Roadha Mihaaru
ޝުހާދުގެ މަރުގެ މައްސަލަ ސުޕްރީމްކޯޓުން ހުކުމާ ހަމައަށް

ޝުހާދުގެ މަރުގެ މައްސަލަ ސުޕްރީމް ކޯޓުން ހުކުމާ ހަމައަށް

15 ނޮވެމްބަރ 2021

ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި މަރާލި އަބްދުﷲ ޝުހާދުގެ މަރުގެ މައްސަލާގައި ހަސަން ފަރީދު މަރަން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި މަރާލި އަބްދުﷲ ޝުހާދުގެ މަރުގެ މައްސަލާގައި ހަސަން ފަރީދު މަރަން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

ޖެނުއަރީ، 2010 ގައި ފުވައްމުލަކުގެ ދެ އަވަށެއްގެ ބަައެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެރަށު މެކޯ، ޝުހާދަށް ހަމަލާދީ މަރާލި މައްސަލާގައި އެރަށު ކަރަންކާއާގޭ ހަސަން ފަރީދު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2015 ވަނަ އަހަރު އެވެ. އެ ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން ފަރީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެ މައްސަލަ ވަނީ އިސްތިއުނާފް ކޮށްފަ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ފަރީދު ބުނީ ހެކިންގެ ބަހުގައި ބޮޑެތި ފުށުއެރުންތައް އެބަހުރި ކަމަށާއި ގަސްދުުގައި މީހަކު މެރުމުގެ ކުށެއް ސާބިތުވާ މިންވަރުގެެ ހެއްކެއް ނެތް ކަމަށެވެ. އަދި ހެކި ހުށަހެޅުމުގައި ވެސް ދައުލަތުން ގާނޫނުތަކާ ޚިލާފަށް އަމަލު ކޮށްފައިވާ ކަމަށާއި އަދި އޭނާ ހައްޔަރު ކުރުމާއި ތަހުގީގު މަރުހަލާގައި ވެސް ފުލުހުން ގާނޫނާ ޚިލާފަށް އަމަލުކުރި ކަމަށް ފަރީދު ބުންޏެވެ. އެގޮތުން ޝުހާދުގެ މަރުގެ ތުހުމަތު ކުރެވޭކަން ފުލުހުންގެ ތަހުގީގުގައި ބުނެދީފައިނުވާ ކަމަށް ފަރީދު ބުންޏެވެ.

މީގެ އިތުރުން އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރީ ވެސް ދެ ހަފުތާ ފަހުން ކަމަށް ފަރީދު ބުންޏެވެ. އަދި އޭނާ ދިރިއުޅުނު ގެ ފާސް ކުރުމުގައި އަމަލުކުރީ ގާނޫނުތަކާ ޚިލާފަށް ކަމަށާއި އެހެންވެ، އެފަދަ ހެކިތަކަށް ރިއާޔަތް ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކުރިން ނިންމާފައިވާ ކަމަށް ފަރީދު ބުންޏެވެ. ދިފާއުގައި ހެކި ހުށަހެޅުމުގެ ފުރުސަތު އޭނާއަށް ދަށު ކޯޓުން ދީފައި ނުވާ ކަމަށާއި އެހެންވެ، އޭނާ މަރަން ކޮށްފައިވާ ހުކުމް ބާތިލްކޮށް ދިނުމަށް އެދުނެވެ.

ރައްދުގައި ދައުލަތުން ބުނީ މީހަކު މެރުމުގެ ތުހުމަތު ފަރީދުގެ މައްޗަށް ތަހުގީގުގައި ނުކުރާ ކަމަށް އޭނާ ބުންޏަސް، އެ ތުހުމަތު އޭނާއަށް އަންގާފައި އޮތްކަން ލިޔުންތަކުން އެނގެން އެބައޮތް ކަމަށެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ކަމުގެ ލިޔުންތަކުން ވެެސް އެކަން އެނގޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި ޝުހާދަށް ހަމަލާދިނީ ފަރީދު ކަން ހެކިންގެ ބަހުން ސާފުވާ ކަމަށެވެ. އަދި އެ ހާދިސާ ހިނގި ތަނުގައި ހެކިން ތިބި ކަމަށް ބުނާ ތަންތަނަށް ބަލާއިރު، އެ މީހުންނަށް އެ މަންޒަރު ފެންނާނެ ކަމަށް ދައުލަތުން ބުންޏެވެ. އަދި އެ ހާދިސާ ހިނގުމުގެ ކުރިން ވެސް، ފަރީދަކީ ކާކުކަން އެނގޭ ކަމަށް ހެކިންގެ ބަޔާންތަކުން އެނގޭ ކަމަށް ދައުލަތުން ބުންޏެވެ.

އެ މާރާމާރީގައި އިތުރު ބަޔަކަށް ހަމަލާދިން މައްސަލާގައި ފަރީދާއި އިތުރު ބަޔަކަށް އެހެން ކުށެއް ވެސް ސާބިތުވެފައިވާތީ އެ މައްސަލަ އާއި މި މައްސަލާގެ ފުށުއެރުމެއް ނާންނާނެތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވި އެވެ.

އެގޮތުން މާރާމާރީ ހިންގި ތަނަށް ގޮސްފައި ނުވާނެ ކަމަށް ފަރީދު ބުނަމުން ދާއިރު، މާރާމާރީގެ ދައުވާ ސާބިތުވެފައި އޮތުމުން އޭނާ އެތަނަށް ގޮސްފައިވާ ކަމަށް ބަލަންޖެހޭ ކަމަށް ބެންޗުން ވިދާޅުވި އެވެ. އެކަމަކު ޝުހާދުގެ މަރުގެ މައްސަލަ ފަރީދުގެ މައްޗަށް ސުޕްރީމް ކޯޓުން ސާބިތުނުވާ ކަމަށް ނިމިއްޖެ ނަމަ، މާރާމާރީގެ ދައުވާތަކަށް ވެގެންދާނީ ކިހިނެތްތޯ ބެންޗުން ސުވާލު އުފެއްދެވި އެވެ.

ދައުލަތުން ބުނީ މާރާމާރީގައި އެހެން ބަޔަކަށް ހަމަލާދިނުމާއި ޝުހާދު މަރާލުމާއި އެއީ ތަފާތު ކުށެއް ކަމަށެވެ. ފަރީދާއި އިތުރު ބަޔަކަށް ދައުވާކުރީ އެހެން ބަޔަކަށް ހަމަލާދިނުމުން ކަމަށާއި އެކަމަކު ޝުހާދު މަރާލަން ހަމަލާދިނީ ފަރީދު އެކަނި ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިމުނީ ކަމަށާއި އެކަމަކު މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ކަމެއް ސާފުކުރަން ޖެހިއްޖެ ނަމަ، އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވާ ބެންޗުގައި ތިއްބެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.