Roadha Mihaaru
އަކްޝޭ އާއި ކެޓްރީނާގެ ލޯބި ލަވައަކުން

އަކްޝޭ އާއި ކެޓްރީނާގެ ލޯބި ލަވައަކުން

30 އޮކްޓޯބަރ 2021

އަންނަ މަހުގެ 5 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ރޯހިތު ޝެޓީގެ ފިލްމު "ސޫރިޔަވަންޝީ" ގެ ލަވަތަކުގެ ތެރެއިން އަކްޝޭ ކުމާރާއި ކެޓްރީނާގެ ކައިފް ލޯބި ދައްކުވައިދޭ ލަވައެއް އާންމުންނަށް ދޫކޮށްލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހުގެ 5 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ރޯހިތު ޝެޓީގެ ފިލްމު "ސޫރިޔަވަންޝީ" ގެ ލަވަތަކުގެ ތެރެއިން އަކްޝޭ ކުމާރާއި ކެޓްރީނާގެ ކައިފް ލޯބި ދައްކުވައިދޭ ލަވައެއް އާންމުންނަށް ދޫކޮށްލައިފި އެވެ.

"މޭރާ ޔާރާ" ގެ ނަން ދީފައިވާ މި ލަވަ އަކީ ކޯޝިކް-ގުއްޑޫ-އާކާޝް މިއުޒިކް ހަދައި އަރިޖިތު ސިންގް އާއި ނީތީ މޯހަން ކިޔާފައިވާ ވަރަށް ވެސް ހިތްގައިމު މަޑުމައިތިރި ލޯބީގެ ލަވައެކެވެ. ލަވަ ގެނެސް ދިފައި ވަނީ އަކްޝޭ އާއި ކެޓްރީނާ ލޯބި ފެށިގެން އަންނަ ގޮތާއި ކައިވެންޏާއި ބަލިވެ އިނުމާއި އަދި ދަރިޔަކު ވެސް ލިބި ހަޔާތަށް އަންނަ އުފާވެރި މަންޒަރުތަކާ އެކީގަ އެވެ.

އަކްޝޭ އާއި ކެޓްރީނާގެ ޖޯޑު "ސޫރިޔަވަންޝީ" އިން ގެނެސްދޭން ތައްޔާރު ވެފައި މި ވަނީ ކާމިޔާބު ފިލްމުތަކެއް އެކީގައި ކުޅެފައިވާ ދެ ތަރިން އެކީގައި މަސައްކަތް ނުކުރާތާ ވަރަށް ގިނަ ދުވަސް ފަހުންނެވެ. ދެ ތަރިން އެންމެ ފަހުން އެކީގައި ކުޅުނު ފިލްމަކީ ފަރާ ޚާން 2010 ގައި ގެނެސްދިން "ތީސް މާރު ޚާން" އެވެ.

އަކްޝޭ ފުލުހެއްގެ ރޯލު ކުޅެފައިވާ "ސޫރިއަވަންޝީ" ގައި ކެޓްރީނާ ކުޅެފައިވާ އަދިތީ ސޫރިޔަވަންޝީގެ ކެރެކްޓާ އަކީ ޑޮކްޓަރެއްގެ ރޯލު ކަމަށް މީޑިއާތަކުން ބުނެ އެވެ. މި ދެ ތަރިންނާ އެކު އަންނަ މަހު ފިލްމު ގެނެސްދޭ އިރު މީގައި އަދި ވަރަށް ހާއްސަ އެހެން ލަވައެއް ހިމެނޭނެ އެވެ. އެއީ އަކްޝޭ އާއި ރަވީނާ ޓަންޑަން ކުޅުނު 1994 ގެ "މޮހްރާ" ގެ ހިޓް ލަވަ "ޓިޕް ޓިޕް ބަރްސާ ޕާނީ" ގެ އާ ވާޝަނެކެވެ.

ކަރަން ޖޯހަރާ ގުޅިގެން ރޯހިތު ޕްރޮޑިއުސްކޮށް، ޑައިރެކްޓް ކޮށްފައިވާ "ސޫރިޔަވަންޝީ" ގެ ހާއްސަ ފެނިލުންތަކުން އަޖޭ ދޭވްގަނާއި ރަންވީރު ސިންގް ވެސް ފެންނާނެ އެވެ. މި ފިލްމަކީ ރޯހިތުގެ ކޮޕް ޔުނިވާސްގެ ތިން ވަނަ ފިލްމަށް ވާތީ އެ ދެ ތަރިން ފެންނާނީ އެ މީހުންގެ ފުލުސް ކެރެކްޓާ ސިންގަމް އާއި ސިމްބާގެ ގޮތުގަ އެވެ.