Roadha Mihaaru
ދިފާއީ ހެއްކަށް ފުރުސަތު ނުދީ އޮތުމުން ބެންޗްގެ ސުވާލު

ޝުހާދުގެ މަރުގެ މައްސަލާގައި ދިފާއީ ހެކިބަސް ނުނަގާ އޮތުމުން ބެންޗްގެ ސުވާލު ދައުލަތަށް

22 އޯގަސްޓް 2021

ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި މަރާލި އަބްދުﷲ ޝުހާދުގެ މަރުގެ މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ ހަސަން ފަރީދުގެ ދިފާއީ ހެކިންނަށް ދަށު ކޯޓުން ފުރުސަތު ދީފައިނުވާތީ އެކަމާ މެދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސުވާލުތައް މިއަދު ދައުލަތަށް އަމާޒުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި މަރާލި އަބްދުﷲ ޝުހާދުގެ މަރުގެ މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ ހަސަން ފަރީދުގެ ދިފާއީ ހެކިންނަށް ދަށު ކޯޓުން ފުރުސަތު ދީފައިނުވާތީ އެކަމާ މެދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސުވާލުތައް މިއަދު ދައުލަތަށް އަމާޒުވެއްޖެ އެވެ.

ޖެނުއަރީ، 2010 ގައި ފުވައްމުލަކުގެ ދެ އަވަށެއްގެ ބައެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެ ރަށު މެކޯ، ޝުހާދަށް ހަމަލާދީ މަރާލި މައްސަލާގައި އެރަށު ކަރަންކާއާގޭ ހަސަން ފަރީދު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2015 ވަނަ އަހަރު އެވެ. އެ ހުކުމަށް ހައި ކޯޓުން ތާއީދު ކޮށްފައި ވާއިރު، އެ މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފަ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ފަރީދު ބުނީ ޝުހާދަށް ހަމަލާދިން ތަނަށް އޭނާ ގޮސްފައި ނުވާނެ ކަމަށާއި އެކަން ސާބިތު ކުރަން ދިފާއީ ހެކިން ހުށަހެޅި ކަމަށެވެ. އެގޮތުން ފަސް މީހެއްގެ ނަން ހުށަހެޅިޔަސް، އެއްވެސް ހެކިވެރިއަކު ދަށު ކޯޓުން ހާޒިރު ކޮށްފައިނުވާ ކަމަށް އޭނާ ބުންޏެވެ.

އެހެންވެ، އެކަމާ ބެހޭގޮތުން ފަނޑިޔާރުންގެ ބެންޗުން ދައުލަތާ ސުވާލުކުރި އެވެ.

ދައުލަތުން ބުނީ ދިފާއީ ހެކިން ހާޒިރު ނުކުރި ސަބަބެއް ދަށު ކޯޓުން ފާހަގަކޮށްފައިނުވާ ކަމަށެވެ.

ދިފާއީ ހެކިން ހާޒިރު ނުކޮށް މައްސަލަ ނިންމުމަކީ އިންސާފުވެރި ކަމެއްތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

"ދިފާއީ ހެއްކެއް ހުށަހަޅަން ފުރުސަތު ނުދޭ ޝަރީއަތަކީ ސައްހަ ޝަރީއަތަކަށް ވާނެތޯ މަރުގެ މައްސަލައެއްގައި؟،" ފަނޑިޔާރު ހުސްނުއްސުއޫދު ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ ދިފާއީ ހެކި ހުށަހެޅުމުގެ ފުރުސަތު ފަރީދަށް ލިބުނު ކަމަށެވެ. އަދި ދިފާއީ ހެކިން ހުށަހެޅީ ހަމަލާދިން ތަނަށް ފަރީދު ނުދާ ކަން ސާބިތު ކުރަން ކަމަށް ވާއިރު، ދައުލަތުން ހުށަހެޅި ހެކިންގެ ބަހުން އޭނާ އެތަނަށް ދިޔަ ކަން ސާބިތުވާ ދައުލަތުން ބުންޏެވެ. އެހެންވެ، ދިފާއީ ހެކިން ހާޒިރު ނުކުރުމުގައި މައްސަލައެއް އޮތް ކަމަށް ނުދެކޭ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނީ ޝުހާދުގެ ގަޔަށް ވަޅި ހެރީ ފަރީދު ކަމަށް ހަތް މީހަކު ހެކިބަސް ދީފައިވާއިރު، އެ މީހުންގެ ހެކިބަހުގައި ހިލާފެއް ނެތް ކަމަށެވެ. އަދި ބައެއް ހެކިވެރިންގެ ހެކިބަހުގައި ކުދިކުދި ތަފާތުތައް ހުއްޓަސް، އެ ތަފާތަކީ ޝުހާދަށް ލިބިިފައި ހުރި އަނިޔާތައް ތަފްސީލުކޮށް ދިނުމުގައިި ހުރި ތަފާތުތަކެއް ދައުލަތުން ބުންޏެވެ.

ދައުލަތުުގެ ހެކިވެރިންގެ ތެރޭގައި އަނިޔާލިބުނު ބައެއް މީހުން ތިބި ކަމަށް ދައުލަތުން އެއްބަސްވި އެވެ. އެކަމަކު އެ މީހުންނަކީ ޝުހާދަށް ހަމަލާދިން މަންޒަރު ފެނުނު ބަޔަކަށް ވާތީ އެ މީހުންގެ ހެކިބަސް ނެގުމުގައި މައްސަލައެއް އޮތް ކަމަށް ނުދެކޭ ކަމަށް ދައުލަތުން ބުންޏެވެ. އަދި އެ މީހުންގެ އަދުލުވެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ފަރީދުގެ ފަރާތުން ދެއްކިފައި ނެތް ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ފަރީދު ބުނިގޮތުގައި ބައެއް ހެކިންނަށް ކޯޓުގައި އޭނާ ފާހަގަކޮށް ދެވިފައެއް ނުވެ އެވެ. އަދި ހެކިބަހުގައި ދިމާނުވާ ކަންތައްތައް ހުރުމުގެ އިތުރުން ބައެއް ހެކިވެރިންނަކީ އަނިޔާ ލިބުނު މީހުންގެ އާއިލީ މީހުން ކަމަށްވާތީ އެ މީހުންގެ އަދުލުވެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ފަރީދު ބުނީ ތަހުގީގު މަރުހަލާގައި ލިބެންޖެހޭ ހައްގުތައް އޭނާއަށް ދީފައި ނުވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ އަދި އޭނާ ދިރިއުޅުނު ގެ ބަލައި ފާސްކުރީ ކޯޓު އަމުރެއް ނެތި ކަމަށާއި އެހެންވެ، އެ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް އޭނާ ބުންޏެވެ. އަދި ތަހުގީގުގައި ވަކީލެއްގެ ފުރުސަތު ދީފައި ނުވުމުގެ އިތުރުން ހަނު ހުރުމުގެ ހައްގު ދިނީ ހައްޔަރު ކުރިތާ ތިން ދުވަސް ފަހުން ކަމަށް އޭނާ ބުންޏެވެ. އަދި ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔައީ ވެސް ހައްޔަރު ކުރިތާ ދެ ހަފުތާ ފަހުން ކަމަށް އޭނާ ބުންޏެވެ.

ފަނޑިޔާރު ސުއޫދުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަހުމަަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ބައްލަވާ އެ މައްސަލާގެ އަޑުއެހުން މިއަދު ނިންމާލީ އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.