Roadha Mihaaru
މަދަނީ ސަރުކާރެއްގައި ބައިވެރިއެއް ނުވާނަން: ބުރުހާން

މަދަނީ ސަރުކާރެއްގައި ބައިވެރިއެއް ނުވާނަން: ބުރުހާން

08 ނޮވެމްބަރ 2021

ސޫދާންގައި މިހާރު އޮތް އިންތިގާލީ މަރުހަލާ ނިމިގެން އުފައްދާ މަދަނީ ސަރުކާރެއްގައި އެއްވެސް ހައިސިއްޔަތަކުން އެއްވެސް ސިފައެއްގައި ބައިވެރި ނުވާނެ ކަމަށް، އެ ގައުމުގެ ވެރިކަމުގައި މިހާރު ހުންނެވި އަސްކަރީ ވެރިޔާ، ޖެނެރަލް އަބްދުލްފައްތާހް އަލްބުރުހާން ވިދާޅުވެއްޖެ އެވެ.

ސޫދާންގައި މިހާރު އޮތް އިންތިގާލީ މަރުހަލާ ނިމިގެން އުފައްދާ މަދަނީ ސަރުކާރެއްގައި އެއްވެސް ހައިސިއްޔަތަކުން އެއްވެސް ސިފައެއްގައި ބައިވެރި ނުވާނެ ކަމަށް، އެ ގައުމުގެ ވެރިކަމުގައި މިހާރު ހުންނެވި އަސްކަރީ ވެރިޔާ، ޖެނެރަލް އަބްދުލްފައްތާހް އަލްބުރުހާން ވިދާޅުވެއްޖެ އެވެ.

ޖެނެރަލް ބުރުހާން މިމޭރުމުން ވާހަކަ ދެއްކެވި އިރު، މިދިޔަ އޮކްޓޫބަރު 25 ގައި، އެ ގައުމުގައި އޮތް އިންތިގާލީ މަދަނީ ސަރުކާރު އުވާލައި، ސިފައިން އެ ގައުމުގެ ވެރިކަން އަތުލުމާ ގުޅިގެން، ސޫދާންގައި ވަނީ ސިޔާސީ ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިފަ އެވެ. ސިފައިން ވެރިކަން އަތުލުމާ ގުޅިގެން، ވެރިރަށް ޚަރުތޫމްގެ މަގުތަކަށް އާންމުން ނުކުމެ، އަސްކަރީ ވެރިކަމާ ދެކޮޅަށް ފަށާފައިވާ މުޒާހަރާތައް އަދިވެސް ދަނީ ވަރުގަދަވަމުންނެވެ.

މި މުޒާހަރާތައް ރޫޅައިލުމުގެ ތެރޭގައި ސިފައިން ބާރުގެ ބޭނުން ކުރުމުން، ބައެއް މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ ނަމަވެސް ޖެނެރަލް ބުރުހާން އިއްޔެ ވިދާޅުވީ، އަސްކަރީ ވެރިކަމާ ދެކޮޅަށް މުޒާހަރާ އަށް ނުކުތް މީހުން ކޮންޓްރޯލް ކުރުމުގެ ތެރޭގައި މަރުވި މީހުންގެ މަރުގެ ޒިންމާ ސިފައިން ނަގަން ނުޖެހޭނެ ކަމަށެވެ.

މިދިޔަ އޮކްޓޫބަރު 25 ވަނަ ދުވަހުން ފެށިގެން ވެރިރަށް ޚުރުތޫމްގަ އާއި ބޮޑެތި އެހެން ސަހަރުތަކުގައި އާންމުން ކުރަމުންދާ މުޒާހަރާތައް ރޫޅައިލުމަށް ސިފައިންނާއި ފުލުހުން ބާރުގެ ބޭނުންކުރުމުން މިހާތަނަށް، 14 މީހަކު މަރުވެ، އިތުރު 300 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.

