Roadha Mihaaru
ވައުދުތައް ވިޔަސް އަމާޒަށް ވާސިލުވާން ގާތް ވެސް ނުވޭ

ވައުދުތައް ވިޔަސް އަމާޒަށް ވާސިލުވާން ގާތް ވެސް ނުވޭ

10 ނޮވެމްބަރ 2021

އިނގިރޭސި ވިލާތުގެ ގްލެސްގޯގައި މިހާރު ކުރިއަށް ދާ އދ.ގެ ތިމާވެއްޓާ ބެހޭ ސަމިޓްގައި، ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން ތަފާތު ވައުދުތައް ވެވަޑައިގެންފި އެވެ.

އިނގިރޭސި ވިލާތުގެ ގްލެސްގޯގައި މިހާރު ކުރިއަށް ދާ އދ.ގެ ތިމާވެއްޓާ ބެހޭ ސަމިޓްގައި، ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން ތަފާތު ވައުދުތައް ވެވަޑައިގެންފި އެވެ.

ބޯޓުދެލިން ހިންގާ އިންޖީނުގެތަކަށް އިތުރު އިންވެސްޓެއް ނުކުރުމަށެވެ. އަދި އެފަދަ އިތުރު އިންޖީނުގެތައް ނުއުފެއްދުމަށެވެ.

އަނެއް ބަޔަކު ވައުދުވީ 2030 ގެ ނިޔަލަށް ނެޓްޒީރޯ ގައުމުތަކަކަށް ވުމަށެވެ. އަނެއް ބަޔަކު ނިންމީ، 2060 އަދި 2070ގެ ނިޔަލަށް ނެޓްޒީރޯ ގައުމުތަކަކަށް ވުމަށެވެ. އަދި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުން އިތުރުކުރުމަށް ވެސް ވައުދުވެއްޖެ އެވެ. އަނެއް ބައެއް ގައުމުތަކުން ވައުދުވީ ޖަންގަލިތަކުން ގަސް ކެނޑުން ހުއްޓައިލުމަށެވެ.

މިފަދަ ކިތަންމެ ވައުދެއް ވިޔަސް، ދުނިޔޭގެ ހޫނުމިން މަތިވުން ކޮންޓްރޯލްކުރުމަށް މީގެ ކުރިން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވާން ގާތްވެސް ނުވާ ކަމަށް، އާ ހޯދުންތަކުން ދައްކައިފި އެވެ.

އިނގިރޭސި ވިލާތުގެ ގްލެސްގޯގައި މިހާރު ކުރިއަށް ދާ ތިމާވެށީގެ މަހާސިންތާގެ ބައްދަލުވުމެއް ހިނގަމުން ދިޔަ އިމާރާތެއްގެ ބޭރުގައި، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ ޖަމިއްޔާއެއްގެ ބަޔަކު މުޒާހަރާ ކުރަނީ. --އޭއެފްޕީ

އިނގިރޭސި ވިލާތުގެ ގްލެސްގޯގައި މިހާރު ކުރިއަށް ދާ ތިމާވެށީގެ މަހާސިންތާގެ ބައްދަލުވުމެއް ހިނގަމުން ދިޔަ އިމާރާތެއްގެ ބޭރުގައި، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ ޖަމިއްޔާއެއްގެ ބަޔަކު މުޒާހަރާ ކުރަނީ. --އޭއެފްޕީ

ދިރާސާކުރާ މިނިވަން ޓީމެއް ކަމަށްވާ، ކްލައިމެޓް އެކްޝަން ޓްރެކާ (ކެޓް) އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ދުނިޔޭގެ ހޫނުމިން މިހާރު މަތިވަމުންދާ ނިސްބަތް ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ، ދުނިޔޭގެ ހޫނުމިން އިތުރު 2.4 ޑިގްރީ ސެލްސިއަސް އަށް އިތުރުވާނެ އެވެ. މިއީ ދުނިޔޭގެ ހޫނުމިން ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ ގައުމުތަކުން މީގެ އަހަރުތަކެއް ކުރިން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ މާ މަތީ މިންވަރެކެވެ.

ފަރަންސޭސި ވިލާތުގައި 2015 ވަނަ އަހަރު ބޭއްވި މޫސުމާ ބެހޭ ބައްދަލުވުމުގައި އެކުލަވައިލި ޕެރިސް އެގްރީމެންޓްގައި، ދުނިޔޭގެ ގައުމުތަކުން ނިންމާފައިވަނީ، 1750 ވަނަ އަހަރު ސިނާއީ އިންގިލާބު ފެށުމުގެ ކުރިން ދުނިޔޭގެ ފިނިހޫނުމިން ހުރި މިންވަރަށް ވުރެ، 1.5 ޑިގްރީ ސެލްސިއަސް އިތުރުވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށެވެ.

