Roadha Mihaaru
ޗައިނާ އެމެރިކާއަށް: ހުސްއަނގަ ނުތަޅާ އަމަލުން ދައްކާ

ޗައިނާ އެމެރިކާ އަށް: ހުސް އަނގަ ނުތަޅާ އަމަލުން ދައްކާ

04 ނޮވެމްބަރ 2021

ދުނިޔެ ހޫނުވުން ކޮންޓްރޯލްކޮށް ތިމާވެށި ސަލާމަތް ކުރަން ބޭނުން ނަމަ، ތިމާވެއްޓޭ ކިޔައިގެން ހުސް އަނގަ ތެޅުމުގެ ބަދަލުގައި އަމަލުން އެކަން ސާބިތުކޮށްދިނުމަށް، ޗައިނާ އިން އެމެރިކާ އަށް ގޮވާލައިފި އެވެ.

ދުނިޔެ ހޫނުވުން ކޮންޓްރޯލްކޮށް ތިމާވެށި ސަލާމަތް ކުރަން ބޭނުން ނަމަ، ތިމާވެއްޓޭ ކިޔައިގެން ހުސް އަނގަ ތެޅުމުގެ ބަދަލުގައި އަމަލުން އެކަން ސާބިތުކޮށްދިނުމަށް، ޗައިނާ އިން އެމެރިކާ އަށް ގޮވާލައިފި އެވެ.

ޗައިނާ އިން މި މޭރުމުން އެމެރިކާ އަށް ބަހުގެ ހަމަލާތަކެއް މި ދިނީ، މިހާރު އިނގިރޭސި ވިލާތުގެ ގްލެސްގޯގައި ކުރިއަށް ގެންދާ، އދ. ގެ ތިމާވެއްޓާ ބެހޭ މަހާސިންތާ، ކޮޕް26ގައި، ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން، ގްލެސްގޯ އަށް ވަޑައިނުގަތުމުން، އެމެރިކާގެ ރައީސް ޖޯ ބައިޑެން ފާޑުވިދާޅުވުމާ ގުޅިގެން ރައްދު ދިނުމުގެ ގޮތުންނެވެ.

ޖައްވުގެ ތެރެއަށް އެންމެ ގިނަ އިން ވިހަ ގޭސްތައް ބޭރުކުރާ ޗައިނާ ތަމްސީލު ކުރެއްވުމަށް، އެ ގައުމުގެ ރައީސް ޝީ ގައުމުން ބޭރަށް ވަޑައިނުގަތުމުން ފާޑުކިޔުންތައް އަމާޒުވެފައިވާ އިރު، އެ ގައުމުން ކޯވިޑް-19 ފެތުރެން ފެށި ފަހުން، ރައީސް ޝީ ގައުމުން ބޭރަށް ވަޑައެއްނުގަންނަވަ އެވެ. އެންމެ ފަހުން އިޓަލީގައި ބޭއްވި އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ (ޖީ20) މަހާސިންތާގައި ވެސް، ރައީސް ޝީ ބައިވެރިވެވަޑައިގަތީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

"ދުލުން ބޭރުކުރާ ބަސްތަކަކަށް ވުރެ، ކުރާ އަމަލުތަކުގެ އަޑު މާ ގަދަވާނެ،" ޗައިނާގެ ހާރިޖިއްޔާގެ ތަރުޖަމާނު ވަންގް ވެންބިން އިއްޔެ ނެރުއްވި ބަޔާނެއްގައި ވެ އެވެ.

ޗައިނާގެ ބޯޓުދެލި ނަގާ ކާރުހާނާއެއްގައި މަސައްކަތް ކުރަނީ

ޗައިނާގެ ބޯޓުދެލި ނަގާ ކާރުހާނާއެއްގައި މަސައްކަތް ކުރަނީ

"މޫސުމީ ބަދަލުތަކާ ކުރިމަތިލުމަށްޓަކައި އަހަރެމެންނަށް ބޭނުންވާ ކަމަކީ، ހުސް އަނގަތަކެއް ތެޅުމުގެ ބަދަލުގައި ހަރުދަނާ އަމަލުތަކެއް ކުރުން. މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި ޗައިނާ އިން ކުރާ ކަންކަމަކީ ހަގީގީ މަސައްކަތްތަކެއް."

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި، އދ.ގެ ތިމާވެށީގެ މުއާހަދާ، ޕެރިސް އެގްރީމެންޓުން އެމެރިކާ ވަކިވުމުން އެކަމަށް ވެސް، ޗައިނާ އިން ވަރަށް ބޮޑަށް ފާޑުކިޔެވެ. ހާރިޖިއްޔާގެ ތަރުޖަމާނު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ޕެރިސް އެގްރީމެންޓުން އެމެރިކާ ވަކިވުމުން، ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ މަސައްކަތަށް ހުރަސްއެޅުނު ކަމަށެވެ. އަދި ޕެރިސް އެގްރީމެންޓް ތަންފީޒު ކުރުމަށް ވެސް ހުރަސް އެޅިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ކޮޕް26ގައި ވާހަކަ ދައްކަވަމުން، މިދިޔަ އަންގާރަ ދުވަހު ބައިޑެން ވިދާޅުވީ، ދުނިޔޭގެ ލީޑަރަކަށް ވާން ޗައިނާ ބޭނުންވާ އިރުވެސް، ތިމާވެށީގެ މިފަދަ މުހިންމު ބައްދަލުވުމަކަށް ވަޑައިގަތުމަށް ވެސް ޗައިނާގެ ރައީސް ކެރިވަޑައިނުގެންނެވި ކަމަށެވެ. އެފަދަ ގައުމަކަށް ދުނިޔޭގެ ލީޑަރަކަށް ނުވެވޭނެ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.

ރައީސް ބައިޑެންގެ ފާޑުވިދާޅުވުންތަކަށް، އދ. ގައި ހުންނަވާ ޗައިނާގެ އިސް މަންދޫބު ޒަންގް ޖުން ވެސް ވަނީ މީގެ ކުރިން ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވުމަށްޓަކައި ބޭނުންވަނީ، ހުސް އަނގަ ތެޅުމާއި، ބަދަލުނުވާ ސިޔާސަތުތަކާއި، އެންމެ މަތީ ފެންވަރު މޮޑޯކޭޑްތަކާއި، ގިނަ އަދަދެއްގެ މީހުން އެއްތަނަކަށް ޖަމާވުން ނޫން ކަމަށެވެ.