Roadha Mihaaru
"ސޫރިޔަވަންޝީ" އަންނަ މަހު ނެޓްފްލިކްސް އަށް

"ސޫރިޔަވަންޝީ" އަންނަ މަހުގެ 5 ގައި ނެޓްފްލިކްސް އަށް

13 ނޮވެމްބަރ 2021

މި މަހުގެ 5 ގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާފައިވާ އަކްޝޭ ކުމާރުގެ ފިލްމު "ސޫރިޔަވަންޝީ" މަހެއްހާ ދުވަސް ފަހުން ނެޓްފްލިކްސް އަށް ގެންނަ ގޮތަށް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ 5 ގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާފައިވާ އަކްޝޭ ކުމާރުގެ ފިލްމު "ސޫރިޔަވަންޝީ" މަހެއްހާ ދުވަސް ފަހުން ނެޓްފްލިކްސް އަށް ގެންނަ ގޮތަށް ނިންމައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންނަ މަހުގެ 5 ގައި ނެޓްފްލިކްސް އިން އެ ފިލްމު ޕްރީމިއާ ކުރަން ނިންމާފައި އިރު، އެ ކުންފުންޏަށް ފިލްމުގެ ޑިޖިޓަލް ރައިޓްސް ވިއްކާލީ 65-70 ކްރޯޑް ރުޕީސް (8.73-9.40 މިލިއަން ޑޮލަރު) އާ ދޭތެރޭ އަގެއްގަ އެވެ.

ކުރިން މިދިޔަ އަހަރުގެ މާޗްގައި ރިލީޒް ކުރަން އޮއްވައި، ކޮވިޑާ ހެދި "ސޫރިއަވަންޝީ" ފަސްކުރަން ޖެހުމުން ވެސް ބޮޑެތި ވަރަށް ގިނަ ސްޓްރީމް ޕްލެޓްފޯމްތަކުން ޑިޖިޓަލް ޕްރީމިއާއަކަށް ދާން ހުށަހެޅުންތައް ހުށަހެޅި އެވެ. އެކަމަކު ސިނަމާތަކުގައި ނޫނީ ފިލްމު ނާޅުވަން ނިންމައި، މި އަހަރަށް ފިލްމު ފަސްކުރީ އެވެ.

"ސޫރިޔަވަންޝީ" އަށް ބެލުންތެރިންގެ ތަރުހީބު ލިބެމުން އަންނަލެއް ބޮޑުކަމުން، ކޮވިޑާ ދިމާކޮށް ސިނަމާތަކުގެ ވިޔަފާރި އަށް އައި ހީނަރު ކަން ވެސް މި ފިލްމާ އެކު މިހާރު ފިލާފައިވާ ކަމުގެ އުންމީދުތައް އާކޮށް ދީފައިވެ އެވެ.

އަންނަ މަހުގެ 5 ގައި ނެޓްފްލިކްސް އިން ފިލްމު ސްޓްރީމް ކުރާނެ ކަމަށް މީޑިއާތަކުން ބުންޏަަސް ޑައިރެކްޓަރު ރޯހިތު ޝެޓީ އާއި ޕްރޮޑިއުސަރު ކަރަން ޖޯހަރް އެކަން އަދި ކަށަވަރުކޮށެއް ނުދެ އެވެ. އެކަމަކު "ސޫރިޔަވަންޝީ" ގެ ޓީމުން ކުރިން ވެސް ނިންމާފައި އޮތީ ސިނަމާތަކުގައި އަޅުވާފައި މާ ގިނަ ދުވަހެއް ނުކޮށް، ފިލްމު ސްޓްރީމިން އަށް ދޫކޮށްލުމަށެވެ.

މި ފިލްމަކީ ރޯހިތުގެ ކޮޕް ޔުނިވާސްގެ ތިން ވަނަ ކެރެކްޓާ ގެނެސްދިން ފިލްމެވެ. އަކްޝޭއާ އެކު "ސޫރިޔަވަންޝީ" ގެ ބަތަލާގެ ރޯލު ކުޅުނީ ކެޓްރީނާ ކައިފެވެ.

މި ފިލްމަށް ބުރާސްފަތި ދުވަހާ ހަމައަށް އިންޑިއާ އާއި ބޭރުގެ މާކެޓްތަކުން 167.74 ކްރޯޑް ރުޕީސް (22.53 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވެ އެވެ.