Roadha Mihaaru

ތޫނިސްގައި ސިޔާސީ ހަމަނުޖެހުން އިތުރުވަނީ

ތޫނިސްގެ ރައީސް ގައިސް ސައީދު، އެ ގައުމުގެ ސަރުކާރު އުވާލައްވައި ބޮޑުވަޒީރު މަގާމުން ދުރުކޮށް، ވެރިކަމުގެ ހުރިހާ ބާރުތަކެއް އަމިއްލަ ކުރެއްވި މައްސަލައިގައި، ރައްޔިތުން ކުރަމުން އަންނަ މުޒާހަރާތައް އިތުރަށް ވަރުގަދަވެ ހަމަނުޖެހުންތައް އިތުރުވާން ފަށައިފި އެވެ.

ތޫނިސްގައި ސިޔާސީ ހަމަނުޖެހުން އިތުރުވަނީ

ތޫނިސްގެ ރައީސް ގައިސް ސައީދު، އެ ގައުމުގެ ސަރުކާރު އުވާލައްވައި ބޮޑުވަޒީރު މަގާމުން ދުރުކޮށް، ވެރިކަމުގެ ހުރިހާ ބާރުތަކެއް އަމިއްލަ ކުރެއްވި މައްސަލައިގައި، ރައްޔިތުން ކުރަމުން އަންނަ މުޒާހަރާތައް އިތުރަށް ވަރުގަދަވެ ހަމަނުޖެހުންތައް އިތުރުވާން ފަށައިފި އެވެ.

ރައީސް ގައިސް ސައީދު، ގާނޫނު ހަދާ މަޖިލިސް ބަންދުކުރައްވައި، ވެރިކަމުގެ ބާރުތައް އަތުލެއްވީ، މީގެ ހަތަރު މަސް ކުރިންނެވެ. އޭރުން ފެށިގެން އާންމު ރައްޔިތުން މަގުތަކަށް ނުކުމެ ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، އިއްޔެ ބޭއްވި މުޒާހަރާ ރޫޅައިލުމުގެ ތެރޭގައި ސިފައިންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގި އެވެ.

މިހާރު ހުއްޓުވާފައިވާ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް ކައިރީގައި އިއްޔެ ބޭއްވި މުޒާހަރާ ފެށުމާއެކު ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދަށް އެއްވެ މުޒާހަރާގެ ބައިވެރިންނަށް އެހެން ތަނަކަށް ނުދެވޭނެހެން، އެ ސަރަހައްދު ބަންދުކުރި އެވެ. މުޒާހަރާގެ ބައިވެރިން، ރައީސް ގައިސް ސައީދަށް ގޮވާލަމުން ގެންދިޔައީ، ގާނޫނު ހަދާ މަޖިލިސް ހުޅުވައި ޖަލްސާތައް ބޭއްވުމުގެ ފުރުސަތު ދިނުމަށާއި، ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމަކަށް އެނބުރި ދިއުމަށެވެ.

ރައީސް ގައިސް ސައީދު މަގާމުން އިސްތިއުފާ ދެއްވައި، ސިފައިންނާއި ފުލުހުންގެ ވެރިކަން ނިމުމަކަށް ގެނެސް ރައްޔިތުންނަށް މިނިވަންކަން ދިނުމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔަ އެވެ.

"ޖުލައި 25 އިން ފެށިގެން އަހަރެމެން އުޅެމުން މިދަނީ އެންމެ މީހެއްގެ ވެރިކަމުގެ ދަށުގައި. ސަރުކާރެއް ނެތް. މަގުތައް ހުޅުވާލައި ހިސޯރު ނިމުމަކަށް ގެންނަންދެން އަހަރެމެން މިތަނުގައި މުޒާހަރާ ކުރަން ތިބޭނަން،" މުޒާހަރާގެ ބައިވެރިއެއް ކަމަށްވާ ޖައުހަރް ބިން މުބާރަކް، އަލް ޖަޒީރާ އަށް ބުންޏެވެ.

