Roadha Mihaaru
ކޮޕް27 މިސްރުގައި، ކޮޕް28 އެމިރޭޓްސްގައި

ކޮޕް27 މިސްރުގައި، ކޮޕް28 އެމިރޭޓްސްގައި

14 ނޮވެމްބަރ 2021

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުން ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އދ. މަޖިލީހުން އިންތިޒާމުކޮށްގެން ދެން ބާއްވާ މަހާސިންތާ، ކޮޕް27 މިއަންނަ އަހަރު މިސްރުގެ ރިސޯޓް ރަށެއް ކަމުގައިވާ ޝަރުމުއް ޝައިޚްގައި ބާއްވަން އދ. އިން ނިންމައިފި އެވެ. އަދި ޖެހިގެން އަންނަ އަހަރުގެ މަހާސިންތާ، ކޮޕް28 ބާއްވާނީ އެމިރޭޓްސްގައި ކަމަށް، ވެސް އދ. އިން މިހާރު ވަނީ ނިންމައިފަ އެވެ.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުން ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އދ. މަޖިލީހުން އިންތިޒާމުކޮށްގެން ދެން ބާއްވާ މަހާސިންތާ، ކޮޕް27 މިއަންނަ އަހަރު މިސްރުގެ ރިސޯޓް ރަށެއް ކަމުގައިވާ ޝަރުމުއް ޝައިޚްގައި ބާއްވަން އދ. އިން ނިންމައިފި އެވެ. އަދި ޖެހިގެން އަންނަ އަހަރުގެ މަހާސިންތާ، ކޮޕް28 ބާއްވާނީ އެމިރޭޓްސްގައި ކަމަށް، ވެސް އދ. އިން މިހާރު ވަނީ ނިންމައިފަ އެވެ.

މިސްރުގެ ތިމާވެއްޓާ ބެހޭ ވުޒާރާ އިން މިދިޔަ ބުރާސްފަތި ދުވަހު ބުނި ގޮތުގައި، ކޮޕް27 މިސްރުގައި ބާއްވަން އދ.އިން ނިންމީ މިމަހުގެ 1-12 އިނގިރޭސި ވިލާތުގެ ގްލެސްގޯގައި ބޭއްވި، ދުނިޔޭގެ ތިމާވެއްޓާ ބެހޭ މަހާސިންތާ، ކޮޕް26 ގައި ގައުމުތަކުގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު އެވެ. ކޮޕް27 ގެ ބައްދަލުވުންތައް ކުރިއަށް ދާނީ، ނޮވެމްބަރު 7، 2022 ން ނޮވެމްބަރު 18، 2022 އަށެވެ.

ކޮޕް27 މިސްރުގައި ބާއްވަން ޝައުގުވެރިވާ ކަން ހާމަކުރެއްވީ، އެމެރިކާގެ ނިއު ޔޯކްގައި މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި، އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ ތެރޭގައި، ގައުމުތަކުގެ ވެރިންގެ މެދުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ތިމާވެށީގެ މައްސަލަތަކާ މެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއްގަ އެވެ.

ކޮޕް28 އެމިރޭޓްސްގައި ބާއްވަން ނިންމީ، އިނގިރޭސި ވިލާތުގެ ގްލެސްގޯގައި މިދިޔަ ހުކުރު ދުވަހު ނިމުނު، ތިމާވެށީގެ މިއަހަރުގެ މަހާސިންތާ، ކޮޕް26ގެ ހަވާސާގައި ބޭއްވި، ޔޫއެން ފްރޭމްވޯކް އޮން ކްލައިމެޓް ޗޭންޖްގެ ޕްލެނަރީ މީޓިންގަ އެވެ. އެގޮތަށް ނިންމީ ކޮޕް28 ބޭއްވުމަށް ޝައުގުވެރިކަން ފާޅުކޮށް، އެމެރިޓޭސްއިން ހުށަހެޅި ބީލަން ދިރާސާ ކުރުމަށް ފަހު އެވެ.

