Roadha Mihaaru
ޓްރަމްޕް ނެރުއްވި އަމުރު ކޯޓުން ހުއްޓުވައިފި

ބައެއް ގައުމުތަކުގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރަން ޓްރަމްޕް ނެރުއްވި އަމުރު ކޯޓުން ހުއްޓުވައިފި

04 ފެބުރުއަރީ 2017

ވޮޝިންޓަން (ފެބްރުއަރީ 4) - މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރު ވޮޝިންޓަނުގެ ކޯޓަކުން ހުއްޓުވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ފެބްރުއަރީ 4) - މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރު ވޮޝިންޓަނުގެ ކޯޓަކުން ހުއްޓުވައިފި އެވެ.

ސިއޭޓްލްގެ ފަނޑިޔާރު ޖޭމްސް ރޮބާޓް ވަނީ ޓްރަމްޕުގެ އަމުރާ ދެކޮޅު ހެދުމުގެ ބާރު އެމެރިކާގެ ސްޓޭޓްތަކަށް ނެތް ކަމަށް ސަަރުކާރުގެ ވަކީލުން ބުނާ ބުނުމާ ދެކޮޅަށް އަމުރު ނެރުއްވައިފަ އެވެ. އަދި އެއީ އެމެރިކާގެ ގާނޫނު އަސާސީގައި ބުނާ ދީނީ މިނިވަން ކަމާއި ހަމަހަމަ ކަމަށް ހުރަސް އަޅާ އަމުރެއް ކަމަށް ވެސް ބުނެފައިވެ އެވެ. މިދިޔަ ހަފުތާގައި ޓްރަމްޕް ނެރުއްވި އަމުރާ ދެކޮޅަށް އެމެރިކާގެ އެކި ހިސާބުތަކުން މިހާރު ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ. ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ޓްރަމްޕް އަމުރު ނެރުއްވި ފަހުން 60،000 މީހުންގެ ވިސާ ކެންސަލްކޮށްފައިވާ ކަމަށެވެ.

ޓްރަމްޕުގެ އިމިގްރޭޝަން ސިޔާސަތު ވަގުތީ ގޮތުން ހުއްޓުވުމަށް ފެޑެރަލް ފަނޑިޔާރު ނެރުނު އަމުރު ހުކުރު ދުވަހުން ފެށިގެން އެމެރިކާގެ ހުރިހާ ސްޓޭޓެއްގައި ވެސް ހިނގާނެ އެވެ. ކަސްޓަމްސް އާއި ބޯޑާ ޕްރޮޓެކްޝަނުން މިހާރު ދަނީ ވިސާ ދޫކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެއާލައިންތަކަށް އަންގަމުންނެވެ. ބޯޑާ ޕްރޮޓެކްޝަންގެ ތަރުޖަމާނަކު ވިދާޅުވީ ކޯޓު އަމުރު ބެލުމަށް ފަހު އެ އަނބުރަށް ބޯލަނބާނެ ކަމަށެވެ.

ޓްރަމްޕުގެ އިމިގްރޭޝަން ސިޔާސަތާ ބެހޭ ލިޔުމުގައި ސޮއި ކުރެއްވުމަށް ފަހު ދައްކަވާލައްވަނީ. --ފޮޓޯ:އޭއެފްޕީ

ޓްރަމްޕުގެ އިމިގްރޭޝަން ސިޔާސަތާ ބެހޭ ލިޔުމުގައި ސޮއި ކުރެއްވުމަށް ފަހު ދައްކަވާލައްވަނީ. --ފޮޓޯ:އޭއެފްޕީ

ކުރީގެ ރައީސް ޖޯޖް ޑަބްލިއު. ބުޝް އައްޔަން ކުރެއްވި ފަނޑިޔާރު ރޮބާޓް ފުރަތަމަ އަމުރު ނެރުއްވީ އަނގަ ބަހުންނެވެ. ފަހުން ވަނީ ލިޔުމުން ވެސް އަމުރު ނެރުއްވައިފަ އެވެ. ކޯޓު އަމުރާ ގުޅިގެން އެމެރިކާ ސަރުކާރަށް ވަނީ ކުއްލި މަޑުޖެހުމެއް އައިސްފަ އެވެ. އެމެރިކާގެ އެހެން ބައެއް ސްޓޭޓްތަކުގެ އެޓާނީ ޖެނެރަލުން ވެސް ބުނެފައި ވަނީ ޓްރަމްޕް ނެރުއްވި އަމުރު ގާނޫނާ ޚިލާފު ކަމަށެވެ.

ސެނޭޓުގެ މައިނޮރިޓީ ލީޑަރު ޗުކް ޝުމާ ވިދާޅުވީ ކޯޓުގެ ހުކުމަކީ ގާނޫނު އަސާސީ އަށް ލިބިގެން ދިޔަ ކާމިޔާބީއެއް ކަމަށެވެ. އަދި އެމެރިކާގެ އުސޫލުތަކާ ނުގުޅޭ މި އަމުރުގެ ސަބަބުން ގައުމަށް ރައްކާތެރިކަން ނުލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕުގެ އަމުރުގައިވާ ގޮތުން މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް އެތެރެވުން ވަނީ 90 ދުވަހަށް މަނާކޮށްފަ އެވެ. އަދި ސީރިއާގެ ރެފިއުޖީން އެމެރިކާ އަށް ވަނުން ވަނީ 120 ދުވަހަށް ހުއްޓުވައިފަ އެވެ. އެމެރިކާ އަށް އެތެވުން މަނާކޮށްފައި ވަނީ އީރާން، އިރާގު، ސީރިއާ، ލީބިއާ، ސޫދާން، ޔަމަން އަދި ސޮމާލިއާ މީހުންނެވެ.