Roadha Mihaaru
އިޒްރޭލުގެ ދިފާއީވަޒީރު ވަކިކުރުމުން މުޒާހަރާ ހޫނުވެއްޖެ

އިޒްރޭލުގެ ދިފާއީ ވަޒީރު ވަކިކުރުމުން މުޒާހަރާ ހޫނުވެއްޖެ

27 މާޗް 2023

އިޒްރޭލުގެ ދިފާއީ ވަޒީރު ޔޮއާވް ގަލަންޓް، އެ މަގާމުން އިއްޔެ ވަކިކުރުމާ ގުޅިގެން، ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫގެ އިސްލާހީ އެޖެންޑާއާ ދެކޮޅަށް ކުރަމުން ދާ މުޒާހަރާ އިތުރަށް ހޫނުވެ ގިނަ ބަޔަކު މުޒާހަރާގައި ބައިވެރިވާން ފަށައިފި އެވެ.

އިޒްރޭލުގެ ދިފާއީ ވަޒީރު ޔޮއާވް ގަލަންޓް، އެ މަގާމުން އިއްޔެ ވަކިކުރުމާ ގުޅިގެން، ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫގެ އިސްލާހީ އެޖެންޑާއާ ދެކޮޅަށް ކުރަމުން ދާ މުޒާހަރާ އިތުރަށް ހޫނުވެ ގިނަ ބަޔަކު މުޒާހަރާގައި ބައިވެރިވާން ފަށައިފި އެވެ.

އެންމެ ގިނަ ބަޔަކު އިއްޔެ މުޒާހަރާ ކުރީ ވެރިރަށް ތެލް އަބީބްގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ގެކޮޅު ހުންނަ ސަރަހައްދުގަ އެވެ. އޭގެ އިތުރުން ވެސް އިޒްރޭލުގެ އެހެން ބޮޑެތި ސަހަރުތަކުގެ މަގުތަކަށާއި މައިދާންތަކަށް އެތައް ހާސް ބަޔަކު އެއްވެ، އިސްލާހީ އެޖެންޑާއާ ދެކޮޅަށް، އަދި ދިފާއީ ވަޒީރު ވަކިކުރުމާ ދެކޮޅަށް އަޑުއުފުލި އެވެ.

ދިފާއީ ވަޒީރު އެ މަގާމުން ވަކިކުރީ، ނަތަންޔާހޫގެ ސަރުކާރުން އެ ގައުމުގެ ގާނޫނީ އަދި ޝަރުއީ އޮނިގަނޑު ބަދަލުކުރުމާ ގުޅޭ ގޮތުން، ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހީ އެޖެންޑާގެ މަސައްކަތް ހުއްޓައިލެއްވުމަށް، ދިފާއީ ވަޒީރު ގޮވައިލެއްވުމާ ގުޅިގެންނެވެ. މި މައްސަލައިގައި ދިފާއީ ވަޒީރު މަގާމުން ވަކި ކުރެއްވި އިރު، އިސްލާހީ އެޖެންޑާއާ ދެކޮޅަށް އެ ގައުމުގެ އާންމުން މުޒާހަރާ ކުރާތާ މިހާރު ތިން މަސް ވަނީ އެވެ.

ދިފާއީ ވަޒީރު ޔޮއާވް ގަލަންޓް ވިދާޅުވި ގޮތުގައި އިސްލާހީ އެޖެންޑާގެ ސަބަބުން އުފެދެމުން ދަނީ އިޖްތިމާއީ ހަމަނުޖެހުމާއި ސަލާމަތީ ނުރައްކާތަކެވެ. އިޒްރޭލުގެ އަސްކަރިއްޔާގެ ކުރީގެ ވެރިންނާއި ފަނޑިޔާރުން އަދި ގާނޫނީ ވަކީލުން ވެސް، ނަތަންޔާހޫގެ އިސްލާހީ އެޖެންޑާއާ ދެކޮޅު ހަދާފައިވާ އިރު، އެމެރިކާ އާއި އިޒްރޭލުގެ ގާތް އެކުވެރި ގައުމުތަކުން ވެސް ވަނީ، އެ އެޖެންޑާއާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މަގާމުން ވަކިކުރި ދިފާއީ ވަޒީރު ޔޮއާވް ގަލަންޓްއަކީ، ނަތަންޔާހޫގެ ލީކޫޑް ޕާޓީގެ އިސް ބޭފުޅުންގެ ތެރެއިން، އިސްލާހީ އެޖެންޑާއާ ދެކޮޅަށް ފާޅުގައި ފުރަތަމަ އެއްޗެއް ވިދާޅުވި ބޭފުޅާ އެވެ. ނަމަވެސް އޭނާ މަގާމުން ދުރުކުރުމާ އެކު މުޒާހަރާ އިތުރަށް ވަރުގަދަވުމާ ގުޅިގެން، ލީކޫޑް ޕާޓީގެ ބައެއް އިސް ބޭފުޅުން ވަނީ، އިސްލާހީ އެޖެންޑާއާ ދެކޮޅު މޭރުމަކުން ވާހަކަ ދައްކަވައިފަ އެވެ.

