Roadha Mihaaru
ޑައިރެކްޓަރު ޓެރަންޓީނޯ ދެ ފޮތެއް ނެރެނީ

ޑައިރެކްޓަރު ކްއެންޓިން ޓެރަންޓީނޯ ދެ ފޮތެއް ނެރެނީ

23 ނޮވެމްބަރ 2020

މޮޅު އަދި ކާމިޔާބު ފިލްމުތަކެއް ޑައިރެކްޓްކޮށްގެން އޮސްކާ އެވޯޑް ހޯދާފައިވާ ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކްއެންޓިން ޓެރެންޓީނޯ މިދިޔަ އަހަރު ގެނެސްދިން ފިލްމު "ވަންސް އަޕޮން އަ ޓައިމް އިން...ހޮލީވުޑް" އާ ބެހޭ ގިނަ ވާހަކަތަކެއް ކިޔައިދޭ ފޮތެއް ނެރެން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މޮޅު އަދި ކާމިޔާބު ފިލްމުތަކެއް ޑައިރެކްޓްކޮށްގެން އޮސްކާ އެވޯޑް ހޯދާފައިވާ ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކްއެންޓިން ޓެރެންޓީނޯ މިދިޔަ އަހަރު ގެނެސްދިން ފިލްމު "ވަންސް އަޕޮން އަ ޓައިމް އިން...ހޮލީވުޑް" އާ ބެހޭ ގިނަ ވާހަކަތަކެއް ކިޔައިދޭ ފޮތެއް ނެރެން ނިންމައިފި އެވެ.

ޕަބްލިިޝިން ހައުސް ހާޕާޒް ކޮލިންސްގެ ތައްގަނޑުގައި ނެރެން ނިންމާފައިވާ ފޮތާ ބެހޭ ގޮތުން ޓެރަންޓީނޯ ބުނީ ފިލްމުގެ މައި ދެ ކެރެކްޓާ ކަމަށްވާ ލިއޮނާޑޯ ޑި ކެޕްރިއޯ ކުޅުނު ރިކް ޑާލްޓަން އާއި ބްރެޑް ޕިޓް ކުޅުނު ކްލިފް ބޫތު ކެރެކްޓާގެ ނޭނގޭ ވަރަށް ގިނަ ކަންތައްތަކެއް ފޮތުން އެނގޭނެ ކަމަށެވެ. އެގޮތުން އެ މީހުންގެ މާޒީ އާއި ފަހުން އެ މީހުންގެ ހަޔާތް ބަދަލުވެގެން ދިޔަ ގޮތުގެ ވާހަކަތައް ހިމަނާފައި ހުންނާނެ އެވެ.

މީގެ އިތުރުން "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް" ގެ ފަރުދާގެ ފުރަގަހާއި ފިލްމަށް ކުރެވުނު ވަރަށް ގިނަ މަސައްކަތްތަކާއި ބައެއް އެކްޓަރުންނާ ބެހޭ ވާހަކަތައް ވެސް ފޮތުގައި ހުންނާނެ އެވެ. އޭގެ ތެރޭގައި ބާޓް ރޭނޮލްޑްސް އާއި ޕީޓް ޑުއެލް، ޖިމް ބްރައުން އަދި ފްރެޑް ވިލިއަމްސަން ފަދަ އެކްޓަރުންގެ ވާހަކަތައް ހިމެނެ އެވެ.

"ވަންސް އަޕޮން އަ ޓައިމް އިން...ހޮލީވުޑް" ފޮތެއްގެ ސިފައިގައި ގެނެސްދޭން ނިންމީ ހަތްދިހައިގެ އަހަރުތަކުގެ ސިނަމާ އަށް އަހަރެން ޖެހިފައިވާ ލޯތްބާއި އެ ޒަމާނުގެ ފިލްމުތަކުގެ ފާޑުވެރިކަމަށް ދެވޭ ޝައުގުވެރިކަމެއްގެ ބޮޑުކަމުން." ޓެރެންޓީނޯ ބުންޏެވެ. "ފޮތުގައި އަހަރެން ވަރަށް ބޮޑަށް ސިފަކޮށް ދޭނަން އެ ޒަމާނުގައި ފިލްމު ހަދަން ކުރާ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް."

އޭނާ ބުނީ ޖުލައި 26، 2019 ގައި ކޮމެޑީ-ޑްރާމާއެއްގެ ގޮތުގައި ވަންސް އަޕޮން އަ ޓައިމް އިން...ހޮލީވުޑް" ގެނެސްދެވުމަކީ ޝަރަފެއް ކަމަށާއި އެ ފިލްމަކީ ސިނަމާ އަށް ހިތުގައި އޮތް ލޯބި ދައްކުވައިދިން ފިލްމެއް ކަމަށެވެ.

