Roadha Mihaaru
ކަލްޓް ލީޑަރު ޖިމް ޖޯންސްގެ ރޯލަށް ލިއޮނާޑޯ

އެމެރިކާގެ ކުރީގެ ކަލްޓް ލީޑަރު ޖިމް ޖޯންސްގެ ރޯލަށް ލިއޮނާޑޯ

16 ނޮވެމްބަރ 2021

މީގެ ކުރިން ވެސް އެކި ފިލްމުތަކުގައި މަޝްހޫރު މީސްމީހުންގެ ރޯލުތަކެއް ކުޅެފައިވާ ހޮލީވުޑްގެ އެކްޓަރު ލިއޮނާޑޯ ޑި ކެޕްރިއޯ އަށް ކަލްޓް ލީޑަރެއްގެ ބައޮގްރަފިކަލް ޑްރާމާއެއް ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ކުރިން ވެސް އެކި ފިލްމުތަކުގައި މަޝްހޫރު މީސްމީހުންގެ ރޯލުތަކެއް ކުޅެފައިވާ ހޮލީވުޑްގެ އެކްޓަރު ލިއޮނާޑޯ ޑި ކެޕްރިއޯ އަށް ކަލްޓް ލީޑަރެއްގެ ބައޮގްރަފިކަލް ޑްރާމާއެއް ހުށަހަޅައިފި އެވެ.

ހޮލީވުޑް ރިޕޯޓާ އިން ބުނި ގޮތުގައި މި ފިލްމަކީ އެމެރިކާގެ ނުފޫޒު ގަދަ ކަލްޓް ލީޑަރެއްގެ ގޮތުގައި ފާހަގަކުރެވުނު ޖިމް ޖޯންސްގެ ވާހަކަ ކިޔައިދޭން އެމްޖީއެމުން ހަދާ އެއްޗެކެވެ. އެ ނޫހުން ބުނި ގޮތުގައި ފިލްމުގެ ޓިމުން ލިއޮނާޑޯއާ އެކު މަޝްވަރާތައް ކުރަމުން އަންނަ އިރު، އޭނާ ފިލްމަށް އެއްބަސްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ވަރަށް "ކޮންޓްރަވަޝާލް" މީހެއްގެ ގޮތުގައި އާންމުންގެ ތެރޭގައި ސަމާލުކަން ލިބުނު ޖިމްގެ ވާހަކަ ކިޔައިދޭ ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ އެމެޒޯނުން ޕްރައިމް ވީޑިއޯ އިން ގެނެސްދޭން ހަމަޖެހިފައިވާ ޕްރިޔަންކާ ޗޯޕްރާ އާއި ރިޗަޑް މެޑެންގެ "ސިޓަލް" ގެ އިތުރުން ޓޮމް ހާޑީގެ 2018 ގެ "ވެނަމް" އާއި ޑްވޭން ޖޯންސަން (ރޮކް) ގެ "ޖުމާންޖީ" ފްރެންޗައިޒްގެ ސްކްރީން ރައިޓަރު ސްކޮޓް ރޮޒެންބާގެވެ.

ޖިމް ޖޯންސްގެ ވާހަކަ ކިޔައިދޭ ފިލްމުގެ ތައްޔާރީތައް ވަމުން ދިޔަ ނަމަވެސް މި ޕްރޮޖެކްޓާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. އެހެންވެ ފިލްމު ޑައިރެކްޓް ކުރާނެ މީހަކާއި ޝޫޓިން ފަށާނެ އިރެއް ވެސް ނޭނގެ އެވެ.

އުމުރުން 47 އަހަރުގައި 1978 ގައި މަރުވެފައިވާ ޖިމް ޖޯންސްގެ ވާހަކަ ކިޔައިދޭ ބައޮޕިކަކަށް ތައްޔާރުވާ އިރު، މީގެ ކުރިން އޭނާއާ ބެހޭ ގޮތުން އެތައް ފޮތަކާއި ޑޮކިއުމަންޓްރީގެ އިތުރުން ޓީވީ އުފެއްދުންތައް ވެސް ނެރެފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފަހުގެ އެއްޗަކީ ހުލޫގެ ޑޮކިއުމަންޓްރީ 2018 ގެ "ޓުރުތު އެންޑް ލައިސް: ޖޯންސްޓައުން، ޕެރަޑައިސް ލޮސްޓް" އެވެ.

"ޓައިޓޭނިކް" ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ހޯދި ލިއޮނާޑޯ، 47، ގެ އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމަކީ އެޑަމް މެކޭ ޑައިރެކްޓްކޮށް، އަންނަ މަހުގެ 10 ގައި ގެނެސްދޭ ސައިންސް ފިކްޝަން ބްލެކް ކޮމެޑީ "ޑޯންޓް ލުކް އަޕް" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަންނަ އަހަރު މާޓިން ސްކޮސިސް ގެނެސްދޭނެ "ކިލާޒް އޮފް ދަ ފްލާވާ މޫން" ހިމެނެ އެވެ.