05 ޑިސެމްބަރ 2021
ސޫދާނުގައި 2023 ވަނަ އަހަރު ބާއްވަން ތާވަލުކޮށްފައިވާ އާންމު އިންތިހާބަށް ފަހު، އެ ގައުމުގެ ސިޔާސީ ކަންކަމުން ސިފައިން އެކަހެރިވާނެ ކަމަށް، އެ ގައުމުގެ އަސްކަރީ ވެރިޔާ ޖެނެރަލް އަބްދުލްފައްތާހް އަލް ބުރުހާން ވިދާޅުވެއްޖެ އެވެ.
ސޫދާނުގައި 2023 ވަނަ އަހަރު ބާއްވަން ތާވަލުކޮށްފައިވާ އާންމު އިންތިހާބަށް ފަހު، އެ ގައުމުގެ ސިޔާސީ ކަންކަމުން ސިފައިން އެކަހެރިވާނެ ކަމަށް، އެ ގައުމުގެ އަސްކަރީ ވެރިޔާ ޖެނެރަލް އަބްދުލްފައްތާހް އަލް ބުރުހާން ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ ބައެއް މީޑިއާތަކާ ވާހަކަ ދައްކަވަމުން ޖެނެރަލް ބުރުހާން ވިދާޅުވި ގޮތުގައި ސިޔާސީ ކަންކަމުގެ ތެރޭގަޔާއި ވެރިކަމުގެ ކަންތަކުގައި ބައިވެރިވެގެން އުޅުމަކީ ސިފައިން ބޭނުންވާ ކަމެއް ނޫނެވެ.
"ސަރުކާރެއް އިންތިހާބުވީމާ، ސިފައިންނާއި ހަތިޔާރު އެޅި ލަޝްކަރުތައް އަދި ސަލާމަތީ ބާރުތަކުގެ އެއްވެސް ބަޔަކު ސިޔާސީ ކަންކަމުގައި ބައިވެރިވާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. އަހަރެމެން އެއްބަސްވެފައި އޮންނާނީ އެގޮތަށް، އަދި ކަންތައް އޮންނަންވާނެ އަސްލު ގޮތަކީ ވެސް އެއީ،" ޖެނެރަލް ބުރުހާން ވިދާޅުވި އެވެ.
ސޫދާންގެ ސިފައިން އެ ގައުމުގެ ވެރިކަމުގެ ބާރުތައް އަތުލީ، މިދިޔަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ގެނައި އަސްކަރީ އިންގިލާބެއްގަ އެވެ. ނަމަވެސް އެތެރެ އާއި ބޭރުގެ ފިއްތުންތައް ބޮޑުވުމާ ގުޅިގެން، މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު، އިންތިގާލީ މަރުހަލާގެ ކުރީގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކުވަނީ އަލުން ބޮޑުވަޒީރުގެ މަގާމަށް އައްޔަންކޮށްފަ އެވެ.
ބޮޑުވަޒީރު ހަމްދޫކު އެންމެ ފުރަތަމަ މަގާމުން ދުރުކުރީ އޮކްޓޫބަރު 25 ގައި ގެނައި އިންގިލާބުގަ އެވެ. އެ އިންގިލާބާ ގުޅިގެން ސޫދާންގެ ވެރިރަށް ޚުރުތޫމާއި ބޮޑެތި ބައެއް ސަހަރުތަކުގައި އާންމުން ވަނީ މުޒާހަރާތައް ފަށައިފަ އެވެ. މުޒާހަރާގެ ބައިވެރިން ބުނަމުން ދިޔައީ، މަދަނީ ސަރުކާރެއް އެކުލަވައިލުމުން ނޫނީ މުޒާހަރާތައް ނުހުއްޓާނެ ކަމަށެވެ.
ނަމަވެސް ހަމްދޫކު އަލުން ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރުމުން، މުޒާހަރާގެ ބައިވެރިން މިހާރު ބުނަމުން ދަނީ، ސިފައިންނާ ބައިވެރިވެގެން ސަރުކާރު ހިންގުމަށް ބޮޑުވަޒީރު ހަމްދޫކު އެއްބަސްވެވަޑައިގަތީ، ގޭބަންދުން މިނިވަންވުމުގެ ބޭނުމުގައި ކަމަށެވެ. އަދި ސިފައިންނާ އެކުގައި، ހަމްދޫކު ގާއިމުކުރި އެއްބަސްވުމަކީ ހިޔާނާތުގެ އަމަލެއް ކަމަށާއި، ސިފައިން ވެރިކަމުގެ ބާރުތައް ދޫކޮށްނުލަނީސް މުޒާހަރާތައް ނުހުއްޓާނެ ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ބުނެ އެވެ.
ސިފައިން ގެނައި އިންގިލާބާ ގުޅިގެން އާންމުން ފެށި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ސިފައިންނާއި ފުލުހުން ކުރި މަސައްކަތުގެ ތެރޭގައި މިހާތަނަށް 44 މީހަކު މަރުވެއްޖެ އެވެ. އަދި އެތައް ސަތޭކަ ބަޔަކު ޒަހަމްވެފައިވާ އިރު، މަރުގެ މައްސަލަތައް ތަހުގީގުކޮށް ހައްގު އަދަބު ދިނުމަށް ވެސް މުޒަހަރާގެ ބައިވެރިން އަންނަނީ ގޮވަމުންނެވެ.
އެ ހާދިސާތަކާ ގުޅޭ ގޮތުން ޖެނެރަލް ބުރުހާން ވިދާޅުވީ އެ ކަމުގެ ތަހުގީގު މިހާރު ކުރިއަށް ދާ ކަމަށެވެ.
"މުޒާހަރާގެ ބައިވެރިންގެ ބަޔަކު މަރުވި މައްސަލައިގެ ތަހުގީގު މިހާރު އެދަނީ ކުރިއަށް. އެ ތަހުގީގު ކުރަނީ އެކަން ކުރި ބަޔަކު ހޯދައި އެކަމުގައި ޒިންމާވާންޖެހޭ ބަޔަކަށް ހައްގު އަދަބު ދިނުމަށް. ސަލާމަތީ ބާރުތަކުން މަސައްކަތް ކުރީ، ސުލްހަވެރިކަމެއް ނެތި މުޒާހަރާ ކުރި މީހުން ރޫޅައިލަން،" ބުރުހާން ވިދާޅުވި އެވެ.
ސޫދާން ހަނގުރާމައިގެ ހަގީގަތަކީ ކޮބާ؟
ސޫދާން ސަރުކާރަށް އެހީވެގެން ނުވާނެ: އާންމުން
ބޮޑުވަޒީރު އަލުން މަގާމަށް، މުޒާހަރާ ހުއްޓުމެއް ނެތް
ސޫދާންގެ ސިޔާސީ ގައިދީން ދެ ދުވަސްތެރޭ މިނިވަންކުރަނީ
ސޫދާންގެ މުޒާހަރާތަކުން ފަސް މީހަކު މަރާލައިފި
މަދަނީ ސަރުކާރެއްގައި ބައިވެރިއެއް ނުވާނަން: ބުރުހާން
ސޫދާންގެ މުޒާހަރާއިން ގިނަ ބަޔަކު ހައްޔަރުކޮށްފި
ސޫދާންގެ މަދަނީ ބަސްނޭހުން ފުޅާކުރަނީ
ސޫދާންގެ އަސްކަރީ ސަރުކާރަށް ފިއްތުން އިތުރުވަނީ
ސޫދާންގެ ސުލްހައިގެ ވާހަކަތަކުން އުންމީދު ބޮޑު