އޮކްޓޫބަރ 11، 2021؛ ތޫނިސްގެ ވަގުތީ ބޮޑުވަޒީރު ނަޖްލާ ބޫދެން (ކުރީ ބަރީގެ ވ-3) އެކުލަވައިލެއްވި ކެބިނެޓްގެ މެމްބަރުން، އެ ގައުމުގެ ރައީސް ގައިސް ސައީދު (ކުރީ ބަރީގެ މ)އާ އެކު ފޮޓޯއެއް ނަންގަވަނީ. --އޭއެފްޕީ

އޮކްޓޫބަރ 11، 2021؛ ތޫނިސްގެ ވަގުތީ ބޮޑުވަޒީރު ނަޖްލާ ބޫދެން (ކުރީ ބަރީގެ ވ-3) އެކުލަވައިލެއްވި ކެބިނެޓްގެ މެމްބަރުން، އެ ގައުމުގެ ރައީސް ގައިސް ސައީދު (ކުރީ ބަރީގެ މ)އާ އެކު ފޮޓޯއެއް ނަންގަވަނީ. --އޭއެފްޕީ

ޖުލައި 25 ވަނަ ދުވަހު ސަރުކާރު އުވާލައި ބޮޑުވަޒީރު މަގާމުން ދުރުކޮށް، ގާނޫނު ހަދާ މަޖިލިސް ބަންދު ކުރުމަށް ފަހު، ވެރިކަމުގެ ހުރިހާ ކަމެއް ކުރައްވަމުން ގެންދަވަނީ ރައީސް ގައިސް ސައީދެވެ. މިއީ ޑިމޮކްރެޓިކް ހަމަތަކާ ޚިލާފަށް ގެނައި އިންގިލާބެއް ކަމަށް، އާންމު ރައްޔިތުން ބުންޏަސް، ރައީސް ގައިސް ސައީދު ވިދާޅުވާ ގޮތުގައި، ސަރުކާރު އުވާލައި ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހުނީ، ދާހިލީ ހަނގުރާމައެއްގެ ތެރެއަށް ގައުމު ވެއްޓިދާނެތީ އެވެ.

އެތެރެ އާއި ބޭރުގެ ފިއްތުންތައް އިންތިހާ އަށް ބޮޑުވުމާ ގުޅިގެން، މިދިޔަ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު، ރައީސް ގައިސް ސައީދު ވަނީ، ސިޔާސީ އެއްވެސް ތަޖުރިބާއެއް ނެތް، ތައުލީމީ ދާއިރާގެ ބޭފުޅެއް ކަމަށްވާ، ނަޖްލާ ބޫދަން ރޮމްދާނީ، 63، ބޮޑުވަޒީރުކަމަށް އައްޔަން ކުރައްވައި ސަރުކާރެއް އެކުލަވާލައްވައިފަ އެވެ. ނަމަވެސް، ގާނޫނު ހަދާ މަޖިލިސް ބަންދުކޮށްފައި ބާއްވައިގެން، ރިއާސީ ގަރާރަކުން އެކުލަވައިލެއްވި އެ ސަރުކާރު، އެ ގައުމުގެ ސިޔާސީ ފަރާތްތަކުން ބަލައެއް ނުގަނެ އެވެ.

ސަރުކާރު އުވައިލުމަށް ފަހު ވެރިކަމުގެ ހުރިހާ ބާރުތަކެއް އަމިއްލަ ކުރެއްވުމާ ދެކޮޅަށް އާންމުން ފަށާފައިވާ މުޒާހަރާތަކުގެ ތެރެއިން، އެތައް ބަޔަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ރައީސް ގައިސް ސައީދުއާ ދެކޮޅަށް ފާޑުވިދާޅުވާ އެތައް ބަޔަކަށް، ސަރުކާރުގެ ފަރާތުން އިންޒާރުތައް ކުރިމަތިވެ، ސިޔާސީ ބިރުވެރިކަމެއް ވަނީ އުފެދިފަ އެވެ.