Roadha Mihaaru
ކީޕަރު ނާޖީގެ ދިފާއުގައި ކެޕްޓަން އަކުރަމް ނުކުމެއްޖެ

ކީޕަރު ނާޖީގެ ދިފާއުގައި ކެޕްޓަން އަކުރަމް ވާހަކަދައްކައިފި

15 ނޮވެމްބަރ 2021

މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗަށް ފަހު ފާޑުކިޔުން އަމާޒުވި، ގައުމީ ކީޕަރު އަލީ ނާޖިހްގެ ދިފާއުގައި ކެޕްޓަން އަކުރަމް އަބްދުލް ގަނީ ނުކުމެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗަށް ފަހު ފާޑުކިޔުން އަމާޒުވި، ގައުމީ ކީޕަރު އަލީ ނާޖިހްގެ ދިފާއުގައި ކެޕްޓަން އަކުރަމް އަބްދުލް ގަނީ ނުކުމެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ރާއްޖެއާ ދެކޮޅަށް ބަންގްލަދޭޝް ކުޅުނު މެޗުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކީ ކީޕަރު ނާޖީ ކުރިއަށް ނުކުމެ ބަންގްލަދޭޝްގެ ޖުވެލް ރާނާ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އޭނާގެ ގައިގައި ޖެހި ރާނާ ވެއްޓުމުން ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީން ބަންގްލަދޭޝްގެ ޑިފެންޑަރު ޓޯޕޫ ބާމަން ގޯލް ޖަހައި ރާއްޖެ ބަލިކުރީ އެވެ.

އެ މެޗަށް ފަހު ބައެއް މީހުން ވަނީ ނާޖީ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. ނާޖީ އަށް ފާޑު ކިޔުން އަމާޒުވީ އޭނާ އަރަން ނުޖެހޭ ބޯޅައަކަށް އެރިކަމަށް ބުނެ އެވެ. އެކަމަކު މިއަދު އަކުރަމް ބުނީ ނާޖީ ކުށްވެރި ކުރެވޭނެ އެއްވެސް ހާލަތެއް އެތަނުގައި ނެތް ކަމަށެވެ.

"އެއީ އަޅުގަނޑުގެ ފަރާތުން އައި މިސްޓޭކެއްގެ ސަބަބުން ދިޔަ ބޯޅައެއް. އޭގެ ޒިންމާ އަޅުގަނޑު ނަގަން. ނާޖީއާ ދިމާލަށް އެއްވެސް ބޭފުޅަކު އެއްވެސް އެއްޗެކޭ ނުބުނާށޭ. އޭނާ އަކީ ޒުވާން ކުޅުންތެރިޔެއް އަދި ގައުމީ ޓީމަށް މުޅިން އަލަށް ފަށައިގެން އެ އުޅެނީ،" ސީނިއާ ޓީމަށް އަލަށް ކުޅެން ފެށި ކީޕަރާ ބެހޭގޮތުން އަކުރަމް ބުންޏެވެ.

"އެ ގޯލްގެ ޒިންމާ އަޅުގަނޑު ނަގަން. އެކަމަކު މި ބުނަނީކީ އަޅުގަނޑުމެން އަރަނީ އަމިއްލަ ޓީމު ބަލިކުރާކަށް ނޫނޭ. އެހެން ވެގެންނޭ މިހެންވެގެންނޭ ބަލިވީ ބުނެވޭކަށް ނެތޭ."

އަކުރަމް ބުނީ މިހާރުގެ ކޯޗް ފްރެންޗެސްކޯ މޮރިއޭރޯގެ ޕްލޭނަށް މަސައްކަތް ކުރަން އެކަށީގެންވާ ވަގުތު ލިބުނު ނަމަ ހާލަތު ތަފާތު ވާނެ ކަމަށެވެ. ރާއްޖޭގެ ޓީމު މެޗު ވޯމްއަޕަށް ނުކުންނަ ގަޑި ލަސްވުމުން އެކަން ފާހަގަ ކުރުމުން އަކުރަމް ބުނީ ކުޅުންތެރިން މަސައްކަތް ކުރަނީ ކޯޗު ބޭނުންވާ ގޮތަށް ކަމަށެވެ.

"މި ޓީމުގައި ނެތް އެއްވެސް މައްސަލައެއް. ވޯމްއަޕަށް ނުކުންނަން ޖެހޭ ގަޑި ނިންމާނީ ކޯޗް. މި އުޅެނީ ޓީމުގައި ރޫހް ނެތިގެންނެއް ނޫން،" މާދަމާ ސީޝެލްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އަކުރަމް ބުންޏެވެ.

"ކަންދިމާކުރި ގޮތުން މި އުޅެނީ އަޅުގަނޑުމެން ބޭނުންވާ ނަތީޖާ ވެސް ނައިސް ގެނޭ އަޅުގަނޑުމެން ބޭނުންވާ ގޭމް ވެސް ޓީމަށް ނުކުޅެވިގެންނޭ މި އުޅެނީ. މީގެ ތެރޭގައި ނެތޭ އެއްވެސް މައްސަލައެއް."

އޭނާ ބުނީ މާދަމާގެ މެޗު ކާމިޔާބުކޮށްގެން ފައިނަލަށް ދިއުމުގެ ރޫހު ޓީމުގައި އެބައޮތް ކަމަށެވެ. ކުޅުންތެރިންގެ ފަރާތުން ދޭން ޖެހޭ 100 ޕަސެންޓް ނެރެވިއްޖެ ނަމަ މެޗު ކާމިޔާބު ކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.