Roadha Mihaaru
އަކްޝޭގެ "ސޫރިޔާވަންޝީ" އަށް އެންމެ ފަހުން ތާރީހެއް

އަކްޝޭގެ "ސޫރިޔާވަންޝީ" އަށް އެންމެ ފަހުން ތާރީހެއް

05 ފެބުރުއަރީ 2021

ސިނަމާތަކުގައި ނޫނީ ރިލީޒްނުކުރަން މި އަހަރަށް ފަސްކުރި އަކްޝޭ ކުމާރުގެ ފިލްމު "ސޫރިޔާވަންޝީ" އަންނަ އެޕްރީލް މަހުގެ 2 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސިނަމާތަކުގައި ނޫނީ ރިލީޒްނުކުރަން މި އަހަރަށް ފަސްކުރި އަކްޝޭ ކުމާރުގެ ފިލްމު "ސޫރިޔާވަންޝީ" އަންނަ އެޕްރީލް މަހުގެ 2 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް މި ވާހަކަ ދެއްކި ނަމަވެސް ފިލްމުގެ ޓީމުން އަދި ރަސްމީކޮށް އެކަން އިއުލާނެއް ނުކުރެ އެވެ. ތަރަން ބުނީ އެޕްރީލް 2 ގައި ފިލްމު ރިލީޒްކުރަން ނިންމާފައިވާތީ "ސޫރިޔާވަންޝީ" ގެ ޓީމުން އެކަން އަންނަ ހަފުތާގެ ތެރޭގައި ރަސްމީކޮށް އިއުލާންކުރާނެ ކަމަށެވެ.

ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ކުރިން މިދިޔަ އަހަރުގެ މާޗް މަހުގެ 27 ގައި ގެނެސްދޭން އުޅުނު ފިލްމެކެވެ. އެކަމަކު ފިލްމު ރިލީޒްކުރަން ދެ ދުވަހަށް ވެފައި ވަނިކޮށް ކޮވިޑް-19އާ ހެދި މާޗް 25 ގައި އިންޑިއާ ލޮކްޑައުންއަކަށް ގޮސް ސިނަމާތައް ވެސް ބަންދުކުރުމުން "ސޫރިޔާވަންޝީ" މި އަހަރަށް ފަސްކުރީ އެވެ.

މި ފިލްމަކީ ރޯހިތުގެ އަމިއްލަ ފިލްމު ކުންފުންޏާއި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި އަކްޝޭގެ ކޭޕް އޮފް ގުޑް ފިލްމްސްގެ އިތުރުން ރިލަޔަންސް އެންޓަޓައިންމަންޓް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

"ސޫރިޔާވަންޝީ" އަކީ ރޯހިތުގެ ކޮޕް ޔުނިވާސް އަށް އަކްޝޭ ތައާރަފުކުރާ ފިލްމެވެ. އޭނާގެ ކޮޕް ޔުނިވާސްގައި ދެން ހިމެނެނީ އަޖޭ ދޭވްގަންގެ "ސިންގަމް" އާއި ރަންވީރު ސިންގްގެ "ސިމްބާ" އެވެ. "ސޫރިޔާވަންޝީ" އިން އަޖޭ އާއި ރަންވީރު ވެސް އެ މީހުންގެ ފުލުސް ކެރެކްޓާތަކުން ހާއްސަ ފެނިލުންތަކުން ފެންނާނެ އެވެ.

މި ފިލްމުގެ ބަތަލާ އަކީ ކެޓްރީނާ ކައިފެވެ. މިއީ ކާމިޔާބު ފިލްމުތަކެއް ކުޅުނު އަކްޝޭ އާއި ކެޓްރީނާގެ ޖޯޑު ވަރަށް ގިނަ ދުވަސް ފަހުން ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ. ދެ ތަރިން އެންމެ ފަހުން އެކީގައި ކުޅުނީ 2010 ގެ "ތީސް މާރު ޚާން" އެވެ.

ސިނަމާތަކުގައި ނޫނީ ނުގެނެސްދޭން "ސޫރިޔާވަންޝީ" މި އަހަރަށް ފަސްކުރި އިރު މިދިޔަ އަހަރު އަކްޝޭގެ "ލަކްޝްމީ" އަކީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރި ފިލްމެކެވެ.

ރޯހިތު މިހާރު އަންނަނީ ރަންވީރާ އެކު "ސާކަސް" ކިޔާ ކޮމެޑީއެއް ހެދުމުގެ މަސައްކަތްކުރަމުންނެވެ.