Roadha Mihaaru
ރަންބީރާއި އާލިއާގެ އެންގޭޖްމަންޓް 29 ގައި؟

ރަންބީރާއި އާލިއާގެ އެންގޭޖްމަންޓް މި މަހުގެ 29 ގައި؟

16 ނޮވެމްބަރ 2021

އެ ކައިވެންޏަކަށް ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ ބޮލީވުޑްގެ ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓް މި މަހުގެ 29 ގައި ރާޖަސްތާންގައި އެންގޭޖްވާން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެ ކައިވެންޏަކަށް ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ ބޮލީވުޑްގެ ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓް މި މަހުގެ 29 ގައި ރާޖަސްތާންގައި އެންގޭޖްވާން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ވާހަކަ ދެކެވެން ފަށާފައި މި ވަނީ އަންނަ މަހުގެ ތެރޭގައި ދެ ތަރިން ކައިވެނި ކުރާނެ ކަމަށް ވެސް ބެލެވިފައި ވަނިކޮށެވެ. ނަމަވެސް ރަސްމީކޮށް ކައިވެންޏާ ބެހޭ އެއްވެސް ވާހަކައެއް ރަންބީރާއި އާލިއާގެ އާއިލާ އިން ވެސް އަދި ދައްކާފައެއް ނުވެ އެވެ. އެކަމަކު އިންޑިއާގެ މީޑިއާތަކުން މިހާރު ބުނަމުން އަންނަ ގޮތުގައި މި މަހުގެ 29 ގައި ރާޖަސްތާނުގެ ރިސޯޓެއްގައި އެންގޭޖްމަންޓް ހަފުލާ ވަރަށް ކުލަގަދަކޮށް ބާއްވަން ދެ ފަރާތުގެ އާއިލާ އިން އަންނަނީ ތައްޔާރީތައް ވަމުންނެވެ. އަދި މިކަމަށްޓަކައި ރަންބީރާއި އާލިއާ ވެސް މިހާރު ފިލްމީ މަސައްކަތްތައް މަޑުޖައްސާލާފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.

އާލިއާ މި ދުވަސްކޮޅު އަންނަނީ އޭނާގެ މެންޓޯ ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ މަސައްކަތްކުރަމުންނެވެ. ރަންބީރް ސޮއިކޮށްފައި ހުރި ފިލްމުތަކުގެ ތެރެއިން ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ "އެނިމަލް" ގެ ޝޫޓިން ކުރިން އަންނަ މަހު ފަށަން އޮއްވައި ކައިވެންޏާ ހެދި މިހާރު އޭގެ މަސައްކަތް ވެސް އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށް ދާދި ފަހުން މީޑިއާތަކުން ބުންޏެވެ.

ރަންބީރާއި އާލިއާގެ ކައިވެނީގެ ވާހަކަ ހޫނުކޮށް ދެކެވެމުން އަންނަ އިރު، ރަންބީރްގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފާއި އެކްޓަރު ވިކީ ކޯޝަލް ވެސް އަންނަ މަހު ކައިވެނި ކުރާނެ ކަމަށް މީޑިއާތަކުން ބުނެ އެވެ. އެ ކައިވެނި އޮންނާނެ ކަމަށް ބެލެވެނީ އަންނަ މަހުގެ 7-12 އާ ދޭތެރޭ ދުވަހެއްގައި ރާޖަސްތާންގަ އެވެ.