މިސްރުގެ ރިސޯޓް ރަށެއް ކަމަށްވާ ޝަރްމުއް ޝައިޚް

މިސްރުގެ ރިސޯޓް ރަށެއް ކަމަށްވާ ޝަރްމުއް ޝައިޚް

އެމިރޭޓްސްގެ ހުށަހެޅުމުގައި، ކޮޕް28ގެ ބައްދަލުވުންތައް ބާއްވާނެ ތަންތަނާއި ތާރީހުތަކާއި، ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދަން ރާވާފައިވާ ގޮތް ހިމަނާފައިވެ އެވެ. އެމިރޭޓްސް އިން ހުށަހަޅާފައިވަނީ، ކޮޕް28 ގެ މަހާސިންތާ، ނޮވެމްބަރު 6، 2023ގައި ފަށައިގެން، އދ. އިން ކަނޑައަޅާ މުއްދަތަކަށް ކުރިއަށް ގެންދާށެވެ.

"މި ހުށަހެޅުމަށް އިދިކޮޅު ހަދާނެ އެއްވެސް ބަޔަކު ނެތް. މިކަން އެ ގޮތަށް ނިމިއްޖެ،" މިހާރު ކުރިއަށް ދާ ކޮޕް26ގެ ރައީސް އަލޮކް ޝަރުމާ، މިދިޔަ ހުކުރު ވިލޭރޭ އިއުލާން ކުރެއްވި އެވެ.

އދ.ގެ މި ނިންމުމާ ގުޅިގެން އެމިރޭޓްސްގެ ނައިބު ރައީސް އަދި ދުބާއީގެ ވެރިޔާ ޝައިޚް މުހައްމަދު ބިން ރާޝިދު އާލް މަކްތޫމް ވަނީ، އެކަމަށް އުފާ ފާޅުކުރައްވައި އެމިރޭޓްސްގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.

އެމިރޭޓްސްގެ އަބޫ ދާބީ

އެމިރޭޓްސްގެ އަބޫ ދާބީ

"ތިމާވެއްޓާ ބެހޭ އެންމެ މުހިންމު މަހާސިންތާ ކޮޕް28، 2023ގައި އެމިރޭޓްސްގައި ބޭއްވުމަށް އަހަރެމެންގެ ގައުމުން ހުށަހެޅި ބީލަން ކާމިޔާބުވި ކަމަށްޓަކައި، އެމިރޭޓްސްއަށް ތަހުނިޔާ ކިޔަން. މިއީ އަހަރެމެންގެ ގައުމަށް ހައްގު ކާމިޔާބެއް. މި މަހާސިންތާ ކާމިޔާބު ކުރުމަށްޓަކައި، އަހަރެމެންގެ ކިބައިގައި ހުރި ހުރިހާ ކެރިކުޅަދާނަކަމެއް އަހަރެމެން ދޭނަން. އަހަރެމެންގެ މިބިން ހިމާޔަތްކުރުމުގެ ގޮތުން ތިމާވެށި ރައްކާތެރިކުރުމުގައި އެމިރޭޓްސް އަބަދުވެސް ދެމިއޮންނާނެ،" އެމިރޭޓްސްގެ ނައިބު ރައީސް ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވެ އެވެ.

އަބޫ ދާބީގެ ވަލީ އަހުދު އަދި އެމެރޭޓްސްގެ ހަތިޔާރު އެޅި ލަޝްކަރުތަކުގެ އެންމެ މަތީ ވެރިޔާގެ ނައިބު ޝައިޚް މުހައްމަދު ބިން ޒާޔިދު ވިދާޅުވި ގޮތުގައި ކޮޕް28 ބޭއްވުމުގެ ފުރުސަތު ލިބުމަކީ، އެމިރޭޓްސް އަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ.

"ދެމެހެއްޓެނި އިޤްތިޞާދީ ކުރިމަގެއް ބިނާކުރުމުގަ އާއި ތިމާވެށި ރައްކާތެރިކުރުމަށް އަދި މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތް ހަލުވިކުރުމަށް، ބައިނަލްއަގުވާމީ މުޖްތަމައާ އެކުގައި މަސައްކަތް ކުރުމަށް އަހަރެމެން އުންމީދު ކުރަން،" ޝައިޚް މުހައްމަދު ބިން ޒާޔިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.