އަސްކަރީ ވެރިކަމާ ދެކޮޅަށް ސޫދާން ރައްޔިތުން މުޒާހަރާ ކުރަނީ

އަސްކަރީ ވެރިކަމާ ދެކޮޅަށް ސޫދާން ރައްޔިތުން މުޒާހަރާ ކުރަނީ

"މިއީ އަހަރެމެންގެ ވައުދެއް. މިއީ، އަހަރެމެންގެ އަމިއްލަ ނަފްސަށާއި ސޫދާންގެ ރައްޔިތުންނަށާއި ބައިނަލްއަގުވާމީ މުޖްތަމައަށް އަހަރެމެން ވީ ވައުދެއް. އެއީ، މިހާރު ފެށިފައިވާ ޑިމޮކްރެޓިކް އިންތިގާލީ މަރުހަލާ ފުރިހަމަކުރުން. އެއްބަސްވެފައިވާ ވަގުތުގައި އިންތިހާބު ބޭއްވުން. އަދި ސުލްހަވެރިކަމާ އެކުގައި ހިންގާ އެއްވެސް ސިޔާސީ ހަރަކަތެއް، އެއްވެސް ގޮތަކުން ނުހުއްޓުވުން،" އަލް ޖަޒީރާ އަށް ދެއްވި އިންޓަވިއުއެއްގައި ޖެނެރަލް ބުރުހާން ވިދާޅުވި އެވެ.

"އަހަރެމެން މިތބީ، މުޅި ގައުމު ތަމްސީލް ކުރެވޭ ފަދަ މަދަނީ ސަރުކާރަކާ ވެރިކަން ހަވާލުކުރަން އެއްބަސްވެގެން. އަދި މިހާރު މި އޮތް އިންތިގާލީ މަރުހަލާ އަށް ބުރޫއަރުވަން ކުރާ ހުރިހާ މަސައްކަތަކުން، އިންތިގާލީ މަރުހަލާ ހިމާޔަތް ކުރުމަށް އަހަރެމެން މިތިބީ ވައުދުވެގެން."

މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު މަރުވި ހާދިސާއާ ގުޅޭ ގޮތުން ޖެނެރަލް ބުރުހާން ވިދާޅުވީ، ސޫދާން ސިފައިންނަކީ އާންމު ރައްޔިތުން މަރާނެ ބައެއް ނޫން ކަމަށެވެ. އަދި އެ ހާދިސާ ތަހުގީގު ކުރުމަށް ހާއްސަ ކޮމިޓީތަކެއް އެކުލަވާލާފައި އޮންނާނެ ކަމަށާއި އެ ކޮމިޓީގެ ތަހުގީގު ފުރިހަމަވުމުން، ކަމުގެ ހަގީގަތް ހާމަވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިއްޔެ ވެރިރަށް ޚުރުތޫމްގައި، ތައުލީމާ ބެހޭ ވުޒާރާގެ ކުރިމަތީގައި ކުރި މުޒާހަރާގައި، މަދަރުސާތަކުގައި ކިޔަވައިދޭ ގިނަ އަދަދެއްގެ މުދައްރިސުން ބައިވެރިވި އެވެ. މި މުޒާހަރާގައި ބައިވެރިވި އާންމުންގެ ތެރެއިން 80 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައިވާ ކަމަށް، ޓީޗަރުންގެ ޖަމިއްޔާ އިން ބުންޏެވެ.

މި މުޒާހަރާތައް ކުރިއަށް ދަނިކޮށް އަލްޖަޒީރާ އިން ދެއްކި އިންޓަވިއުގައި ޖެނެރަލް ބުރުހާން ވިދާޅުވީ މަދަނީ އާ ސަރުކާރެއް އެކުލަވައިލުމާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާ އެކުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި މިހާރު މަގާމުން ދުރުކޮށް ގޭ ބަންދުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ހަމްދޫކު ވެސް ހިމެނޭ ކަމަށް ޖެނެރަލް ވިދާޅުވި އެވެ.

ޖެނެރަލް ފައްތާހު ވިދާޅުވި ގޮތުގައި، މަދަނީ ސަރުކާރެއް އެކުލަވައިލުމާ ގުޅޭ ގޮތުން، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ބެލެވެ އެވެ.