Roadha Mihaaru
ރަންބީރްގެ ކައިވެނި ދެކެން ރިޝީ ވަރަށް ބޭނުންވި: ނީޓޫ

ރަންބީރްގެ ކައިވެނި ދެކެން ރިޝީ ވަރަށް ބޭނުންވި: ނީޓޫ

06 ސެޕްޓެމްބަރ 2021

ފިރިހެން ދަަރިފުޅު ރަންބީރް ކަޕޫރްގެ ކައިވެނި ދެކެން ރިޝީ ކަޕޫރް ވަރަށް ބޭނުންވި ކަމަށާއި އެކަން ހާސިލުނުވެ ފިރިމީގާ ވަކިވެ ދިއުމުން ވަރަށް ހިތްދަތިވި ކަމަށް ރަންބީރްގެ މަންމަ ނީޓޫ ސިންގް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިރިހެން ދަަރިފުޅު ރަންބީރް ކަޕޫރްގެ ކައިވެނި ދެކެން ރިޝީ ކަޕޫރް ވަރަށް ބޭނުންވި ކަމަށާއި އެކަން ހާސިލުނުވެ ފިރިމީގާ ވަކިވެ ދިއުމުން ވަރަށް ހިތްދަތިވި ކަމަށް ރަންބީރްގެ މަންމަ ނީޓޫ ސިންގް ބުނެފި އެވެ.

މިދިޔަ އަހަރު މަރުވި އެކްޓަރުގެ 69 ވަނަ އުފަން ދުވަސް މި މަހުގެ 4 ގައި ފާހަގަކޮށް ފިރިމީހާގެ ހަނދާން އާކުރަމުން ނީޓޫ ބުނީ ރިޝީ އެ މީހުންނާ އެކީގައި ނެތަސް އޭނާގެ ހަނދާންތައް ދުވަހަކު ވެސް ނުފިލާނެ އެވެ.

"މަރުވުމުގެ ކުރިން ރިޝީ ވަރަށް އުންމީދުކުރި ދެ ކަމެއް ވާން. އެއް ކަމަކީ ދަރިފުޅުގެ ރަންބީރްގެ ކައިވެނި. އަނެއް ކަމަކީ ބަންޑްރްރާ ހުންނަ އާއިލީގެ ކްރިޝްނާ ރާޖް މަރާމާތުކޮށް ފުރިހަމަކުރުން،" ނީޓޫ ބުންޏެވެ. "އެ ދެ މަންޒަރު ވެސް ނުފެނި ރިޝީ ވަކިވެ ދިއުމުން ވަރަށް ހިތްދަތިިވި."

ކްރިޝްނާ ރާޖް މަރާމާތުކުރުމުގެ މަސައްކަތްް ވަރަށް ބާރަށް މިހާރު ވެސް ކުރިއަށްދެ އެވެ. އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ވަރަށް ފަހުން ވެސް ނީޓޫ އާއި ރަންބީރު ބަލާފައިވެ އެވެ. އެ ގެއަކީ ރަންބީރްގެ ކާފަ އަދި ކުރީގެ ލެޖެންޑް ރާޖް ކަޕޫރްގެ ގެއެވެ.

ރިޝީގެ އުފަން ދުވަހު ނީޓޫ ކުރި ޕޯސްޓެއް.

ރަންބީރްގެ ކައިވެނި ނުފެނި ރިޝީ ވަކިވެ ދިޔަ ވާހަކަ ނީޓޫ ދެއްކި އިރު، އެ ކައިވެންޏަކީ ބޮލީވުޑްގެ ކައިވެނިތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު މިހާރު އިންތިޒާކުރާ ކައިވެނި ވެސް މެ އެވެ. ރަންބީރުގެ ބައިވެރިޔަކީ މިހާރު ބަތަލާ އާލިއާ ބަޓެވެ. މި ދެ ތަރިން 2018 ގެ ތެރޭގައި ރައްޓެހިވި ފަހުން ކައިވެނީގެ ވާހަކަ ވަރަށް ބޮޑަށް މީޑިއާތަކުގައި ދެކެވިފައިވެ އެވެ.

އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން ރަންބީރާއި އާލިއާ އަންނަ އަހަރު ކައިވެނިކުރާނެ އެވެ. މި ގުޅުމަށް ދެ ފަރާތުގެ އާއިލާ ވެސް ވަރަށް ގަބޫލެވެ. ނީޓޫ މިހާރު ވެސް ދެކެނީ އާލިއާ އަކީ ޅީދަރިއެއްގެ ގޮތުގަ އެވެ. އެ ދެ މީހުންގެ ގުޅުން ވަރަށް ބަދައްސެވެ.

ރަންބީރްގެ އާއިލާއާ އެކު އާލިއާ.

ރަންބީރް ކައިވެނިކޮށް ދަރިން ލިބި، އޭނަގެ ފަރާތުން ކާފަ ދަރިން ލިބޭނެ އިރަކަަށް ވަރަށް އިންތިޒާރުކުރެވޭ ކަމަށް އެތައް އިންޓަވިއުއްގައި ރިޝީ ބުނެފައިވެ އެވެ.

ލޭގެ ކެންސަރު ބަލީގައި ރިޝީ މަރުވީ މިދިޔަ އަހަރުގެ އެޕްރީލް 30 ގަ އެވެ. ރިޝީ އާއި ނީޓޫ އަށް ލިބުނީ ދެ ކުދިންނެވެ. އެއީ ރަންބީރާއި އޭނާގެ ދޮއްޓަށް ހުރި ރިދިމާ ކަޕޫރެވެ. ރިދިމާގެ 10 އަހަރުގެ އަންހެން ކުއްޖަކު ވެސް ހުރެ އެވެ.