ކެޓް އިން ބުނި ގޮތުގައި ކޮޕް26 އަކީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް ހައްލުކުރުމަށް މުހިންމު ނިންމުންތަކެއް ފާސްކުރެވޭ މަހާސިންތާއެކެވެ. ނަމަވެސް، ދުނިޔެ ހޫނުވުން ހުއްޓުވުމަށް މިދިޔަ އަހަރުތަކުގައި މާއެކަށޭނަ މަސައްކަތްތަކެއް ކުރެވިފައި ނެތުމުން، ދުނިޔޭގެ ހޫނުމިން މިހާރު ވަނީ ކުރިން އަންދާޒާ ކުރި ވަރަށް ވުރެ މައްޗަށް ގޮސްފަ އެވެ.

އޮކްޓޫބަރު 23، 2021: ސައޫދީ ގްރީން އިނިޝިއޭޓިވް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވި އެކި ގައުމުތަކުގެ މަންދޫބުން. --އޭއެފްޕީ

އޮކްޓޫބަރު 23، 2021: ސައޫދީ ގްރީން އިނިޝިއޭޓިވް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވި އެކި ގައުމުތަކުގެ މަންދޫބުން. --އޭއެފްޕީ

މިދިޔަ 10 އަހަރަށް ބަލާއިރު، ޖައްވުގެ ތެރެއަށް އެންމެ ގިނައިން ވިހަ ގޭސް ބޭރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައި ކަމަށް ދުނިޔޭ މޫސުމާ ބެހޭ އިދާރާ (ޑަބްލިޔޫއެމްއޯ) އިން ބުނެ އެވެ. އެ އިދާރާ އިން އޮކްޓޫބަރު 25، 2021 ގައި ޝާއިއުކުރި 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައި ބުނެފައިވާ ގޮތުން، ދުނިޔޭގެ ވައިގެ ފަށަލައިގެ ތެރޭގައި ހުރި، ކާބަން ޑައިއޮކްސައިޑްގެ މިންވަރު، 2020 ވަނަ އަހަރު ވަނީ، 413.2 ޕާޓްސް ޕާ މިލިއަން އަށް މައްޗަށް ގޮސްފަ އެވެ. މިއީ މިދިޔަ 10 އަހަރުގެ ތެރޭގައި، އެވްރެޖްކޮށް އަހަރެއްގެ ތެރޭގައި އިތުރުވާ މިންވަރަށް ވުރެ މާބޮޑަށް މަތީ މިންވަރެކެވެ.

ކެޓްގެ ދިރާސާގައި ބުނެފައިވާ ގޮތުން، ކޮޕް26 މަހާސިންތާގައި ވެފައިވާ ވައުދުތަކާ އެއްގޮތަށް އަމަލުކުރި ކަމުގައި ވިޔަސް، ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ އަށް އިތުރުވިޔަ ނުދީ ހިފެހެއްޓުމަށް ބޭނުންވާ މިންވަރަށް ވުރެ ދެގުނަ އިތުރަށް، 2030 ވަނަ އަހަރުގެ ތެރޭގައި ވެސް، ވިހަ ގޭސްތައް ޖައްވުގެ ތެރޭގައި ހުންނާނެ އެވެ.

ސައެންސްވެރިން ބުނާ ގޮތުގައި ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއެސް އަށް ވުރެ އިތުރުވިޔަ ނުދީ ހިފެހެއްޓިއްޖެ ނަމަ، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން ސަލާމަތްވުމުގެ ފުރުސަތު އެބަ އޮތެވެ. ކެޓްގެ ދިރާސާގައި ބުނެފައިވާ ގޮތުން، ތިމާވެށީގެ މަހާސިންތާގައި ވެފައިވާ ވައުދުތައް ކިތަންމެ ރަނގަޅު ނަމަވެސް، އެ ވައުދުތައް ވެފައިވާ ގައުމުތަކުގެ ސަރުކާރުތަކުން އަމަލުކުރަމުން އަންނަ ސިޔާސަތަށް ބަލާއިރު، 2100 ވަނަ އަހަރު އަންނަ އިރު، ދުނިޔޭގެ ހޫނުމިން މިހާރަށް ވުރެ 2.7 ޑިގްރީ ސެލްސިއަސް އިތުރުވެގެންދާނެ އެވެ.