Roadha Mihaaru
"ދޫމް 4" ކުޅޭ ވާހަކަ އަކީ ދޮގެއް: އަކްޝޭ

"ދޫމް 4" ކުޅޭ ވާހަކަ އަކީ ދޮގެއް: އަކްޝޭ

21 ޖޫން 2021

އަކްޝޭ ކުމާރު "ދޫމް 4" ކުޅޭ ވާހަކަ ސޯޝަލް މީޑިއާގައި ދެކެވުނަސް އެއީ ހަގީގަތެއް ނޫން ކަމަށް އޭނާ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަކްޝޭ ކުމާރު "ދޫމް 4" ކުޅޭ ވާހަކަ ސޯޝަލް މީޑިއާގައި ދެކެވުނަސް އެއީ ހަގީގަތެއް ނޫން ކަމަށް އޭނާ ބުނެފި އެވެ.

އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން އަކްޝޭ އާދީއްތަ ދުވަހު ބުނީ އެއީ "ފޭކް ޚަބަރެއް" ކަމަށެވެ.

ސަލްމާން ޚާންގެ ފޭނުންތަކެއް ވެސް ދަނީ "ދޫމް 4" ގެ ވިލަން އަކީ ސަލްމާން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓަރެއް ހަދައިގެން ދައުރުކުރަމުންނެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ދޫމް" ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމުގެ ވިލަންގެ ރޯލުން އަކްޝޭ ފެންނާނެ ކަމަށް ބުނާ ވާހަކަ އަކީ މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް މީޑިއާތަކުގައި ދެކެވެމުންދާ ވާހަކައެކެވެ.

އޭނާގެ އިތުރުން އެ ފިލްމުގެ ވިލަންގެ ރޯލު ފެންނާނެ ކަމަށް އަޑުއަރާފައިވާ ތަރިންގެ ތެރޭގައި ޝާހްރުކް ޚާން، އަމީތާބް ބައްޗަން، ސަލްމާން އަދި "ބާހްބަލީ" ކުޅުނު ޕްރަބާސް ހިމެނެ އެވެ. އަދި މި އަހަރުގެ ކުރީކޮޅު "ދޫމް 4" ގެ ވިލަން މި ފަހަރު ބަތަލާއަކާ އެކު ގެނެސްދޭން ނިންމާފައިވާ ކަމަށާއި އެ ރޯލު ދީޕިކާ ޕަދްކޯން އަށް ވެސް ހުށަހަޅާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ނަމަވެސް އެ ފިލްމާ ބެހޭ އެއްވެސް ވާހަކައެއް މިހާތަނަށް އަދިތިޔާ ޗޯޕްރާގެ ވައިއާރްއެފުން ނުދައްކަ އެވެ.

އެ ސްޓޫޑިއޯ އިން 2004 ގައި ގެނެސްދޭން ފެށި "ދޫމް" އަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ފްރެންޗައިޒެވެ. އަދި މީގެ އަސްލު ތަރި އަކީ ކޮންމެ ފިލްމެއްގައި ވެސް ވިލަން އެވެ. އެގޮތުން ސަންޖޭ ގަދްވީ ޑައިރެކްޓްކުރި "ދޫމް" ގެ ވިލަން އަކީ ޖޯން އަބްރަހަމެވެ. އަދި އޭނާ 2006 ގައި ގެނެސްދިން "ދޫމް 2" ގެ ވިލަން އަކީ ރިތިކް ރޯޝަނެވެ.

ވިޗޭ ކްރިޝްނާ އަޗާރިއާ (ވިކްޓާ) 2013 ގައި ގެނެސްދިން "ދޫމް 3" ގެ ވިލަންގެ ރޯލު އާމިރު ޚާން ކުޅުނީ ޑަބަލް ރޯލަކާ އެކީގަ އެވެ.

"ދޫމް" ފްރެންޗައިޒްގެ ހުރިހާ ފިލްމަކުން ފެންނަ އާންމު ދެ މޫނަކީ އަބީޝެކް ބައްޗަނާއި ޕްރޮޑިއުސަރު އަދިތިޔާގެ ކޮއްކޮ އުދޭ ޗޯޕްރާ އެވެ.

"ދޫމް" ގެ ކޮންމެ ފިލްމެއްގައި ވެސް ފެންނަނީ ތަފާތު ބަތަލާއިންނެވެ. "ދޫމް" ގެ ބަތަލާއިންނަކީ އީޝާ ޑިއޯލް އާއި ރިމީ ސެން އެވެ. "ދޫމް 2" ގެ ބަތަލާއިންނަކީ އައިޝްވާރިއާ ރާއީ އާއި ބިޕާޝާ ބާސޫ އެވެ. އަދި "ދޫމް 3" ގެ ބަތަލާ އަކީ ކެޓްރީނާ ކައިފެވެ.

"ދޫމް" ގެ ތިން ވަނަ ފިލްމު ގެނެސްދިންތާ މިހާރު އަށް އަހަރުވެފައިވާތީ ހަތަރު ވަނަ ބަޔަށް ބެލުންތެރިން ވަރަށް އިންތިޒާކުރެ އެވެ. ސޯޝަލް މީޑިއާގައި އެ ވާހަކަ ދައްކަނީ ވެސް އެ ސަބަބާ ހުރެ އެވެ.