Roadha Mihaaru
ސުޝްމިތާގެ "އާރިއާ 2" ގެ ދައްކާލުމެއް

ސުޝްމިތާގެ ވެބް ސީރީޒް "އާރިއާ" ގެ ދެވަނަ ސީޒަންގެ ދައްކާލުމެއް

14 ނޮވެމްބަރ 2021

މިދިޔަ އަހަރު ސުޝްމިތާ ސެން ފެނިގެން ދިޔަ ކާމިޔާބު ވެބް ސީރީޒް "އާރިއާ" ގެ ދެވަނަ ސީޒަންގެ ކުރު ޓީޒާއެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ސުޝްމިތާ ސެން ފެނިގެން ދިޔަ ކާމިޔާބު ވެބް ސީރީޒް "އާރިއާ" ގެ ދެވަނަ ސީޒަންގެ ކުރު ޓީޒާއެއް ދައްކާލައިފި އެވެ.

އިންސްޓަގްރާމްގައި އެ ޕޯސްޓް ކުރުމަށްފަހު، 1994 ގެ މިސް ޔުނިވާސް ބުނީ "އާރިއާ 2" ގައި އޭނާގެ ކެރެކްޓާ ކުރިއަށް ވުރެ ވަރުގަދަ ވެފައި ޖެހިލުން ކުޑަވާނެ ކަމަށެވެ. ޓީޒާގައި ފެންނަނީ ހޮލީ ފާހަގަ ކުރުމުގެ ތެރޭގެ މަންޒަރެކެވެ.

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި 2016 ގެ ފިލްމު "ނީރްޖާ" ގެނެސްދިން ޑައިރެކްޓަރު ރާމް މަދުވާނީ ސުޝްމިތާއާ އެކު ގެނެސްދޭ "އާރިއާ" އަކީ އާއިލާއެއް ހިމާޔަތް ކުރަން އަންބަކު ކުރާ ހިތްވަރު ދައްކުވައިދޭނެ އެއްޗެކެވެ. މިދިޔަ އަހަރުގެ ޖޫން މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދިން ނުވަ އެޕިސޯޑްގެ ސީރީޒް އަށް ލިބުނު ބޮޑު ތަރުހީބާ ގުޅިގެން "އާރިއާ 2" ގެ މަސައްކަތް ފެށީ މި އަހަރުގެ ކުރީކޮޅު އެވެ.

ސުޝްމިތާ ބުނީ ވަރަށް އަވަހަށް އާ ސީޒަން ވެސް ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށެވެ. "އާރިއާ 2" ގެނެސްދޭން ތައްޔާރުވެފައިވާ އިރު މަދުވާނީގެ އާ ފިލްމު "ދަމާކާ" މި މަހުގެ 19 ގައި ނެޓްފްލިކްސް އިން ޕްރީމިއާ ކުރާނެ އެވެ. އޭގެ ތަރިންނަކީ ކާތިކް އާރިޔަނާއި މުރްނާލް ތާކޫރެވެ.

"އާރިއާ" ގެ ފުރަތަމަ ސީޒަނުން ފެނުނު ކާސްޓުންގެ ތެރޭގައި ޗަންދުރަޗޫރް ސިންގް، ނަމިތު ދާސް، އަންކޫރް ބާޓިއާ، ވިކާސް ކުމާރު އަދި ސިކަންދަރް ކޭރް ހިމެނެ އެވެ. މި ސީރީޒަކީ މި އަހަރު ބޭއްވި އިންޓަނޭޝަނަލް އެމީ އެވޯޑްސްގައި ބެސްޓް ޑްރާމާ ސީރީޒަށް ނޮމިނޭޓް ވެސް ވި އެއްޗެކެވެ.

ސުޝްމިތާ، 45، އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ 2010 ގެ "ނޯ ޕްރޮބްލެމް" އެވެ.