Roadha Mihaaru
ސޫދާންގައި ވަރަށް އަވަހަށް ސަރުކާރެއް އިއުލާންކުރާނެ

ސޫދާންގައި ވަރަށް އަވަހަށް ސަރުކާރެއް އިއުލާންކުރާނެ

15 ނޮވެމްބަރ 2021

ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި، ސޫދާނުގައި މަދަނީ ސަރުކާރެއް އިއުލާން ކުރާނެ ކަމަށް، އެ ގައުމުގައި މިހާރު ވެރިކަން ކުރާ ސިފައިންގެ ފަރާތުން އިއްޔެ އިއުލާން ކޮށްފި އެވެ.

ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި، ސޫދާނުގައި މަދަނީ ސަރުކާރެއް އިއުލާން ކުރާނެ ކަމަށް، އެ ގައުމުގައި މިހާރު ވެރިކަން ކުރާ ސިފައިންގެ ފަރާތުން އިއްޔެ އިއުލާން ކޮށްފި އެވެ.

އަސްކަރީ ވެރިޔާ ޖެނެރަލް އަބްދުލްފައްތާހް އަލް ބުރުހާން، މިދިޔަ ބުރާސްފަތި ދުވަހު އިއުލާން ކުރެއްވި، ވެރިކަންކުރާ ސިޔާދަތީ މަޖިލީހުން އިއްޔެ ބޭއްވި ބައްދަލުވުމަކަށް ފަހު ބުނީ، އާ ސަރުކާރެއް އެކުލަވައިލި ނަމަވެސް، ބޮޑުވަޒީރުކަމުގެ މަގާމުން މިހާރު ދުރުކޮށްފައި ހުރި އަބްދުﷲ ހަމްދޫކަށް ބޮޑުވަޒީރުކަން ނުދެއްވާނެ ކަމަށެވެ.

ސޫދާނުގައި އޮތް ވެރިކަން މިދިޔަ އަހަރު ވައްޓައިލުމަށް ފަހު، މިދިޔަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހާ ހަމައަށް އެ ގައުމުގައި ވެރިކަން ކުރަމުން އައީ، ސިފައިންނާއި މަދަނީ ސިޔާސީ ބޭފުޅުން ހިމެނޭ ގޮތަށް އެކުލަވާލާފައި އޮތް، ސިޔާދަތީ މަޖިލިސް ކިޔާ މަޖިލީހަކުންނެވެ. ސަރުކާރު ހިންގަމުން އައީ އެ މަޖިލީހުގެ ފަރާތުން އައްޔަން ކޮށްފައި ހުރި ބޮޑުވަޒީރަކާއި އޭނާގެ ވަޒީރުންނެވެ.

ނަމަވެސް މިދިޔަ އޮކްޓޫބަރު 25 ވަނަ ދުވަހު، ސިފައިން ވަނީ ސަރުކާރު އުވާލައި ބޮޑުވަޒީރާއި ބައެއް ވަޒީރުން ހައްޔަރުކޮށްފަ އެވެ. އޭގެ ފަހުން، މިއަދާ ހަމައަށް އެ ގައުމުގެ ވެރިކަމުގެ ހުރިހާ ކަމެއް ކުރަމުން އަންނަނީ ސިފައިންނެވެ. މިދިޔަ ބުރާސްފަތި ދުވަހު، ޖެނެރަލް ބުރުހާން އަލުން އެކުލަވައިލި ސިޔާދަތީ މަޖިލީހުގައި ހިމެނެނީ 11 މެމްބަރުންނެވެ.

ސިފައިން ވެރިކަމުގެ ބާރުތައް ދޫކޮށްލަން އަދިވެސް އެއްބަސް ނުވާތީ، ސޫދާންގެ 26 ސިޔާސީ ޕާޓީއަކާއި މަދަނީ ޖަމިއްޔާ އަކާއި ހަތިޔާރު އެޅި ގުރޫޕެއް އިއްޔެ ވަނީ، މަދަނީ ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ފުޅާކުރުމުގެ ގޮތުން، ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެއްބަސްވެފަ އެވެ. މިއެއްބަސްވުން ގާއިމުކުރުމަށް ފަހު ކޯލިޝަންގެ ފަރާތުން ގޮވައިލީ، އަސްކަރީ ވެރިކަމާ ދެކޮޅަށް އާންމު ރައްޔިތުން ފަށާފައިވާ މަދަނީ ބަސްނޭހުމުގެ ހަރަކާތް އިތުރަށް ފުޅާކުރުމަށެވެ.

ސިފައިން ވެރިކަމުގެ ބާރުތައް ދޫކޮށްލައި، މަގާމުން ދުރުކޮށްފައި ހުރި އަބްދުﷲ ހަމްދޫކު އަލުން ބޮޑުވަޒީރުކަމަށް އިސްކޮށް، މަދަނީ ސަރުކާރެއް ގާއިމުކުރަންދެން، އަސްކަރީ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަމުން ގެންދިއުމަށް ވެސް ކޯލިޝަނުން ގޮވައިލި އެވެ. އާ ކޯލިޝަނުން ބުނި ގޮތުގައި އެމީހުން އެންމެ ބޮޑަށް އިސްކަންދޭ އެއް ކަމަކީ، މަގާމުން ދުރުކޮށް ސިފައިންގެ ބެލުމުގެ ދަށުން ގޭގައި ބަންދުކޮށްފައި ހުރި އަބްދުﷲ ހަމްދޫކު މިނިވަންކުރުމެވެ.

އަނެއްކޮޅުން ވިލާތުގެ އިއްތިހާދުގެ ތަރުޖަމާނު ނަބީލާ މަސްރާލީ ވިދާޅުވި ގޮތުގައި، ސުލްހަވެރި ގޮތުގައި މުޒާހަރާ ކުރާ ބަޔަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅައިލުމަކީ، އެ އިއްތިހާދުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެކެވެ. އަދި މުޒާހަރާތަކުން ހައްޔަރުކުރި އެންމެން ވަގުތުން މިނިވަންކުރުމަށް ވެސް، ވިލާތުގެ އިއްތިހާދުން، ސޫދާންގެ އަސްކަރީ ސަރުކާރަށް ގޮވައިލި އެވެ.

އިއްޔެ އެކުލަވައިލި ކޯލިޝަނުން ބުނި ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ކުރި މުޒާހަރާގެ ތެރެއިން ހަ މީހަކު މަރުވީ، ސިފައިންނާއި ފުލުހުން ބަޑިޖަހައި ކަރުނަގޭސް ބޭނުންކުރުމުގެ ސަބަބުންނެވެ. އަދި އެކަން ކުރި ބަޔަކު ހައްޔަރުކޮށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވެސް ކޯލިޝަނުން ގޮވައިލި އެވެ.

އޮކްޓޫބަރު 25 ވަނަ ދުވަހު ސިފައިން ގެނައި އިންގިލާބުގައި ވެރިކަން ބަދަލުކުރުމާ ވިދިގެން އާންމުން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނުކުމެ އަޑު އުފުލީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ސޫދާންގެ ޑޮކްޓަރުންގެ ކޮމިޓީން ބުނި ގޮތުގައި މުޒާހަރާގެ ތެރެއަށް ސިފައިން ބަޑިޖެހުމުގެ ސަބަބުން ހަ މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވި އެވެ.