Roadha Mihaaru
ފަހު ވަގުތު ރެއާލާ އެއްވަރުކޮށް ޑޯޓްމަންޑަށް އެއް ވަނަ

ފަހު ވަގުތު ރެއާލާ އެއްވަރުކޮށް ޑޯޓްމަންޑަށް އެއް ވަނަ

08 ޑިސެމްބަރ 2016

މެޑްރިޑް (ޑިސެމްބަރު 8) – ފަހު ވަގުތު މާކޯ ރޮއުސް ޖެހި ލަނޑާ އެކު ރެއާލް މެޑްރިޑާ 2-2 އިން އެއްވަރުކޮށް ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގެ އެއް ވަނަ މަގާމް ބޮރޫޝިއާ ޑޯޓްމަންޑް ހޯދިއިރު ޑައިނަމޯ ޒެގްރެބް 2-0 އިން ބަލިކޮށް ގްރޫޕް އެޗްގެ އެއް ވަނަ ޔުވެންޓަސް ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެޑްރިޑް (ޑިސެމްބަރު 8) – ފަހު ވަގުތު މާކޯ ރޮއުސް ޖެހި ލަނޑާ އެކު ރެއާލް މެޑްރިޑާ 2-2 އިން އެއްވަރުކޮށް ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގެ އެއް ވަނަ މަގާމް ބޮރޫޝިއާ ޑޯޓްމަންޑް ހޯދިއިރު ޑައިނަމޯ ޒެގްރެބް 2-0 އިން ބަލިކޮށް ގްރޫޕް އެޗްގެ އެއް ވަނަ ޔުވެންޓަސް ހޯދައިފި އެވެ.

ޑޯޓްމަންޑް އެއް ވަނަ ހޯދީ 14 ޕޮއިންޓާ އެކު އެވެ. ރޭގެ މެޗުން މޮޅުވެގެން އެއް ވަނަ ހޯދެން އޮތް މެޑްރިޑް ދެ ވަނަ އަށް ދިޔައީ 12 ޕޮއިންޓާ އެކު އެވެ. ހަތަރު ޕޮއިންޓާ އެކު މި ގްރޫޕުގެ ތިން ވަނަ ހޯދައި ޔުރޮޕާ ލީގުން ފުރުސަތު ހޯދީ ޕޮލެންޑުގެ ލެގާ ވޯސޯ އެވެ. އެންމެ ފުލަށް ދިޔައީ ތިން ޕޮއިންޓާ އެކު ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އެވެ. ރޭ ވޯސޯ އިން ވަނީ ސްޕޯޓިން 1-0 އިން ބަލިކޮށްފަ އެވެ.

މެޑްރިޑުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި އެ ޓީމާއި ޑޯޓްމަންޑް ކުޅުނު މެޗުގައި މެޑްރިޑުގެ ކަރިމް ބެންޒެމާ ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. އޭނާ ފުރަތަމަ ލަނޑު 28 ވަނަ މިނެޓުގައި ޖެހިއިރު ދެ ވަނަ ގޯލް ވައްދާލީ 53 ވަނަ މިނެޓުގަ އެވެ. ޑޯޓްމަންޑަށް ތަފާތު ކުޑަކޮށްދިނީ 60 ވަނަ މިނެޓުގައި ޕިއެރޭ އެމެރިކް އޯބަމަޔަން އެވެ. އަދި އެ ޓީމު މެޗުން ޕޮއިންޓެއް ހޯދީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ރޮއުސް ޖެހި ގޯލުންނެވެ.

ޔުވެންޓަސް އިން ގްރޫޕް ކާމިޔާބުކުރީ 14 ޕޮއިންޓް ހަމަކޮށްގެންނެވެ. މި ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރުން ޖާގަ ހޯދީ ރޭ ފްރާންސުގެ އޮލިމްޕިކް ލިޔޯންއާ 0-0 އިން އެއްވަރުވި ސްޕެއިނުގެ ސެވިއްޔާ އެވެ. އެ ޓީމު ވަނީ 11 ޕޮއިންޓް ހޯދައިފަ އެވެ. އަށް ޕޮއިންޓާ އެކު ތިން ވަނަ އަށް ދިޔަ ލިޔޯން ވަނީ ޔޫރަޕުގެ ދެ ވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޔުރޮޕާ ލީގުން ފުރުސަތު ހޯދައިފަ އެވެ. ޕޮއިންޓެއް ނުލިބި ފުލަށް ދިޔަ ޒެގްރެބް ވަނީ ކަޓައިފަ އެވެ. އެ ޓީމަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި، ލަނޑެއް ނުޖެހި އަދި ޕޮއިންޓެއް ވެސް ނުލިބި ގްރޫޕް ސްޓޭޖް ނިންމާލި ދެ ވަނަ ޓީމެވެ. އަނެއް ޓީމަކީ 2010 ވަނަ އަހަރު އިޒްރޭލުގެ މެކަބީ ހައިފާ އެވެ.