"އަހަރެންގެ ކެރެކްޓާތައް އަދަބިއްޔާތުގެ ވަރަށް މުހިއްމު ބައެއް ކަމަށްވާ ލިޔުންތެރިކަމުގެ ތެރެއިން ކިޔުންތެރިންނަށް ގެނެސްދެވުމަކީ ވަރަށް ހާއްސަ ކަމަކަށް ވާނެ." ޓެރަންޓީނޯ ބުންޏެވެ.

ވަންސް އަޕޮން އަ ޓައިމް އިން...ހޮލީވުޑް" އަކީ ހާޕާ ކޮލިންސްއާ ގުޅިގެން ޓްރަންޓީނޯ ގެނެސްދޭން ހަމަޖެހިފައިވާ ދެ ފޮތުގެ ތެރެއިން ފުރަތަމަ ފޮތެވެ. އެކަމަކު އެ ނެރޭނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ. ދެ ފޮތިގެ ވާހަކަ ޓެރަންޓޯނީ ޓްވިޓާގައި ވެސް ހިއްސާކޮށްފައިވެ އެވެ.

އޭނާ ދެވަނަ ފޮތެއްގެ ގޮތުގައި ގެނެސްދޭނީ "ސިނެމާ ސްޕެކިއުލޭޝަން" އެވެ. އެ ފޮތުގައި ފިލްމު މޭކިންއާ ބެހޭ މަޒުމޫނުތަކާއި ފިލްމުތަކުގެ ރިވިއުތަކާއި އަމިއްލަ ތަޖުރިބާތަކާއި ޑައިރެކްޓަރަކަށް ދިމާވާނެ ކަންކަމުގެ ވާހަކަތައް ހިނަމާފައި ހުންނާނެ އެވެ.

"ވަންސް އަޕޮން އަ ޓައިމް އިން...ހޮލީވުޑް" އަކީ ޓެރަންޓީނޯ ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓްކުރި ފިލްމެވެ. އަދި މިއީ އޭނާގެ ނުވަ ވަނަ ޑައިރެކްޝަނެވެ. އެންމެ ފަހުން ބޭއްވި 92 ވަނަ އޮސްކާ އެވޯޑްސްގައި 10 ކެޓަގަރީއަކުން ނޮމިނޭޓްވި ފިލްމަށް އެވޯޑް ލިބުނީ ދެ ކެޓަގަރީއަކުންނެވެ. އެއީ ޕިޓަށް ލިބުނު އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑާއި އެންމެ މޮޅު ޕްރޮޑަކްޝަން ޑިޒައިން އެވޯޑެވެ.

ގާތްގަނޑަކަށް 96 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ވަންސް އަޕޮން އަ ޓައިމް އިން...ހޮލީވުޑް" އަކީ ބޮކްސް އޮފީހުގައި 374.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

ޓެރަންޓީނޯ ކުރިން ބުނެފައިވާ ގޮތުގައި އޭނާ 10 ވަނަ ފިލްމާ އެކު ޑައިރެކްޝަން ދޫކޮށްލާނެ އެވެ. އެހެންވެ ނެރޭ ދެ ފޮތުން ކުރެ ކޮންމެ ވެސް އެއް ފޮތެއްގައި އެކަމާ ބެހޭ ތަފުސީލުތަކެއް ވެސް ހިއްސާކުރާނެ ކަމަށް ބެލެވެ އެވެ.

ޓެރަންޓީނޯ، 57، އަކީ އޭނާ 2013 ގައި ގެނެސްދިން "ޖާންގޯ އަންޗެއިންޑް" އާއި 1995 ގެ "ޕަލްޕް ފިކްޝަން" އިން އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އޮސްކާ ހޯދާފައިވާ ޑައިރެކްޓަރެކެވެ. އޭނާ ގެނެސްދިން އިތުރު ފިލްމުތަކުގެ ތެރޭގައި "ކިލްބިލް" ގެ ފިލްމުތަކާއި "އިންގްލޯރިއަސް ބާސްޓަޑްސް" އާއި "ރިޒަވަޔާ ޑޯގްސް" އާއި "ހޭޓްފުލް އެއިޓް" އާއި "ޑެތު ޕްރޫފް" އަދި "ޖެކީ ބްރައުން" ހިމެނެ އެވެ.