Roadha Mihaaru
ލަންކާ މެޗު އަތުން ދޫވީ ފަރުވާކުޑަވުމުން: އަކޫ

ލަންކާ މެޗު އަތުން ދޫވީ ފަރުވާކުޑަވުމުން: އަކޫ

12 ނޮވެމްބަރ 2021

މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި ހަތަރު ލަނޑުގެ ލީޑެއްގައި ރާއްޖެ ވަނިކޮށް މެޗު އަތުން ގެއްލިގެން ދިޔައީ ދިވެހި ކުޅުންތެރިންނަށް ފަރުވާ ކުޑަކޮށްލެވުމުން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި ހަތަރު ލަނޑުގެ ލީޑެއްގައި ރާއްޖެ ވަނިކޮށް މެޗު އަތުން ގެއްލިގެން ދިޔައީ ދިވެހި ކުޅުންތެރިންނަށް ފަރުވާ ކުޑަކޮށްލެވުމުން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ ބުނެފި އެވެ.

މަހިންދަ ޖާޕަކްސް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިދިޔަ އަންގާރަ ދުވަހު ރާއްޖެ އާއި ލަންކާގެ ކުރިމަތި ލުމުގައި، މެޗުގެ 64 ވަނަ މިނެޓާ ހަމައަށް ރާއްޖެ އޮތީ 4-0 އިން ކުރީގަ އެވެ. އެކަމަކު އޭގެ ފަހުން ލަންކާގެ އަހްމަދު ވަސީމް ރަޒީކް ހަތަރު ލަނޑު ޖަހައި މެޗު އެއްވަރު ކުރި އެވެ.

އަކުރަމް ބުނީ އެ ނަތީޖާ އެނބުރިގެން ދިޔައީ ދިވެހި ޓީމުގެ ވަކި ކުުޅުންތެރިޔެއްގެ ސަބަބުން ނޫން ކަމަށާއި ދަނޑު މަތީގައި ތިބި ހުރިހާ ކުޅުންތެރިންނަށް ވެސް ފަރުވާކުޑަ ކޮށްލެވުނު ކަމަށެވެ.

"ބަހަނާއެއް ދެއްކޭކަށް ނެތް އެ މެޗުގައި ކަންތައް ވެގެން ދިޔަ ގޮތުން. ހަމަ އަޅުގަނޑުމެންގެ ފަރުވާކުޑަ ކަމުން ވީގޮތެއް އެއީ. އެވަރުގެ ލީޑެއްގައި އޮތް އިރު އަނެއްކާ ފުރުސަތު ވެސް ލިބުނު، ތިން ހަތަރު ފުރުސަތު. އެހެންވީމަ އަޅުގަނޑު ބުނާނީ، ވަކި މީހެއް ނޫން އަޅުގަނޑު ވެސް ހިމެނިގެން ހަމަ ދަނޑުމަތީގައި އެ ވަގުތު ތިބި ކުޅުންތެރިންގެ ފަރުވާކުޑަކަމާއި ކޮންސެންޓްރޭޝަން ގެއްލިގެން އަޅުގަނޑުމެންނަށް ވީކަމެކޭ އެއީ," މާދަމާ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި އަކުރަމް ބުންޏެވެ.

އޭނާ ބުނީ އެ ހުރިހާ ކަމެއް ހަނދާން ނައްތާލާފައި ކުރިއަށް އޮތް ދެ މެޗު ކާމިޔާބު ކުރަން ދިވެހި ޓީމު ތިބީ އުންމީދުގައި ކަމަށެވެ. މެޗަކީ ރެފްރީގެ އެންމެ ފަހު ކަށިގަނޑު ފުމުނީމަ ނިމޭ އެއްޗެއްކަން ހަނދާން ބަހައްޓަން ޖެހޭ ކަމަށް އަކުރަމް ބުންޏެވެ. އޭނާ ބުނީ ވަރުބަލި ވިޔަސް މެޗުގެ ލީޑް ރާއްޖޭގެ ޓީމުގެ ކޮޅުގައި ހިފަހައްޓަން ކޮންމެހެން ވެސް ހިތްވަރު ނެރެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މޮރިއޭރޯ އާއި އަކުރަމް މިއަދު ޕްރީ މެޗު ޕްރެސްގައި --- ފޮޓޯ: އެފްއޭއެމް

މޮރިއޭރޯ އާއި އަކުރަމް މިއަދު ޕްރީ މެޗު ޕްރެސްގައި --- ފޮޓޯ: އެފްއޭއެމް

"ވަރުބަލި ވިޔަސް، ވަރުބަލި ނުވިޔަސް އެކްސްކިއުޒެއް ދެއްކޭކަށް ނެތް," އަކުރަމް ބުންޏެވެ. "އިންޝާﷲ ކުރިއަށް އޮތްތާންގައި އަޅުގަނޑުމެންގެ ކުޅުންތެރިންގެ ފަރާތުން އެކަމެއް ނުފެންނާނެ. އެފަދަ ހުރިހާ ކަމަކަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ. އެ ހުރިހާ ކަމެއް ރަނގަޅު ކޮށްގެން އިރާދަކުރެއްވިއްޔާ މާދަމާ ބަންގްލަދޭޝްގެ މެޗަށް އަޅުގަނޑުމެން ނުކުންނާނީ."

އަކުރަމް ބުނިގޮތުގައި ލަންކާ މެޗުގައި ވީގޮތުން އެއީ ބަލި ވުމެއް ކަމަށް ވެސް ބެލިދާނެ އެވެ. އެކަމަކު ޕޮއިންޓެއް ލިބުމަކީ މުބާރާތުގައި ދެމި އޮތުމަށް ލިބުނު ހިތްވަރެއް ކަމަށް އޭނާ ބުންޏެވެ.

"މިހާރު އެންމެ ފުރަތަމަ މިތައްޔާރު ވަނީ މާދަމާގެ މެޗަށް. މުޅި ޓީމް ވެސް ތައްޔާރު ވެގެން ނުކުންނާނީ މާދަމާގެ މެޗު ކާމިޔާބު ކުރުމަށް އިންޝާﷲ އެކަން ކޮށްގެން އަޅުގަނޑުމެން މާދަމާ ހޮޓަލަށް ދާނީ،" އޭނާ ބުންޏެވެ.

މުބާރާތުގެ މެޗުތައް ކުޅޭ ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގެ ދަނޑުގެ ހާލަތާ ބެހޭގޮތުން އަކުރަމް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނާ ބުނީ ދަނޑު އޮންނަ ގޮތުން ކުޅެން އުނދަގޫ ކަމަށެވެ.

"ފުޓްބޯޅައިގައި ވަރުބަލި ވާނެ. އެކަމަކު މި ދަނޑުގެ ހާލަތު އޮތް ގޮތުން ވަރުބަލިވުން އިތުރުވޭ. އެކަމަކު އެއީ ބަހަނާއެއް ކަމަށް ދެއްކޭކަށް ނެތް. ކޮންމެ ގޮތެއް ވިޔަސް މި ދަނޑުގައި ކުޅެން ޖެހިފައި މިއޮތީ. އެހެންވީމަ މިހާލަތުގައި ވެސް ކާމިޔާބު ހޯދޭތޯ ބަލާނީ."

ރާއްޖެ އާއި ބްންގްލަދޭޝްގެ މެޗު ފަށާނީ މާދަމާ ހަވީރު ރާއްޖޭ ގަޑިން 3:30 ގަ އެވެ.