އެ ގޮތުން ނަތަންޔާހޫ އެންމެ އިތުބާރު ކުރައްވާ، ކެބިނެޓްގެ މެމްބަރު، ސަގާފަތާ ބެހޭ ވަޒީރު މިކީ ޒޯހަރް ވިދާޅުވީ ޕާޓީގެ ފަރާތުން ނަތަންޔާހޫ އަށް ތާއީދުކުރާނީ، އިސްލާހީ އެޖެންޑާގެ މަސައްކަތް ހުއްޓައިލެއްވުމުން ކަމަށެވެ.

އިޒްރޭލުގެ ނޫސްތަކުން ބުނި ގޮތުގައި ވެރިކަން ކުރާ ލީކޫޑް ޕާޓީގެ އިސް ވެރިންގެ ކުއްލި ބައްދަލުވުމެއް މިއަދު ހެނދުނު ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ. އަނެއްކޮޅުން، މުޒާހަރާތައް އިންތިޒާމުކުރާ މަދަނީ ހަރަކާތްތެރިން ބުނާ ގޮތުގައި، އިސްލާހީ އެޖެންޑާއާ ދެކޮޅު މުޒާހަރާއެއް، ގުދުސްގައި ހުންނަ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރިމަތީގައި ވެސް ވަރަށް އަވަހަށް ބާއްވާނެ އެވެ.

މުޒާހަރާގެ ބައިވެރިން، ނަތަންޔާހޫގެ ގެކޮޅު ކައިރިއަށް އެއްވާން ފެށުމާއެކު ފުލުހުން ވަނީ، ޕަރެޝަރުގައި ފެންޖަހައި އެމީހުން އެ ސަރަހައްދުން ދުރަށް ޖައްސައިފަ އެވެ. ނަމަވެސް، މުޒާހަރާގެ ބައިވެރިން ވަނީ، އެ ސަރަހައްދަށް ދެވެން އޮންނަ ހައިވޭ ބަންދުކޮށް، ޓަޔަރު ފަދަ ތަކެތީގައި ހުޅުޖަހައި، އިތުރު ފުލުހުން އެ ސަރަހައްދަށް ވަނުމަށް ހުރަސް އަޅައިފަ އެވެ.

ދިފާއީ ވަޒީރު މަގާމުން ދުރުކުރުމާ ގުޅިގެން، އިޒްރޭލުގެ އިދިކޮޅު ލީޑަރުން ކަމަށްވާ ކުރީގެ ބޮޑުވަޒީރު ޔައީރް ލަޕީޑް އާއި ބެނީ ގަންޓްޒް ރޭގައި ވަނީ ގުޅިފައިވާ ބަޔާނެއް ނެރުއްވައި، ނަތަންޔާހޫގެ އެ ނިންމުން ކުށްވެރި ކުރައްވައިފަ އެވެ.

"ސިޔާސީ ގޮތުން ކުޅޭ ކުޅިގަނޑުގައި ޖަހަން އޮންނަ ކާޑަކަށް، ދައުލަތުގެ ސަލާމަތީ ކަންތައް ހަދައިގެން ނުވާނެ. ނަތަންޔާހޫ މިރޭ އެ ވަނީ ރަތް ރޮނގު ހުރަސް ކުރައްވާފައި. ގައުމީ ރައްކާތެރިކަން ފުނޑުފުނޑުކުރަން ކުރާ މަސައްކަތަށް އަތްބާރު އަޅައިދޭ ބަޔަކަށް ލީކޫޑް ޕާޓީ ނުވާތި،" ޔައީރް ލަޕީޑް އާއި ބެނީ ގަންޓްޒް ނެރުއްވި ބަޔާނުގައިވެ އެވެ.

