Roadha Mihaaru
ކެޓްރީނާ އާއި ވިކީގެ ކައިވެނި ޑިސެމްބަރު 7-12 އަށް

ކެޓްރީނާ އާއި ވިކީގެ ކައިވެނި އަންނަ މަހުގެ 7 އިން 12 އަށް

14 ނޮވެމްބަރ 2021

ބޮލީވުޑްގެ ތަރިން ކަމަށްވާ ކެޓްރީނާ ކައިފާ ވިކީ ކޯޝަލް އަންނަ މަހު ކައިވެނި ކުރާނެކަމާ ދޭތެރޭ މިހާރު އެއްވެސް ޝައްކެއް ނެތް ކަމަށާއި ކައިވެނީގެ އެކިއެކި ހަފުލާތައް އަންނަ މަހުގެ 7 އިން 12 އާ ދޭތެރޭ ކުރިއަށް ގެންދާ ގޮތަށް މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ތަރިން ކަމަށްވާ ކެޓްރީނާ ކައިފާ ވިކީ ކޯޝަލް އަންނަ މަހު ކައިވެނި ކުރާނެކަމާ ދޭތެރޭ މިހާރު އެއްވެސް ޝައްކެއް ނެތް ކަމަށާއި ކައިވެނީގެ އެކިއެކި ހަފުލާތައް އަންނަ މަހުގެ 7 އިން 12 އާ ދޭތެރޭ ކުރިއަށް ގެންދާ ގޮތަށް މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދާދި ފަހުން ވެސް ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތަށް ދެ ތަރިންގެ ކައިވެނީގެ ހަރަކާތްތައް ބާއްވާނީ ރާޖަސްތާންގަ އެވެ. އެގޮތުން އެތަނުގައި ކައިވެނީގެ އެންމެހާ ކަންކަން ކުރިއަށް ދާނީ މަދޯޕޫރް ޑިސްކްރިކްޓްގައި ހުރި 700 އަހަރުވީ ގަނޑުވަރެއްގައި ހިންގާ ސިކްސް ސެންސެސް ފޯޓް ހޮޓެލްގަ އެވެ.

އިންޑޯ-އޭޝިއަން ނިއުސް އެޖެންސީ (އިއަންސް) އިން ބުނި ގޮތުގައި ކައިވެނީގެ ތައްޔާރީތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާތީ ކެޓްރީނާ އާއި ވިކީގެ ފަރާތުން ވަރަށް ހާއްސަ 10 މީހެއްގެ ޓީމެއް ވެސް މިދިޔަ އަންގާރަ ދުވަހު ރާޖަސްތާނަށް ގޮސް، ތައްޔާރީތައް ވަރަށް ގާތުން ބަލަމުން ގެންދާނެ އެވެ. އަދި މި ތައްޔާރީތަކާ ދިމާކޮށް، ކެޓްރީނާ މިހާރު ސަލްމާން ޚާނާ ކުޅެމުން އަންނަ ފިލްމު "ޓައިގާ 3" ގެ ޝޫޓިން ވެސް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކައިވެނީގެ ހަފުލާގައި ދެ ތަރިން ބޭނުން ކުރާނީ އިންޑިއާގެ ފެޝަން ޑިޒައިނަރު ސަބިއަސާޗީ މުކަރްޖީގެ ފަރުމާތަކެވެ. އޭނާ އަކީ ޑެސްޓިނޭޝަން ވެޑިންގެ ގޮތުގައި 2018 ގައި ބޭއްވި ދީޕިކާ ޕަދްކޯނާއި ރަންވީރު ސިންގްގެ އިތުރުން 2016 ގައި އޮތް އަނުޝްކާ ޝަރުމާ އާއި ވިރާޓް ކޯލީގެ ކައިވެނީގެ ހެދުން ވެސް ޑަޒައިންކުރި ފެޝަން ޑިޒައިނަރެވެ.

ވިކީ އާއި ކެޓްރީނާ އަންނަ މަހު ކައިވެނި ކުރާނެ ވާހަކަ މީޑިއާތަކުގައި ހޫނުކޮށް ދެކެވެމުން އަންނަތާ ދުވަސްތަކެއްވި ނަމަވެސް ދެ ތަރިން ތިބީ މިކަމުގައި މުޅިން ވެސް ހިމެނޭނުންނެވެ. އެ މީހުންގެ ލޯބީގެ ވާހަކަތައް ދެކެވެން ފެށީ 2019 ގަ އެވެ.

ކެޓްރީނާ، 38، ކުރިން ސަލްމާން، 55، އާއި ރަންބީރު ކަޕޫރް، 39، އާ ވެސް ރައްޓެހިވި އެވެ. ވިކީ، 33، ކުރިން ލޯބީގެ ގުޅުމެއް ބޭއްވީ މާ މަޝްހޫރު ނޫން ބަތަލާއެއް ކަމަށްވާ ހަރްލީން ސޭތީއާ އެވެ.