Roadha Mihaaru
ސަމާހު ހިތްހަމަނުޖެހުމުން ވަކީލު މައްސަލައިން ވަކިކޮށްފި

ވަކީލާ މެދު ސަމާހު ހިތްހަމަނުޖެހުމުން ވަކީލު މައްސަލައިން ވަކިކޮށްފި

16 ޖެނުއަރީ 2023

ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ މުހައްމަދު ސަމާހަށް އޭނާގެ ދިފާއީ ވަކީލުގެ އެއްބާރުލުން އެކަށީގެންވާ މިންވަރަށް ނުލިބޭ ކަމަށް ބުނެ ސުޕްރީމް ކޯޓުގައި މިއަދު ޝަކުވާ ކުރުމުން އެ ވަކީލު އެ މައްސަލައިން ވަކިކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ މުހައްމަދު ސަމާހަށް އޭނާގެ ދިފާއީ ވަކީލުގެ އެއްބާރުލުން އެކަށީގެންވާ މިންވަރަށް ނުލިބޭ ކަމަށް ބުނެ ސުޕްރީމް ކޯޓުގައި މިއަދު ޝަކުވާ ކުރުމުން އެ ވަކީލު އެ މައްސަލައިން ވަކިކޮށްފި އެވެ.

ޖުލައި، 2012 ގައި އާދަމް ހަލީމް ޑިއުޓީއަށް ދަނިކޮށް އޭނާއަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި އެރަށު ސުވާސާގޭ މުހައްމަދު ސަމާހު މެރުމަށް ކުރި ހުކުމް އޮތީ ދަމަހައްޓައިފަ އެވެ. އެ މައްސަލަ ސަމާހުގެ ފަރާތުން އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ސަމާހުގެ އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުގައި މިއަދު ފެށުމާ އެކު، ދިފާއީ ވަކީލުގެ އެއްބާރުލުން ނުލިބޭކަމުގެ ޝަކުވާކުރީ ސަމާހު އަމިއްލައަށެވެ. ސަމާހު ބުނީ އޭނާއަށް ދައުލަތުގެ ހަރަދުގައި ވަކީލް ޖައުފަރު ރަޝީދު ހަމަޖައްސާފައި ވިޔަސް، އޭނާއާ ބައްދަލު ކުރަން ވަކީލް ޖަލަށް އައީ އެންމެ ދެ ފަހަރު ކަމަށެވެ.

އޭނާއަށް އެ ވަކީލުގެ އެއްބާރުލުން ރަނގަޅަށް ނުލިބޭ ކަމަށާއި އެކަން އެޓާނީ ޖެނެރަލްގެ އޮފީހަށް ތަކުރާރުކޮށް އަންގާފައިވާ ކަމަށް ސަމާހު ބުންޏެވެ. އަދި ސުޕްރީމް ކޯޓަކީ އިސްތިއުނާފްގެ އެންމެ ފަހު މަރުހަލާ ކަމަށްވާތީ އާ ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށް ސަމާހު ބުންޏެވެ.

ވަކީލް ޖައުފަރު ވިދާޅުވީ ޖަލުގައި ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސަމުން އައީ އެޓާނީ ޖެނެރަލްގެ އޮފީސް މެދުވެރިވެގެން ކަމަށާއި އަދި ބައެއް ސަބަބުތަކާ ހެދި އެކަން މެދުކެނޑުނު ކަމަށެވެ. އަދި ފޯން ކޯލްގެ ފުރުސަތަކަށް ދެ ފަހަރު އެދުމުން ކަރެކްޝަންސްއިން އެ ފުރުސަތު ނުދިން ކަމަށް އޭނާ ވިދާޅުވި އެވެ.

ޖައުފަރު ވިދާޅުވި ގޮތުގައި އެންމެ ފަހުން އޭނާ ސަމާހުއާ ބައްދަލުކުރަން މާފުށްޓަށް ދިޔައީ އަމިއްލަ ހަރަދުގަ އެވެ. އެ ހަރަދު އެޓާނީ ޖެނެރަލްގެ އޮފީހުން މިހާތަނަށް އަނބުރާ ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަމާހުއާ ބައްދަލު ނުކުރެވޭތީ އަޑުއެހުން ފަސްކުރަން ސުޕްރީމް ކޯޓުގައި އެދުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ޖައުފަރު ވިދާޅުވީ އޭނާ އަމަލުކުރީ އެޓާނީ ޖެނެރަލްގެ އޮފީހުން ހަމަޖައްސާފައި އޮންނަ އުސޫލުން ކަމަށެވެ. އަދި ސަމާހުގެ ހިތްހަމަނުޖެހުން ހުރިކަން އެނގުމުން އެހެން ވަކީލަކު ހަމަޖައްސައިދޭން އެޓާނީ ޖެނެރަލްގެ އޮފީހުގައި އެދުނު ކަމަށާއި އެކަމަކު އެ އޮފީހުން އެކަމަށް ދެކޮޅު ހެދި ކަމަށް ޖައުފަރު ވިދާޅުވި އެވެ.

ސަމާހުގެ ކަންބޮޑުވުންތައް ހުރުމާ އެކު، އޭނާގެ ވަކީލުކަމުން ޖައުފަރު ވަނީ ވަކިކޮށްފަ އެވެ. އަދި ދެން އެ މައްސަލަ ކުރިއަށް ގެންދާނީ އާ ވަކީލަކު ހަމަޖެއްސުމަށްފަހު ކަމަށް ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވާ ބެންޗުން އިއުލާން ކުރެއްވި އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫންގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސުއޫދެވެ.