Roadha Mihaaru
އެއްފަހަރާ 100 މީހުން މޮނިޓާ ކުރެވޭނެ ގޮތަށް މޮނިކޮން ޓެގް ހޯދަނީ

އެއްފަހަރާ 100 މީހުން މޮނިޓާ ކުރެވޭނެ ގޮތަށް ނިޒާމު ބަދަލުކުރަން ޓެގް ހޯދަނީ

15 ނޮވެމްބަރ 2021

އެއްފަހަރާ 100 މީހުން މޮނިޓާ ކުރެވޭނެ ގޮތަށް ނިޒާމު ބައްޓަން ކުރުމަށް މޮނިކޮން ޓެގް ހޯދަން ހޯމް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެއްފަހަރާ 100 މީހުން މޮނިޓާ ކުރެވޭނެ ގޮތަށް ނިޒާމު ބައްޓަން ކުރުމަށް މޮނިކޮން ޓެގް ހޯދަން ހޯމް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.

އެ އިއުލާނުގައިވާ ގޮތުން، މީހުން މޮނިޓާ ކުރުމަށް އިލެކްޓްރޯނިކް ނިޒާމު ގާއިމު ކުރަން ބޭނުންވާ ތަކެއްޗާއި އެ ހިދުމަތް ފޯރުކޮށްދިނުމަށް އަދި ތަމްރީނު ދިނުމަށް ޝައުގުވެރިވާ މީހުން އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ބީލަމުގައި ރަޖިސްޓަރީވާން ޖެހެ އެވެ.

ބީލަމުގައި ރަޖިސްޓަރީ ވެވޭނީ [email protected] އަށް މެއިލް ކުރުމުންނެވެ.

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ އަންނަ ހަފުތާގެ ބުދަ ދުވަހު އެވެ.

އެކަމުގެ ތަފްސީލު ދެއްވަމުން ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަފްސީ އަބްދުﷲ "މިހާރު" އަށް ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ ވީހާ ވެސް އަވަހަކަށް މޮނިކޮން ޓެގް ހޯދައި އެއްފަހަރާ 100 މީހުންގެ ފައިގައި ޓެގް އަޅުވައި މޮނިޓާ ކުރުމަށް ކަމަށެވެ.

ހާލަތަށް ބަލައި އެ މީހުންގެ އަދަދު އިތުރުކުރަންޖެހޭ ވަރަކުން އެކަން ކުރަމުންދާނެ ކަމަށް ވެސް ހަފްސީ ވިދާޅުވި އެވެ.

މޮނިކޮން ޓެގު ހޯދުމަކީ މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައި އޮތް ކަމެއް ނޫނެވެ. ނަމަވެސް ސަރުކާރުން އިސްކަމެއް ދީގެން އެކަމަށް ހާއްސަ ބަޖެޓެއް ކަނޑައެޅީ އެވެ.

މީހުން މޮނިޓާކުރާނެ ސިސްޓަމް ހޯދަން ހޯމް މިނިސްޓްރީން އިއުލާނުކުރިއިރު، "މޮނިކޮން ޓެގު" ގެ ސްޓޮކް ހުސްވެފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ އެމްޑީޕީގެ "މެއި 6" ކޮމިޓީން ކުރިން ބުނެފައި ވެ އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ދައުލަތުގެ އިދާރާތަކުން ކަންކަން ކުރަމުންދާ ގޮތް ބެލުމަށްޓަކައި އެމްޑީޕީން އުފައްދާފައިވާ ކޮމިޓީގެ މުގައްރިރު ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ފުލުހުންނާ ހަވާލާދީ، މިދިޔަ އޮގަސްޓު މަހު ވިދާޅުވީ މޮނިކޮން އަމުރުގެ ދަށުން، ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ފައިގައި އަޅުވަން ބޭނުންކުރާ "މޮނިކޮން ޓެގް" ސްޓޮކް ހުސްވެފައިވާ ކަމަށެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ނެރޭ މޮނިކޮން އަމުރަކީ ބޮޑެތި ކުށުގެ ތުހުމަތު ކުރެވޭ މީހުން އުޅޭނޫޅޭ ގޮތް ބަލައި، ފާރަލުމަށް ހޯމް މިނިސްޓަރު ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، ހައި ކޯޓުން ނެރޭ އަމުރެކެވެ. އެ އަމުރު ނެރުމާ އެކު ތުހުމަތު ކުރެވޭ މީހުންގެ ފައިގައި މި "މޮނިކޮން ޓެގު" އަޅުވަ އެވެ. އެއް އަހަރުގެ މުއްދަތަށް ނެރޭ މޮނިކޮން އަމުރަކާ ހިލާފުވުމުގެ އަދަބަކީ 18 މަސް ދުވަހަށް ޖަލަށް ލުމެވެ. ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންގެ ފައިގައި ޓެގު އަޅުވަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އުމަރު ނަސީރު ހޯމް މިނިސްޓަރުކަމުގައި ހުންނެވި އިރު އެވެ.