Roadha Mihaaru
"މޮޑަން ލަވް" ގެ އިންޑިއާ ވާޝަނެއް ގެނެސްދެނީ

"މޮޑަން ލަވް" ގެ އިންޑިއާ ވާޝަނެއް ގެނެސްދެނީ

20 ޖެނުއަރީ 2022

އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން މަގުބޫލު ރޮމޭންޓިކް އެންތޮލޮޖީ ސީރީޒް "މޮޑަން ލަވް" އިންޑިއާގެ ވާޝަނެއް ގެނެސްދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން މަގުބޫލު ރޮމޭންޓިކް އެންތޮލޮޖީ ސީރީޒް "މޮޑަން ލަވް" އިންޑިއާގެ ވާޝަނެއް ގެނެސްދޭން ނިންމައިފި އެވެ.

މިޑް-ޑޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ ސީޒަނަކަށް 16 އެޕިސޯޑާ އެކު 2019 އާއި މިދިޔަ އަހަރު ގެނެސްދިން ސީރީޒްގެ އިންޑިއާގެ ވާޝަނެއް ހެދުމަކީ އެމެޒޯނުން ކުރިން ވެސް ސީރިއަސްކޮށް ވިސްނަމުން އައި ކަމެކެވެ. އެހެންވެ، މިހާރު އެ ހަދަން ފަށައި އޭގެ ބައިތައް ޑައިރެކްޓަރުންތަކަކާ ހަވާލު ވެސް ކޮށްފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ "އޯމްކާރާ" އާއި "ކަމީނޭ" ފަދަ ކާމިޔާބު އެތައް ފިލްމެއް ގެނެސްދިން ވިޝާލް ބަރަދުވާޖާއި "އަލީގަޅް" ގެ ޑައިރެކްޓަރު ހެންސަލް މެހެތާއި އާއި "ލިޕްސްޓިކް އަންޑަ މައި ބުރުގާ" ގެ ޑައިރެކްޓަރު އަލަންކްރިތާ ޝްރިވާސްތާވް އާއި "ދަ ސްކައި އިޒް ޕިންކް" ގެ ޑައިރެކްޓަރު ޝޮނާލީ ބޯސް އާއި މަލަޔާލަމް ޑައިރެކްޓަރު އަންޖަލީ މެނަންގެ އިތުރުން "ލިޓްލް ތިންގްސް" ގެ ޑައިރެކްޓަރު ދުރޫވް ސޭގަލް އެވެ.

މީގެ ތެރެއިން ބައެއް ޑައިރެކްޓަރުން މިހާރު އެ މީހުންގެ ސެގްމަންޓްތައް މިދިޔަ އަހަރުގެ ފަހުކޮޅު ޝޫޓްކޮށް ނިންމާފައިވެ އެވެ.

"މޮޑަން ލަވް" އިންޑިއާގެ ވާޝަނުން ފެންނާނެ ބައެއް ކާސްޓުންގެ ތެރޭގައި ފާތިމާ ސަނާ ޝައިހާއި އަރަމުން އަންނަ އެކްޓަރު ޕްރަތީކް ގާންދީގެ އިތުރުން ވަމީގާ ގައްބީ ވެސް ހިމެނެ އެވެ.

މި އަހަރުގެ ތެރޭގައި ސީރީޒް ގެނެސްދޭން ނިންމާފައި އޮތަސް އަދި ވަކި ތާރީހެއް ހަމައެއްނުޖައްސަ އެވެ.

ބޮޑު ކާސްޓެއް ހިމަނައިގެން ގެނެސްދިން "މޮޑަން ލަވް" އަކީ ގިނަ ޑައިރެކްޓަރުންގެ މަސައްކަތްތައް ފެނިގެން ދިޔަ އެއްޗެކެވެ. މީގެ ދެ ސީޒަނުން ފެނުނު މަޝްހޫރު ތަރިންތަކުގެ ތެރޭގައި އޭން ހެތަވޭ، ޓީނާ ފޭ، ދޭވް ޕަޓޭލް، އެންޑީ ގާޝިއާ، ކިޓް ހެރިންޓަން އަދި ލަވަކިޔުންތެރިޔާ އެޑް ޝީރަން ހިމެނެ އެވެ.