Roadha Mihaaru
މަނީޝާ 26 އަހަރު ފަހުން ބަންސާލީއާ އެކު

މަނީޝާ 26 އަހަރު ފަހުން ބަންސާލީއާ އެކު

07 ޖެނުއަރީ 2022

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކުރި ފުރަތަމަ ފިލްމު "ހާމޯޝީ: ދަ މިއުޒިކަލް" ގެނެސްދިންތާ 26 އަހަރު ފަހުން އޭގެ ބަތަލާ މަނީޝާ ކޮއިރަލާއާ އެކު މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކުރި ފުރަތަމަ ފިލްމު "ހާމޯޝީ: ދަ މިއުޒިކަލް" ގެނެސްދިންތާ 26 އަހަރު ފަހުން އޭގެ ބަތަލާ މަނީޝާ ކޮއިރަލާއާ އެކު މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ނެޓްފްލިކްސްއާ ގުޅިގެން ބަންސާލީ ހަދަން ނިންމާފައިވާ ވެބް ސީރީޒް "ހީރާމަންޑީ" ގެ ރޯލަކަށް މަނީޝާ މިހާރު ވަނީ ސޮއިކޮށްފަ އެވެ. މީގެ ކާސްޓްގައި އޭނާ ހިމެނެނޭ ކަމަށް މިދިޔަ އަހަރު ވެސް ބައެއް މީޑިއާތަކުން ބުންޏެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ހީރާމަންޑީ" ގެ ވަރުގަދަ ބޮޑު ރޯލެއް މަނީޝާ އަށް ހުށަހެޅުމާ އެކު އޭނާ ވަގުތުން އެއަށް އެއްބަސްވެފައިވެ އެވެ. އެކަމަކު މިކަން އަދި ރަސްމީކޮށް ކަށަވަރެއް ނުވެ އެވެ. އަނެއްކޮޅުން ސީރީޒްގެ ކާސްޓާ ބެހޭ އެއްވެސް ތަފުސީލެއް މިހާތަނަށް އަދި ރަސްމީކޮށް ހާމައެއްނުކުރެ އެވެ.

ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓް މަހުގައި އިއުލާންކުރި "ހީރާމަންޑީ" ގެ ކާސްޓުގައި ސޮނާކްޝީ ސިންހާ އާއި ހުމާ ގްރޭޝީ އާއި ޖޫހީ ޗާވްލާގެ އިތުރުން ރޭކާ ފަދަ މަޝްހޫރު އިތުރު ތަރިންތަކެއް ވެސް ހިމެނޭނެ ކަމަށް މީޑިއާތަކުން ބުނެ އެވެ.

މި ސީރީޒަކީ ކުރިން އިންޑިއާގެ ބައެއްގެ ގޮތުގައި އޮތް ލާހޯރުގައި އުޅުނު "ޝާހީ" ޖާރިޔާއިންތަކެއްގެ ވާހަކަ ކިޔައިދޭ ޑްރާމާއެކެވެ.

"ހީރާމަންޑީ" ގެ ރޯލެއް ކުރީގެ މަޝްހޫރު ބަތަލާ މުމްތާޒަށް ހުށަހެޅުމުން އޭނާ އެ ގަބޫލުނުކުރި ކަމަށް މި ހަފުތާގައި ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.

ފުރަތަމަ ސީޒަން ހަތް އެޕިސޯޑަށް ގެނެސްދޭ ގޮތަށް، މި ސީރީޒަކީ ވަރަށް ގްރޭންޑްކޮށް ހަދަން ހަމަޖެހިފައިވާ އެއްޗެކެވެ. މި ޑައިރެކްޓްކުރަނީ ބަންސާލީ އާއި 2015 ގެ ފިލްމު "ހަވާއީޒާދާ" ގެ ޑައިރެކްޓަރު ވިބޫ ޕޫރީ އެވެ.

ބަންސާލީއާ އެކު މަނީޝާ މަސައްކަތްކުރި 1996 ގެ "ހާމޯޝީ" އަކީ ސަލްމާން ޚާން ބަތަލުގެ ރޯލު ކުޅުނު ފިލްމެކެވެ. ނޭޕާލަށް އުފަން މަނީޝާ، 51، އެންމެ ފަހުން ފެނިފައި ވަނީ މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހުމާން ޕްރޮޑިއުސްކޮށް މިދިޔަ އަހަރު ގެނެސްދިން ފިލްމު "99 ސޯންގްސް" އިންނެވެ. މިހާރު އާންމުކޮށް ސަޕޯޓިން ރޯލްތައް ކުޅޭ ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކާތިކް އާރިޔަންގެ "ޝެހެޒާދާ" ހިމެނެ އެވެ. މިއީ މި އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރާނެ ފިލްމެކެވެ.