހާރު ނުލިބޭ އެއްޗެއް ނެތް ކަމަށާއި އެހެންވެ މިހާރު އޭނާ ދެން ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރަން ވެއްޖެ ކަމަށް އެކްޓަރު ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާމް ބުނެފި އެވެ.

އަމީތާބްގެ ކެރިއަރުގެ އެންމެ ފާހަގަ ކޮށްލެވޭ ބައެއް ފިލްމުތަކުގެ ސްކްރީން ރައިޓަރު، ދައިނިކް ބާސްކަރަށް ދިން އިންޓަިއުއެއްގައި ބުނި ގޮތުގައި މިދިޔަ އަންގާރަ ދުވަހު 79 އަހަރު ފުރުނު އެކްޓަރަށް މިހާރު ވާ ވަރަށް ފިލްމީ މަސައްކަތްތައް ކުރެވިއްޖެ އެވެ. އަދި އަމީތާބަށް ފިލްމު ކުޅެގެން ނުލިބޭ އެއްވެސް އެއްވެސް އެއްޗެއް މިހާރު ނެތުމުން ދެން އޭނާ އަށް އޮތް އެންމެ ރަނގަޅު ގޮތަކީ ފިލްމީ މަސައްކަތްތަކާ ދުރުވެ، ހަޔާތުގެ ބާކީ އޮތް ދުވަސްތައް އާއިލާއާ އެކީގައި ހަމަޖެހިލައިގެން އުޅުން ކަމަށް ސަލީމް ބުންޏެވެ.

"އަމީތާބްގެ ކެރިއަރު ވަރަށް ވެސް ކާމިޔާބު އެތައް. ކާމިޔާބު އެތައް ފިލްމެއްގައި ފާހަގަ ކޮށްލެވޭ އެތައް ކެރެކްޓާއެއް ވެސް އޭނާ ވަނީ ކުޅެފައި. އަމީތާބްގެ ކެރިއަރަށް ބަލައިފި ނަމަ އޭނާ ފަހުރުވެރިވާން ޖެހޭ ވަރުގެ މަސައްކަތްތަކެއް ކުރެވިފައި ހުރީ،" އޭނާ ބުންޏެވެ. "އެހެންވެ ދެން މިހާރު އަމީތާބް ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރަން ވެއްޖެ،"

ސަލީމް ބުނި ގޮތުގައި އަދިވެސް ބޮލީވުޑްގެ ޑިމާންޑް ބޮޑު އަދި ބިޒީ އެކްޓަރެއްގެ ގޮތުގައި އަމީތާބް ފާހަގަ ކުރެވުނަސް، މިހާރަކު އޭނާއާ އެންމެ އެކަށީގެންވާ ކަހަލަ ފިލްމުތަކެއް، ރޯލުތަކެއް ކުޅޭކަށް ނުލިބެ އެވެ.

އަމީތާބަކީ ފިލްމު ކުޅެން ފެށި ފަހުން ދެގޮތެއް ނުވެ ދާއިރާގައި ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަ އަދި ބޮލީވުޑްގެ އެތައް ފަންނާނުންނެއް ނަމޫނާއެއްގެ ގޮތުގައި ބަލާ ތަރިއެކެވެ. އަމީތާބް ރިޓަޔާ ކުރަން ޖެހޭ ކަމަށް ސަލީމް ބުނި އިރު، އޭނާ އާއި ޖާވިދު އަޚްތަރު ގުޅިގެން ލިޔުނު ގިނަ ފިލްމުތައް ކުޅުނީ އަމީތާބެވެ. އަދި އޭގެ ތެރެއިން ގިނަ ފިލްމުތަކަކީ އަމީތާބްގެ ކެރިއަރުގެ އައިކޮނިކް ފިލްމުތަކެވެ. އޭގެ ތެރޭގައި "ޒަންޖީރު"، "ޝޯލޭ"، "ދީވާރު"، "މަޖުބޫރު"، "ޑޮން"، "ޓްރިޝޫލް"، "ކާލާ ޕައްތަރު" އަދި "ދޯސްތާނާ" ހިމެނެ އެވެ.

އަމީތާބްގެ ފުރަތަމަ ފިލްމަކީ 1969 ގެ "ސާތު ހިންދުސްތާނީ" އެވެ. އޭގެ ފަހުން ކެރިއަރުގެ މިހާތަނަށް އޭނާ ވަނީ ކާމިޔާބު އެތައް ފިލްމެއް ކުޅެފަ އެވެ.

މިދިޔަ މަހު ރިލީޒްކުރި "ޗެހެރޭ" ގެ ކާސްޓްގައި ވެސް ހިމެނޭ އަމީތާބްގެ އަތުގައި މިހާރު ވެސް ގިނަ ޕްރޮޖެކްޓްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި "ބުރައްމަސްތުރާ"، "ޖުންދު"، "ގުޑް ބާއި"، "އޫޗާއީ"، "މޭޑޭ"، "ޗުޕް"، "ދި އިންޓާން" އަދި ޑައިރެކްޓަރު ނާގް އަޝްވިންގެ ނަން އިއުލާން ނުކުރާ ފިލްމެއް ހިމެނެ އެވެ.

އަމީތާބްގެ އާއިލާގައި ތިބި ފިލްމީ ތަރިންގެ ތެރޭގައި އަންހެނުން ޖަޔާ ބައްޗަނާއި ދަރިފުޅު އަބީޝެކް ބައްޗަނާއި އޭނާގެ އަންހެނުން އައިޝްވާރިއާ ރާއީ ހިމެނެ އެވެ.