ނަތަންޔާހޫގެ އިސްލާހީ އެޖެންޑާގައި ހިމެނެނީ، އެ ގައުމުގެ ޝަރުއީ ދާއިރާއަށް ލިބިގެންވާ ބައެއް ބާރުތައް ހަނިކޮށް އޭގެ ތެރެއިން ބައެއް ބާރުތައް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ދިނުމާއި، ބޮޑުވަޒީރާއި ކެބިނެޓްގެ އެހެން މެމްބަރުން މަގާމުން ވަކިކުރުމަށް ހުށަހެޅުމުގެ ބާރު ބަންޑާރަ ނާއިބުގެ އަތުން ނެގުމެވެ.

މި ބަދަލުތައް ގެނައުމާ ގުޅޭ ގޮތުން ނަތަންޔާހޫގެ ސަރުކާރުން އިއުލާންކޮށްފައިވާ އިސްލާހީ އެޖެންޑާގައި ހިމެނޭ ގާނޫނުތަކަށް އަމަލުކުރަން ފެށުމުން، އިޒްރޭލުގެ ހައި ކޯޓަށް ލިބިގެންވާ ބައެއް ބާރުތައް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް އަދި ބައެއް ބާރުތައް ޖަސްޓިސް މިނިސްޓްރީ އަށް ލިބިގެންދާނެ އެވެ. ގާނޫނު ހަދާ މަޖިލީހަށް ލިބިގެންދާނެ ބައެއް ބާރުތަކަކީ، ގާނޫނުއަސާސީއާ ޚިލާފު ކަމަށް ބުނެ، މީގެ ކުރިން ހައި ކޯޓުން ބާތިލުކޮށްފައިވާ ބައެއް ގާނޫނުތައް އަލުން ފާސްކުރުމުގެ ބާރު ލިބުމެވެ.

އިސްލާހީ ޕްރޮގްރާމްގެ ތެރެއިން ގާނޫނު ހަދާ މަޖިލީހަށް ލިބިދޭނެ އަނެއް ބާރަކީ، ސުޕްރީމް ކޯޓުން ނިންމާ ނިންމުންތައް ވެސް، ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ޖުމްލަ 120 މެމްބަރުންގެ ތެރެއިން، ސާދާ އަޣުލަބިއްޔަތު ކަމަށްވާ 61 މެމްބަރުންގެ ވޯޓުން ބަދަލުކޮށްލުމުގެ ބާރު ލިބުމެވެ.

އެ ގާނޫނުތަކުގެ ތެރެއިން، ބޮޑުވަޒީރާއި އޭނާގެ ސަރުކާރުގައި ހިމެނޭ ވަޒީރުން، މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ނާގާބިލުވެއްޖެ ކަމަށް ކަނޑައެޅުމާ ބެހޭ ގޮތުން ގާނޫނަށް ހުށަހެޅި އިސްލާހުތައް، މިދިޔަ ބުރާސްފަތި ދުވަހު ގާނޫނު ހަދާ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހުތައް ފާސްވީ، ޖުމްލަ 120 މެމްބަރުންގެ ތެރެއިން 61 މެމްބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ 47 މެމްބަރުންނެވެ.

މި ބިލު ފާސްވުމާއެކު، ބޮޑުވަޒީރާއި އޭނާގެ ސަރުކާރުގައި ހިމެނޭ ވަޒީރުން، މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ނާގާބިލުވެއްޖެ ކަމަށް ކަނޑައެޅުމުގެ ބާރު، އެ ގައުމުގެ ބަންޑާރަ ނައިބަށް ގެއްލުނީ އެވެ. އޭގެ ބަދަލުގައި، ޖިސްމާނީ ނުވަތަ ނަފްސާނީ ހާލަތެއްގެ ސަބަބުން، ބޮޑުވަޒީރު ނާގާބިލުވެއްޖެ ކަމަށް ކަނޑައެޅޭނީ، ކެބިނެޓްގެ ހަތަރު ބައިކުޅަ ތިން ބައިގެ އަޣުލަބިއްޔަތުންނެވެ. އަދި ވަޒީރަކު މަގާމަށް ނާގާބިލުވެއްޖެ ކަމަށް ކަނޑައެޅުމުގެ ބާރު ލިބެނީ ބޮޑުވަޒީރަށެވެ.