Roadha Mihaaru
ޓްރަމްޕްގެ ވޮޝިންޓަން ހޮޓާ ވިއްކާލަނީ

ޓްރަމްޕްގެ ވޮޝިންޓަން ހޮޓާ ވިއްކާލަން ނިންމައިފި

16 ނޮވެމްބަރ 2021

އެމެރިކާގެ ރައީސްކަން ކުރެއްވުމުގެ ކުރިން ވެސް ނުފޫޒު ގަދަ ވިޔަފާވެރިއެއްގެ ގޮތުގައި މަޝްހޫރު ޑޮނަލްޑް ޓްރަމްޕްގެ ހޮޓާތަކުގެ ތެރެއިން ވޮޝިންޓަންގައި ހުރި ފަސް ތަރީގެ "ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލް" 375 މިލިއަން ޑޮލަރަށް ވިއްކާލަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ރައީސްކަން ކުރެއްވުމުގެ ކުރިން ވެސް ނުފޫޒު ގަދަ ވިޔަފާވެރިއެއްގެ ގޮތުގައި މަޝްހޫރު ޑޮނަލްޑް ޓްރަމްޕްގެ ހޮޓާތަކުގެ ތެރެއިން ވޮޝިންޓަންގައި ހުރި ފަސް ތަރީގެ "ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލް" 375 މިލިއަން ޑޮލަރަށް ވިއްކާލަން ނިންމައިފި އެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ބުނީ އެތަން ވިއްކާލަން ނިންމީ މަޔާމީގެ އިންވެސްޓްމަންޓް ކުންފުނި، ސީޖީއައި މާޗެންޓް ގްރޫޕަށް ކަމަށާއި މި މުއާމަލާތާ ގުޅޭ ހުރިހާ ކަމެއް އަންނަ އަހަރުގެ ކުރީކޮޅު ނިންމާނެ ކަމަށެވެ. އެއާ އެކު ހޮޓެލް "ވަލްޑޯފް އެސްޓޯރިއޯ" ގެ ނަމުގައި ރީބްރޭންޑްކޮށް މެނޭޖްކުރާނީ ހިލްޓަން ގްރޫޕުންނެވެ.

ޓްރަމްޕްގެ ވެރިކަމުގައި ވޮޝިންޓަންގެ ހޮޓަލުން ޓްރަމްޕް އޮގަނައިޒޭޝަނަށް 70 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެފައިވެ އެވެ. އެތަން ވިއްކާލަން ނިންމި އިރު، 2019 އިން ފެށިގެން 263 ކޮޓަރީގެ ހޮޓާ ގަންނާނެ ބަޔަކު ހޯދަން މަސައްކަތް ކޮށްފައިވެ އެވެ.

ވޮޝިންޓަންގައި ހުންނަ "ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލް".

ވޮޝިންޓަންގައި ހުންނަ "ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލް".

ކުރިން އެމެރިކާގެ ޕޯސްޓް އޮފީސް ޑިޕާޓްމަންޓްގެ ހެޑްކުއާޓަރުގެ ގޮތުގައި ހިންގި އިމާރާތް ޓްރަމްޕް ގަތީ 60 އަހަރުގެ ލީސް އެގްރިމަންޓެއްގެ ދަށުން 2012 ގަ އެވެ. ވޮޝިންޓަންގައި ދެވަނަ އަށް އެންމެ އުސް އިމާރާތް، ޓޫރިސްޓް ހޮޓަލެއްގެ ގޮތުގައި އާންމުކޮށް ހުޅުވާލީ 2016 ގަ އެވެ. އެ އިމާރާތް ހުންނަނީ އެމެރިކާގެ ރިޔާސީގަނޑުވަރު، ވައިޓް ހައުސްއާ މޭލެއްހާ ކައިރީގަ އެވެ.

ހޮޓާ ވިއްކާލާ އިރު، އެތަނާ ގުޅޭ ގޮތުން މި ފަހުން ވަރަށް ގިނަ ވާހަކަތައް ދެކެވި، ޓްރަމްޕްގެ އަމިއްލަ ވިޔަފާރިިއާ ގުޅޭ ނުކިއްސަރު އެތައް ވާހަކައެއް ވެސް ދެކެވިފައިވެ އެވެ. އޭގެ ތެރޭގައި ޓްރަމްޕް ޓެކްސް ނުދައްކާ މައްސަލަ ވެސް ހިމެނެ އެވެ.

މީގެ އިތުރުން ވެރިކަމުގެ ދުވަސްވަރު ރަސްމީ މަސައްކަތާއި އަމިއްލަ ވިޔަފާރީގެ މަސްލަހަތު ފުށުއަރާ އެތައް މުއާމަލާތެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ. އެގޮތުން އޭނާގެ ވެރިކަމުގެ ދުވަސްވަރު ގައުމަށް ވަޑައިގެންނެވި ބޭރު ގައުމުތަކުގެ ވަފުދުތައް "ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލް" ގައި ބައިތިއްބައިިގެން އާމްދަނީގެ ގޮތުގައި 3.7 މިލިއަން ޑޮލަރު ހޯދާފައިވާ ކަމަށް ދާދިފަހުން އާންމުވި ލިޔެކިޔުންތަކެއްގައި ބުނެފައިވެ އެވެ.

ނަމަވެސް އެފަދަ ތުހުމަތުތައް ޓްރަމްޕް، 75، ދޮގުކުރައްވަ އެވެ. އެމެރިކާގެ 45 ވަނަ ރައީސްގެ މިލްކިއްޔާތު 2.5 ބިލިއަން ޑޮލަރަށް އަރަ އެވެ.

ޓްރަމްޕްގެ ހޮޓާތަކުގެ ތެރެއިން އެންމެ ބޮޑު ތަނަކީ ޝިކާގޯގައި ހުންނަ 98 ބުރީގެ "ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލް އެންޑް ޓަވާ" އެވެ.